ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ހަވާލުވުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، ހަރިނީ އަމަރަސޫރިޔާ ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި ސިޔާސީ މާހައުލު އައު ގޮތަކަށް ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ފައެވެ.
ދިއްލީ ޔުނިވަރސިޓީގައި ތަގްރީރު ކުރައްވަމުން އަމަރަސޫރިޔާ ވަނީ ކޮރަޕްޝަނާއި ގާތްތިމާގެ މީހުންނަށް ވަޒީފާ ދިނުމުގެ މައްސަލަތަކާ ކުރިމަތިލުމަށް ގޮވާލައްވާފައެވެ. އަދި ސިޔާސީ ކަންކަމަށް ފުރަގަސް ދިނުމުގެ ބަދަލުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އަމަރަސުރިޔާ ކުރިން ކިޔަވައި ވިދާޅުވި ބަނާރަސް، ހިންދޫ ކޮލެޖަށް ޒިޔާރަތްކުރައްވައި، އާ ޒުވާން ޖީލާމެދު އުއްމީދު ބޮޑުކަން ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ޑިޖިޓަލް ހިންގުމުގެ ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުން އޮންނަ، ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމެއްގެ ގޮތުގައި ސިފަކުރައްވައި، އިންޑިއާގެ މި ނަމޫނާއަށް ބަލައިގެން ސްރީލަންކާވެސް ޑިޖިޓަލް ދާއިރާއިން އިސްލާހުތަކެއް ގެންނަން މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ. ބޮޑު ވަޒީރު އަމަރަސޫރިޔާގެ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކޮށް، ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކުރާނެ ދަތުރެކެވެ.






