އަފްޣާނިސްތާނުގެ ހާރިޖީ ވަޒީރު މައުލަވީ އާމިރު ހާން މުއްތަޤީ އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ދެކުނު އޭޝިއާގެ އެންމެ މަޝްހޫރު އިސްލާމީ މަރުކަޒުކަމަށްވާ ދާރުލްއުލޫމް ދެއޮބަންދަށް ޒިޔާރަތް ކުރައްވައި ތަޤްރީރު ކުރައްވައިފިއެވެ. މިއީ 2021 ވަނަ އަހަރު ޠާލިބާން ސަރުކާރު އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން އެ ގައުމުގެ އިސް ވަފުދަކުން އިންޑިއާއަށް ކުރި ފުރަތަމަ ދަތުރެވެ.
މި ދަތުރުފުޅުގައި އަފްޣާން މައުލަވީ މުއްތަޤީ ވަނީ އިންޑިއާގެ ހާރިޖީ ވަޒީރު އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމާއި ވިޔަފާރި އަދި އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ އެމްބަސީ ކާބުލްގައި އަލުން ހުޅުވުމާ ގުޅޭ މުހިންމު މަޝްވަރާތަކެއްވެސް ކޮށްފައި ވެއެވެ.
ދާރުލްއުލޫމް ދެއޮބަންދަށް ކުރެއްވި ޒިޔާރަތުގައި މުއްތަޤީ ވިދާޅުވީ، އަފްޣާނިސްތާނުގެ ހީރާތު ސަރަހައްދުގައި އޮންނަ ޗިޝްތީ ސޫފީ ނިޒާމާއި ދެއޮބަންދާ ދެމެދު ތާރީޚީ ގުޅުމެއް އޮންނަ ކަމަށެވެ. އަދި ދެއޮބަންދަކީ ދެކުނު އޭޝިއާގެ އެންމެ އިސް އިސްލާމީ މަދަރުސާތަކުގެ ތެރެއިން މަދަރުސާއެއްކަން ފާހަގަކުރެއްވިއެވެ. އަދި އޭނާ ވަނީ ހަދީސް އިލްމުގައި އިންޑިއާގެ ދަންނަބޭކަލުންގެ ދައުރުވެސް ފާހަގަ ކުރައްވައި ދެއޮބަންދުން އެގޮނރުން ކޮށްދީފައިވާ ޚިދުމަތްތަކަށް އަލިއަޅުވާލައްވާފައެވެ.
މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ދިއްލީގައި އޭނާ ބެއްވެވި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެވެ. ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުަގއި އަންހެން ނޫސްވެރިން ނުވައްދައި ބޭއްވުމަށްފަހު ފަހުން ވަނީ އެހެން ބައްދަލު ވުމެއްގައި އަންހެނުން ބައިވެރިކޮށްފައެވެ. މިއީ ކުރިން ޠާލިބާން ސަރުކާރާމެދު ކިޔަމުން ދިޔަ ފާޑުކިޔުންތަކަށް އެޅުނު އިޖާބީ ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
އދ. ގެ ދަތުރުފަތުރުގެ ޚާއްސަ ހުއްދައެއްގެ ދަށުން މައުލަވީ މުއްތަޤީ ކުރެއްވި މި ދަތުރަކީ، އަފްޣާނިސްތާނާއެކު ޢަމަލީ ގޮތުން މުޢާމަލާތް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުގެ ޝައުގުވެރިކަން ހުރި މިންވަރު ދައްކުވައިދޭ ކަމެކެވެ. އަދި މި ދަތުރުފުޅަކީ ސަގާފީ އަދި ޒަމާނީ ޑިޕްލޮމަސީ އެއްކޮށްލައިގެން ސަރަހައްދީ އަމަން އަމާންކަން ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
އަންހެނުން ނޫސްވެރިންނާއެކު ބޭއްވެވި ދެވަނަ ބައްދަލުވުމުގައި މުއްތަޤީ ވަނީ ސަރަޙައްދީ ބައިވެރިންނާއެކު އަލުން ގުޅުން ބަދަހިކުރުމަށް އަފްޣާނިސްތާނުން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. އަދި ހުއްޓިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަލުން ފެށުމާއި، ޗަބަހާރު ބަނދަރު މެދުވެރިކޮށް އިންޑިއާ އަފްޣާނިސްތާން ވިޔަފާރި އިތުރުކުރުމާއި، އަމްރިތްސަރާއި އަފްޣާނިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ ޕްލޭންތައް ވެސް ހާމަކުރިއެވެ. އަދި ވަކި ސަރަޙައްދުތަކުގައި އަންހެނުންނަށް ތަޢުލީމު ކުރިއަށްދާކަމަށާއި، ތަޢުލީމަކީ ޙަރާމް ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.







