"އެއީ ހަމާސްއެއް ނޫން. އެއީ ހަގީގަތުގައިވެސް އަންހެނުންނާއި ކުޑަކުދިން. ހަށިގަނޑު ފަޅަފަލައިގެން ގޮސްފައިވާ ކުޑަކުދިން ގެ ފޮޓޯތައް އަޅައި ނުލައި ދޫކޮށެއް ނުލެވޭނެ. އިމާރާތްތަކުގެ ދަށުން އެމީހުން ނަގަމުން ދަނީ. މިއީ ސްޓޭޖް ޕްލޭއެއް ނޫން، މިއީ ފޭކް ހަނގުރާމައިގެ ޕްރޮޕެގެންޑާއެއް ނޫން، މިއީ މުޅިން ހަގީގީ ކަމެއް."
މި ވާހަކަ ބުނި މީހާއަކީ ފަލަސްތީނުގެ ސިޔާސީ މީހެއް ނޫނެވެ. އެކްޓިވިސްޓެއްވެސް ނޫނެވެ. އަދި އަރަބި ސިޔާސީ މުހައްލިލެއްވެސް ނޫނެވެ. އަދި ފްރާންޗެސްކާ އަލްބަނީސް ފަދަ އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓެއް ވެސް ނޫނެވެ. ނުވަތަ ސުމޫދު ފްލޮޓިލާގެ ބަޠަލުންގެ ތެރެއިން ބަޠަލެއް ވެސް ނޫނެވެ.
މި ވާހަކަ ބުނި މީހާއަކީ އެމެރިކާގެ ކޮންގްރެސްގެ މެމްބަރެކެވެ. ދެ ވަނަ އެހެން މީހެއް ނޫނެވެ. އެއީ، ޓްރަމްޕްގެ ސިޔާސަތަށް ތާއީދު ކުރާ އެމެރިކާގެ ކޮންގްރެސް މެންބަރު މާޖޯރީ ޓޭލަރ ގްރީން އެވެ. އެއީ މަޝްހޫރު، އެމެރިކާގެ ހަރުކަށި ކަނާތުފިޔައިގެ ސިޔާސީ މީހެކެވެ. އަދި ރުޅިގަދަ، ދޮންމީހުންގެ ސުޕްރެމަސިސްޓު ފިކުރުގެ މީހެކެވެ.
އޭނާއަކީ އެމެރިކާގެ ސިޔާސަތުގައި އިސްރާއީލުގެ ނުފޫޒު ގަބޫލު ނުކުރެވޭ މިންވަރަށް އިތުރު ވެފައިޥާ ކަމަށް ބުނާ މީހެކެވެ.
އޭނާ ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާ ކަމަށް ބުނާ ވާހަކައާ މެދު ޝައްކު އުފައްދައި "އިސްރާއީލުގެ ސެކިއުލަރ ސަރުކާރު" ގެ އެދުމަށް "އެމެރިކާ މީހުން އީރާނަށް ބޮން އަޅަން ބޭނުން ނުވާ" ކަމަށް ވެސް ބުނެ ވާހަކަ ދައްކާފައެވެ.
އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ފަހު، ބުނެފައި ވަނީ "މިއީ އަހަރެމެންގެ ހަނގުރާމައެއް ނޫން" ކަމަށެވެ. "ނަތަންޔާހޫ ފުރަތަމަ އީރާނުގެ ރައްޔިތުންނަށް ބޮން ނައަޅާނަމަ އިސްރާއީލުގެ ރައްޔިތުންނަށް ބޮން އޮއްސާ ނުލީސް" ކަމަށް ވެސް އޭނާ ބުންޏެވެ.
"ޖެނޮސައިޑް" އާ ބެހޭ ގޮތުން ވާހަކަ ދެއްކި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މެންބަރު މިއީ އެމެރިކާއިން ޔަހުދީ ދައުލަތަށް ދޭ ފައިސާ ހުއްޓާލަން ގޮވާލާ މީހެކެވެ.
"އިސްރާއީލުން ޣައްޒާގެ ކެތޮލިކް ފައްޅިތަކަށް ބޮން އަޅާއިރު ޣައްޒާގައި އުދުވާނީ ހަނގުރާމަ ކުރިއަށް ގެންދާއިރު މުޅި އާބާދީތައް ފޮހެލަމުންދާ" ކަމަށް ބުންޏެވެ.
މިދިޔަ ޖުލައި މަހު، އެކްސް ގައި ކުރި ޓްވީޓެއްގައި ޣައްޒާގެ ހާލަތު "ނަސްލު ނައްތާލުމުގެ" ގޮތުގައި އޭނާ ސިފަ ކުރިއެވެ.
"އެމެރިކާއިން އިސްރާއީލަށް ފައިސާ ދެނީ ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން އަހަރަކު 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ގޮތުގައި. ޣައްޒާގައި ނަސްލު ނައްތާލުމަށް ފައިސާ ދޭކަށް އަހަރެން ބޭނުމެއް ނޫން، އަދި އެކަމާ މެދު ހިމޭނުން ނުހުންނާނަން" ކަމަށްވެސް ބުންޏެވެ.
އޭނާ ހުށަހެޅީ އިސްރާއީލުގެ އަޔަން ޑޯމް އަށް އެމެރިކާއިން ދޭ ފައިސާ ނިމުމަކަށް ގެނައުމަށް ޑިފެންސް އެހީ ދިނުމަށް އިސްލާހެއް ގެނައުމަށެވެ.
"އަޅުގަނޑަށް ޝައްކެއްވެސްނެތްގޮތުގައި ބުނަން ޖެހޭނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލުގައި މައުސޫމް މީހުންނަށް ދިމާވި ކަންކަމަކީ ބިރުވެރި ކަމެއް ކަމަށް. ހަމަ ޝައްކެއްވެސްނެތްގޮތުގައި ޣައްޒާގައި މައުސޫމް މީހުންނާއި ކުޑަކުދިންނަށް ދިމާވާ ކަންކަމަކީ ވެސް ބިރުވެރި ކަމެއް ކަމަށް." ގްރީޯން ބުނެފައި ވެއެވެ.
މިދިޔަ އޮގަސްޓް މަހު ގްރީން ބުނީ "ކޮންގްރެސްގެ ގާތްގަނޑަކަށް ހުރިހާ މެމްބަރުންގެ މައްޗަށް އިސްރާއީލުގެ ނުފޫޒާއި ކޮންޓްރޯލު ވަރަށް ބޮޑު" ކަމަށާއި "މި މެމްބަރުން ޓެލް އަވީވަށް ޒިޔާރަތް ކުރަން މަޖުބޫރު ކުރުމަށް މަސައްކަތް ކުރާ އިސްރާއީލަށް ތާއީދުކުރާ ޖަމާއަތެއް އެބަ އޮތް" ކަމަށެވެ.
އޭނާ ފާހަގަ ކުރި ގޮތުގައި "ދުނިޔޭގެ އެއްވެސް ގައުމަކުން އެމެރިކާގައި ނުފޫޒު ނެތް ވަރަށް އިސްރާއީލުގެ ނުފުޒު އެމެރިކާއަށް" އެބައޮތެވެ.





