އިންޑިއާގައި އުފައްދާފައިވާ ފުރަތަމަ ސެމީކޮންޑަކްތަރު ޗިޕްތައް އެމެރެިކާއަށް އެކްސްޕޯޓު ކުރަން ފަށައިފިއެވެ. އިންޑިއާގެ ކޭންސް ސެމިކޮން އިން ކެލިފޯނިއާގެ އަލްފާ އެންޑް އޮމެގާ ސެމިކޮންޑަކްޓަރ (އޭއޯއެސް) އަށް އިންޓެލިޖެންޓް ޕަވަރ މޮޑިއުލްސް (އައިޕީއެމް) ގެ ފުރަތަމަ ބެޗް ފޮނުވައިފިއެވެ. މިއީ އިންޑިއާއިން އެޑްވާންސްޑް ޗިޕް ޕެކޭޖިންގ ދާއިރާގައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް މީޑިއާއިން ބުނެއެވެ.
މި ފުރަތަމަ ޝިޕްމަންޓްގައި ހިމެނެނީ 900 މަލްޓި-ޗިޕް މޮޑިއުލްއެވެ. މީގެ ތެރޭގައި އިންސުލޭޓެޑް ގޭޓް ބައިޕޯލަރ ޓްރާންސިސްޓަރސް، ކޮންޓްރޯލަރ އައިސީތަކާއި، އަދި އެހެނިހެން ޑައޯޑްތައް ހިމެނެއެވެ. މި މޮޑިއުލްތަކަކީ އިލެކްޓްރިކް ވެހިކަލްތަކާއި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުގައި ބޭނުން ކުރާނެ ޗިޕްތަކެވެ.
މި މޮޑިއުލްތައް އުފައްދާފައިވަނީ ގުޖަރާތުގެ ސަނަންދުގައި އުފައްދާފައިވާ ކޭންސް ސެމިކޮންގެ އޯއެސްއޭޓީ ފެސިލިޓީގައެވެ. މި ފެސިލިޓީ ގާއިމުކޮށްފައިވަނީ އިންޑިއާ ސެމިކޮންޑަކްޓަރ މިޝަން 1.0 ގެ ދަށުން، ސަރުކާރުގެ މާލީ އެހީތެރިކަމާ އެކުގައެވެ.
މިއީ އިންޑިއާގެ ސެމިކޮންޑަކްޓަރ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ސިފަކޮށްފައި ވެއެވެ. މި ފެސިލިޓީން މިއަހަރު ދުވާލަކު 6.3 މިލިއަން ޗިޕް އުފެއްދުމަށް ވަނީ ރާވާފައެވެ. އަދި ކެލިފޯނިއާގެ އޭއޯއެސް ކުންފުނިން ދުވާލަކު 1.5 މިލިއަން ޗިޕް ބޭނުންކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، 5 އަހަރުގެ މުއްދަތަށް އަހަރަކު 10 މިލިއަން ޗިޕް ސަޕްލައިކުރުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.





