އެމެރިކާގެ ދިފާއީ ވުޒާރާއިން ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައިފި

އެމެރިކާގެ ދިފާއީ ވުޒާރާ އިން ރިޕޯޓު ކުރަން ތިބޭ ގިނަ އަދަދެއްގެ ނޫސްވެރިންނަށް އެމީހުންގެ އޮފީސްތައް ހުސް ކުރުމަށް އަންގައި، އެމީހުންގެ ކާޑު އަތުލައިފިއެވެ. މިއީ ނޫސްވެރިންނަށް ވަދެނިކުމެ އުޅުމަށް ދިފާއީ ވުޒާރާއިން އަޅާފައިވާ އައު ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރަން ފެށުމާ ގުޅިގެން އަޅާފައިޥާ ފިޔަވަލެކެވެ.

ރޮއިޓަރސް އާއެކު 30 މީޑިއާ އޮފީހަކުން ވަނީ ނޫސްވެރިންގެ މިނިވަންކަން ހަނިކޮށް ސެންސަރު ކުރުމަށް މަސައްކަތް ކުރަން އުޅުމުން ޕެންޓަގަންއިން ސޮއިކުރުމަށް މަޖުބޫރު ކުރި އައު ސިޔާސަތުގައި ސޮއިކުރުމަށް އިންކާރުކޮށްފިއެވެ. މީޑިއާއިން ބުނެފައި ވަނީ މިއީ ރިޕޯޓު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށާއި، ދުނިޔޭގެ އެންމެ ބާރުގަދަ މިލިޓަރީއާ ބެހޭ ގޮތުން މިނިވަންކަމާއެކު ޚަބަރު ހޯދުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ބުނެއެވެ. އަދި އެމެރިކާ ސިފައިންގެ ކަންކަން ސިއްރު ކުރުމަށް ޓްރަމްޕް ސަރުކާރުން ކުރާ މަސައްކަތް ކަމަށް ސިފަ ކޮށްފައި ވެއެވެ.

ދިފާއީ ވުޒާރާއިން މަޖުބޫރުކޮށްފައިވާ އައު ސިޔާސަތުގެ ދަށުން، އެ ވުޒާރާއިން ބޭނުން ނުވާ ގޮތަށް ރިޕޯޓު ކޮށްފިނަމަ، އެ ފަރާތަކީ ސަލާމަތީ ގޮތުން ނުރައްކާތެރި ފަރާތްތަކެއްގެ ގޮތުގައި ސިފަކުރެވި، ޕެންޓަގަންއެިން ދީފައިވާ ވަދެ ނިކުމެ އުޅުމަށް ބޭނުން ކުރާ ކާޑު އަތުލެވިދާނެ ކަމަށް ބުނެފައިވެއެވެ. މިއީ ސިއްރު މަޢުލޫމާތާއި ބައެއް ބާވަތުގެ ސިއްރު ނޫން މަޢުލޫމާތު ރިޕޯޓު ކުރުމުން އަޅާފައިވާ ފިޔަވަޅެކެވެ. ޕެންޓަގަން ޕްރެސް އެސޯސިއޭޝަނުން ސިފަ ކޮށްފައި ވަނީ މިއަދަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަނދިރި ދުވަހެއް ކަމަށެވެ.

ހިއްސާ ކުރައްވާ!