އިންޑިއާގައި ސްމާޓްފޯނުގެ މާކެޓު މެކުހަށް

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އިންޑިއާގެ ސްމާޓްފޯން މާކެޓް 3 އިންސައްތަ އިތުރުވެ، 48.4 މިލިއަން ޔުނިޓަށް އަރާފައިވެއެވެ. މި މުއްދަތުގައި ކުރިއާ ޚިލާފަށް މަތީ ރެކޯޑެއް ހަދައިފައި ވަނީ، އެޕަލްއިންނެވެ. އެކުްނފުނިން ވަނީ މާކެޓްގެ 10 އިންސައްތަ ހިއްސާ ހޯދާފައެވެ.

މާކެޓްގެ މި ކުރިއެރުން ލިބުނީ ޖުލައި އަދި އޯގަސްޓް މަހު އެޕަލްއިން އައު މޮޑެލްތައް ނެރުމާއި، ރީޓެއިލް އިންސެންޓިވްތަކާއި، ކުއާޓަރުގެ ކުރީކޮޅު ފެށުނު ފެސްޓިވް ސީޒަންގެ ސަބަބުންނެވެ. ވިޔަފާރިވެރިން ވަނީ މާކެޓިންގ ބަޖެޓްތައް ރީޓެއިލް އިންސެންޓިވް ޕްރޮގްރާމްތަކަށް ބަދަލުކޮށް، ޑިސްޓްރިބިއުޓަރުންނާއި ވިޔަފާރިވެރިންނަށް އެކި ބާވަތުގެ އިނާމުތައް ހުށަހަޅާފައެވެ.

އިންޑިއާގެ މާކެޓްގައި އެއްވަނަ ހޯދާފައި ވަނީ 20 އިންސައްތައިގައި އުޅޭ ވައިވޯ އެވެ. އެކުންފުނިން 9.7 މިލިއަން ޔުނިޓް ވިއްކައި، 20 އިންސައްތައިގެ މާކެޓް ހިއްސާ ހިފަހައްޓާފައެވެ. ސެމްސަންގް ވަނީ 6.8 މިލިއަން ޔުނިޓް ވިއްކައި ދެވަނަ ހޯދާފައެވެ. އަދި ޝިއާވްމީ ވަނީ 6.5 މިލިއަން ޔުނިޓް ވިއްކައި ތިންވަނަ ހޯދާފައެވެ.

އިންޑިއާގައި އެޕަލްގެ ކާމިޔާބީގައި ކުދި ސިޓީތަކުގެ ދައުރު މުހިންމު ކަން ފާހަގަކޮށްލެވެއެވެ. ކުދި ސިޓީތަކުގައި ބޮޑެތި ޑިސްކައުންޓްތަކާއި، ފެސްޓިވް އޮފަރތަކުގެ ސަބަބުން ވިޔަފާރި ރަނގަޅު ވެފައި ވެއެވެ. އަދި ކުރީގެ މޮޑެލްތަކުގެ އަގު ދަށްކޮށްގެން ވިއްކުމުން އައު މޮޑެލްތަކަށްވެސް ޑިމާންޑް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!