އޮބާމާގެ ދެފުށް ދެގޮތް ކަމުން ފާޑު ކިޔައިފި

ކުރީގެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ދެއްކި ވާހަކަތަކުގައި، އިސްރާއީލާއި ފަލަސްތީނު ދެފަރާތް އެއްހަމައެއްގައި ބެހެއްޓުމަށް މަސައްކަތްކުރުމުން ފާޑު ކިޔައިފިއެވެ. އޭނާއަށް ޖެނޮސައިޑްގައި ފަލަސްތީނުގެ ރައްޔިތުންގެ ޖެކުޅުމާއި ވޭނާއި ހިތްދަތިކަން ފޮރުވާލުމަށް މަސައްކަތްކުރި ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

އޮބާމާ ވަނީ އެކްސް ގައި ކުރި ޕޯސްޓެއްގައި، އިސްރާއީލުގެ ހަނގުރާމައިގެ އަސީރުންނާއި ޣައްޒާގައި ޖެނޮސައިޑްގައި ގެއްލުވާލާފައިވާ އަދި ޝަހީދުކޮށްފައިވާ ރައްޔިތުން އެއްވަރުކޮށްފައެވެ. ނަމަވެސް މީޑިއާ ފާޑުކިޔުންތެރިންނާއި އިންސާނީ ހައްގުތަކުގެ ވަކީލުން ވަނީ އޭނާގެ ބަހުރުވައިން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނިއްޔަތުކަމެއް ނެތް ކަމަށް ހަދައި އެމީހުންގެ މަރުވި މީހުންގެ އަދަދުތައް ފޮރުވާލައި، އިސްރާއީލަށް ހަމްދަރުދީވުމަށް މަސައްކަތްކުރި ކަން ފާހަގަކޮށްފައެވެ.

މުސްލިމު މުޖުތަމައުތަކުގައި މުސްލިމުންނާއެކު މުސްލިމު އާއިލާއަކަށް އުފަންވެ ބޮޑުވި އޮބާމާއަށް ވަނީ މީގެ ކުރިންވެސް އިސްރާއީލު ފަލަސްތީނު މައްސަލައިގައި މިފަދަ ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފައެވެ. އޭގެ ތެރޭގައި 2023 ގެ އޮކްޓޯބަރުގައި ޖެނޮސައިޑް ފެށުމަށް އިސްރާއީލަށް "އަމިއްލަ ދިފާއުގެ ހައްގު" ލިބިގެންވާ ކަމަށް ބުނެ ޖެނޮސައިޑަށް ތާއީދުކުރުމާއި، 2024 ގެ އޮކްޓޯބަރުގައި ހަމާސްގެ އަގްސާ ޠޫފާނުގެ ހަމަލާގެ އަހަރީ ދުވަހާ ގުޅިގެން ކުރި ޕޯސްޓެއްގައި އިސްރާއީލަށް ބޮޑެތި ގެއްލުން ލިބުނު ކަމަށް ވާހަކަ ދެއްކުމާއެކު، 41,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވި ވާހަކަ ނުހިމެނުން ހިމެނެއެވެ.

ހިއްސާ ކުރައްވާ!