އިސްރާއީލުގެ ރަށްވެރިކަމާއި އެމެރިކާގެ ރަށްވެހިކަން ގެންގުޅޭ ޑޮކްޓަރު އަދި ބިލިއަނަރު މިރިއަމް އެޑެލްސަންއަކީ ޓްރަމްޕްގެ ކަންކަމަށް ބޯކޮށް ފައިސާ ހޭދަ ކޮށްދޭ އަންހެނެކެވެ. އޭނާއަކީ ޓްރަމްޕްގެ ޒަޔަނިސްޓު ސިޔާސަތުގެ އެންމެ މުހިންމު ނިންމުންތަކުގެ ފަހަތުގައިވާ މުހިންމު ފަރާތެކެވެ. އިނގިރޭސިން ހިފައިގެން ތިބި ފަލަސްޠީނުގައި 1945 ގައި ޕޮލެންޑުން ހުސްފަޔާ މުޑުދާރު ހެދުންތަކެއް ލައިގެން އައިސް ފޭބި ޕޮލެންޑްގެ ރެފިއުޖީ މައިންބަފައިންގެ ދަރިއެއްގެ ގޮތުގައި އުފަން މިރިއަމްގެ ކެރިއަރު ފެށުނީ މެޑިކަލް ދާއިރާއިންނެވެ. ނަމަވެސް ކޭސިނޯ ހިންގަން އުޅުނު ޔަހޫދީއެއް ކަމަށްވާ ޝެލްޑަން އެޑެލްސަންއާ އިނދެގެން އޭނާގެ މިސްރާބު ބަދަލުވެ ސާދާގަރަކަށް ވިއެވެ.
އެޑެލްސަންގެ އާއިލާއަކީ ރިޕަބްލިކަން ޕާޓީއަށް މިލިއަނުން ދީލަތި ކަމާއެކު ހޭދަ ކުރާ ބައެކެވެ. މިގޮތުން މިރިއަމް އެކަނި ވެސް ޓްރަމްޕްގެ 2024 ގެ އިންތިޚާބަށް 100 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއް ގެ ފައިސާ ހަދިޔާ ކޮށްފައިވެއެވެ.
ޓްރަމްޕަކީ މިހާރު ސުލްހަ ވެރިއެއްކަމުގައި މަސައްކަތް ކުރާ މީހަކަށްވިއަސް އެމެރިކާ އެމްބަސީ ހިފާފައިވާ ގުދުސްއަށް ބަދަލު ކުރީ ޓްރަޕެވެ. އޭނާ މިކަން ކުރީ މިރިއަމް އެޑެލްސަންއާ އެކު ވައިޓްހައުސްގައި ބެއްވި ބައްދަލު ވުމަށްފަހު އެވެ. އޭނާ ވަނީ އެކަމަށްޓަކައި އޭނާގެ ދީލަތިކަން ޓްރަމްޕަށް ސާބިތުކޮށްދީފައެވެ. ހަމައެފަދައިން ޔަހޫދީން ހިފާފައިވާ ގޯލާންގެ އުސްބިންތަކަކީ ވެސް އިޒްރޭލުގެ ބައެއް ކަމަށް ޓްރަމްޕް ބަލައި ގަތީ މިރިއަމްގެ ދީލަތި ކަމާހެދިއެވެ.
2023 ގެ އޮކްޓޯބަރު 7 ގެ ހަމާސްގެ ހަމަލާތަކަށްފަހު، ޔަހޫދީންގެ ހަނގުރާމައިގެ އަސީރުންގެ އާއިލާތަކާއި ޓްރަމްޕް ގުޅުވައިދިނުމުގައި މިރިއަމް ވަނީ ދީލަތިކަން ދައްކައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ މަސައްކަތްތަކަށް ޓްރަމްޕް ވަނީ 2018 ގައި ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ދީފައެވެ. އަދި އިސްރާއީލް ސަރުކާރުން ވެސް ވަނީ އެ ޤައުމުގެ އެންމެ މަތީ ސިވިލް ޝަރަފު އޭނާއަށް ދީފައެވެ.







