ބަހެއްގައި އަލިފާން ރޯވެ 25 މަރު

ހައިދަރުއާބާދުން ބެންގަލޫރަށް ދަތުރުކުރަމުންދިޔަ ޕްރައިވެޓް ބަހެއް، އަންދްރާ ޕްރަދޭޝްގެ ކުރުނޫލް ޑިސްޓްރިކްޓް ކައިރީގައި ސައިކަލަކާ މުޑިއެރުމުން ބަހުގައި އަލިފާން ރޯވެ، މަގުމަތީގެ ބިރުވެރި ހާދިސާއެއް ހިނގައިފިއެވެ. މިއަދު ހުކުރު ދުވަހުގެ މެންދަމުން އަނބުރާ 3:30 ހާއިރު ހިނގި މި ހާދިސާގައި 25 މީހުން މަރުވިއެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ބަހުގެ ކުރީގައި އަލިފާން ރޯވުމަށް ފަހު އެ އަލިފާންގަނޑު މުޅި ބަހަށް ފެތުރިގެން ދިޔައެވެ. ބަހުގައި ގާތްގަނޑަކަށް 40 ފަސިންޖަރުން ތިއްބި ކަމަށް ވެއެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ އެމަޖެންސީ ދޮރުން ސަލާމަތުން ބޭރުވެފައެވެ. ނަމަވެސް އެމީހުންނަށް ކުދިކުދި އަނިޔާތައް ވެފައިވެއެވެ. ހާދިސާ ހިނގި ވަގުތު ބޯކޮށް ވާރޭވެހުނު ކަމަށްވެސް ވެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުރުމޫ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. ބޮޑުވަޒީރު ވަނީ މަރުވި ފަރާތްތަކުގެ އާއިލާތަކަށް ސަރުކާރުން މާލީ އިނާޔަތްތައް ދެއްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ. އަދި އަންދްރާ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޗަންދުރަބާބޫ ނައިޑޫ ވަނީ، އަނިޔާވި މީހުންނާއި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!