ރައިލާ އޮޑިންގާ އިންޑިޔާގައި ނިޔައުވެއްޖެ

ކެންޔާގެ ކުރީގެ ބޮޑުވަޒީރު ރައިލާ އޮޑިންގާ (80 އަހަރު) މިއަދު އިންޑިޔާގައި ހުންނަވަނިކޮށް ހިތުގެ އާލަސްކަންފުޅެއްގައި އަވަހާރަވެއްޖެއެވެ. 1945 ވަނަ އަހަރު މަސީނޯ ސިޓީގައި އުފަންވެވަޑައިގަތް އޮޑިންގާއަކީ ކެންޔާގެ ސިޔާސީ މައިދާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ލީޑަރެވެ.

2008 އިން 2013 އަށް ބޮޑުވަޒީރުކަން ކުރެއްވި އޮޑިންގާ ވަނީ މުހިންމު މަޤާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެނާޖީ ވަޒީރުކަމާއި އިންފްރާސްޓްރަކްޗަރ ވަޒީރުކަން ހިމެނެއެވެ. އަދި ގިނަ ފަހަރު މަތިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ކެނިޔާގެ ޑިމޮކްރެޓިކް އިސްލާހުތަކަށް ގޮވައި ލެއްވިއެވެ.

މިހާރުގެ ރައީސް ވިލިއަމް ރޫޓޯއާ ވާދަކުރައްވައި 2022 ވަނަ އަހަރު ކުޑަ ތަފާތަކުން ބަލިވެވަޑައިގަތުމަށްފަހު، 2024 ގައި އިދިކޮޅު ހަރަކާތްތައް ވަރުގަދަވުމާ ގުޅިގެން ސަރުކާރާއެކު އެއްބަސްވުމަކަށް ވަޑައިގެންނެވިއެވެ.

އޭނާ، 2025 ގައި އެފްރިކަން ޔޫނިއަންގެ ކޮމިޝަންގެ ރައީސްކަމަށް ކުރިމަތިލެއްވި ނަމަވެސް، އެ މަޤާމަށް ހޮވިވަޑައިގަތީ ޖިބޫތީގެ މަހުމޫދު އަލީ ޔޫސުފެވެ.

އޮޑިންގާގެ އަވަހާރަވުމަކީ ކެނިޔާގެ ސިޔާސީ މަސްރަހަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.

ހިއްސާ ކުރައްވާ!