ހުޅަނގު އައްސޭރިއަށް ހަންފެތުރުމުން ޖެނޮސަައިޑް ހުއްޓާލާ އެއްބަސްވުމަށް އަސަރު ކުރާނެ ކަމަށް ބުނެފި

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ހުޅަނގު އައްސޭރީގެ ސަރަހައްދަށް އިޒްރޭލުގެ ސިޔާދަތު ފުޅާކުރުމަށް އަމާޒުކޮށް ފާސްކުރާ ގާނޫނުތަކަކީ ޣައްޒާގައި ޖެނޮސައިޑް ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުމަށް ނުރައްކާ ކުރިމަތިކުރުވާނެ ކަމެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ. ރޫބިއޯ ވިދާޅުވީ ހުޅަނގު އައްސޭރި ހިފުމަށް އެމެރިކާއިން އެއްބަސް ނުވާނެ ކަމަށާއި، މިފަދަ ބިލެއް ފާސްކުރުމަކީ ހަމަލާ ހުއްޓާލުމަށް ހުރި ފުރުޞަތަށް ނޭދެވޭ އަސަރުކޮށް، "ނޭދެވޭ ނަތީޖާއެއް" ނިކުންނާނެ ކަމެއް ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ޖެނޮސައިޑް ހިންގާ ނަތަންޔާހޫ ވަނީ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ދަތުރާ ދިމާކޮށް ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގައި ޔަހޫދީންގެ ހަންފެތުރުމަށް ދެ ބިލެއް ފާސްކޮށްފައެވެ.

މި ގާނޫނުތަކުގެ ތެރެއިން އެއް ބިލަކީ ޖުވިޝް އައިޑެންޓިޓީ މިނިސްޓަރު އާވީ މާއޯޒްގެ ހުށަހެޅުމެކެވެ. މި ގާނޫނު ފާސްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. 25 ވޯޓުން މި ބިލު ފާސްވީ އިދިކޮޅު 52 މެމްބަރުންގެ ތެރެއިން 28 މެމްބަރުން ވޯޓަށް ހާޒިރު ނުވުމުންނެވެ.

މީގެ އިތުރުން، އިދިކޮޅު ލީޑަރު އަވީގްޑޯ ލިބަރްމަން ހުށަހެޅި އަނެއް ގާނޫނަށް ވެސް ކަނެސެޓުން ވަނީ ރުހުން ދީފައެވެ. މި ގާނޫނު ބުނާގޮތުން، ޤުދްސްގެ ދެކުނުގައިވާ ޔަހޫދީ ބަސްތީތައް އިޒްރޭލުގެ ތަނެއް ކަމަށް ހަދައި އިޒްރޭލާ ގުޅުވާލަން ޖެހެއެވެ. އަދި އެއާއެކު ފަލަސްޠީނުގެ ވެރިރަށް ޤުދުސ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދެވޭނެއެވެ. މި ބިލް ފާސްވީ 31 ވޯޓުންނެވެ. ދެކޮޅަށް ވޯޓުލީ 9 މެމްބަރެކެވެ.

ހިއްސާ ކުރައްވާ!