ކާބުލްގައި ހުންނަ އިންޑިއާ ތެކްނިކަލް މިޝަން ފުރިހަމަ އެމްބަސީއަކަށް ބަދަލުކޮށްފި

ކާބުލްގައި އިންޑިއާއިން ހިންގަމުން އައި ތެކްނިކަލް މިޝަން މިއަދުން ފެށިގެން ފުރިހަމަ އެމްބަސީއަކަށް ބަދަލުކޮށްފިކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މިއީ އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު މައުލަވީ ޢާމިރު ޚާން މުއްތަޤީގެ އިންޑިއާ ދަތުރުފުޅުގައި ދެޤައުމުން ނިންމި ނިންމުމެކެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ބުނެފައިވާ ގޮތުގައި މި ނިންމުމަކީ އަފްގާނިސްތާނާއެކު ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އިންޑިއާއިން ކުރާ މަސައްކަތުގެ ސީރިއަސް ކަމުގެ ހެއްކެކެވެ. އަދި މީގެ ސަބަބުން އަފްޣާނިސްތާނުގެ ތަރައްޤީއަށާއި، އިންސާނީ އެހީތެރިކަމަށާއި، ޤާބިލްކަން އިތުރުކުރުމަށް އިންޑިއާއިން ދޭ އެހީތެރިކަން އިތުރުވެގެންދާނެއެވެ. އިންޑިއާއިން އަފްޣާނިސްތާނުގައި ފެނުން ކަރަންޓުއ ުފެއްދުމަށް ޑޭމް ބިނާ ކުރުމާއި މަގުތަކާއި ހަސްފަތާލުތައް ހެދުމުގެ މަސައްކަތް ކުރަމުން ދެއެވެ.

އޮކްޓޯބަރު 10 ގައި އިންޑިއާގެ ފޮރިން މިނިސްޓަރު އެސް. ޖައިޝަންކަރު އަދި އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު މައުލަވީ އަމީރު ޚާން މުއްތަޤީ ނިއުދިއްލީގައި ބައްދަލު ކުރައްވައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި، ސަރަޙައްދީ ކަންކަމާ މެދު މަޝްވަރާކުރައްވާފައި ވެއެވެ. މި ބައްދަލުވުމުގައި އިންޑިއާއިން އަފްޣާނިސްތާނުގެ ރައްޔިތުންނާއެކު އޮތް ދިގު މުއްދަތުގެ ރަހުމަތްތެރިކަމާއި، ދެ ގައުމުގެ ސަގާފީ އަދި ތާރީޚީ ގުޅުން ފާހަގަކޮށްފައި ވެއެވެ. އަދި އިންޑިއާއިން ވިސްނަނީ އީރާން މެދުވެރިކޮށް އަފްޣާނިސްތާނަށް ޗާބާރު ޕޯޓުން ސަޕްލައި ކުރާށެވެ.

ހިއްސާ ކުރައްވާ!