ޣައްޒާގެ އެހީ ދިނުމުގައި ޙަމާސްއާއި އޮންރުވާ ބައިވެރި ނުކުރާނެ ކަމަށް އެމެރިކާ ބުނޭ

ޖެނޮސައިޑް ނިންމުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގައި ބުނާ މިންވަރާ ގާތަކަށްވެސް ޣައްޒާއަށް އެހީ ނުވެއްދެއވެ. އިޒްރޭލުން ވަނީ އެހީ ވަންނަ ބައެއް ތަންތަން އަދިވެސް ބަންދުކޮށްފައެވެ. އަދި އެހީގެ ގާފިލާތަކަށް ނުލަފާ ޔަހޫދީން ހުރަސް އަޅައި ހުއްޓޫވަމުން ދެއެވެ. ފިނި މޫސުން ކުރިމަތިވާއިރު ހިޔާވައްސަށް ބޭނުންވާ ތަކެތި ލިބުންވެސް ވަރަށް ބޮޑަށް ދަތިވެފައިވެއެވެ. މިދަނޑިވަޅުގައި، މުޅި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށް އދ. ގެ ފަރާތްތަކުން ގޮވާލަމުންދާއިރު، ހިއުމެނިޓޭރިއަން އެހީ ފޯރުކޮށްދިނުމުގައި އެމެރިކާއާިއ ޔަހޫދީން ގެންގުޅޭ ހުރަސްތަކުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އިޒްރޭލުގައި މީޑިއާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޣައްޒާ ގެ މުސްތަޤްބަލްގެ ވެރިކަމުގައި ޙަމާސްއަށް އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ އެޖެންސީ އޮންރުވާއަކީ ޙަމާސްގެ ބައިވެރި ޖަމާއަތެއް ކަމަށް  ސިފަ ކުރައްވާފައެވެ،. މިއީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ދީފައިވާ އިސްތިޝާރީ ލަފައަށް ގޮން ޖެހުމެކެވެ. ރޫބިއޯ ވިދާޅުވަނީ ހަމާސްއަށް ވެސް އަދި އޮންރުވާއަށްވެސް އެހީ ބެހުމުގައި އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

ޖެނޮސައިޑް ނިންމާ އެއްބަސްވުމަށްފަހު ވެސް އިޒްރޭލުން ވަނީ ޣައްޒާގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލު ކުރަން ފަށާފައެވެ. މިދިޔަ ދެ ހަފްތާ ތެރޭގައިވެސް އިޒްރޭލުން ވަނީ ޣައްޒާ މީހުންނަށް އަމާޒުކޮށް ހަމަލަތައް ދީ ގަތުލުއާންމު ހިންގާފައެވެ. ޣައްޒާގެ ރައްޔިތުންނާއި އިސްވެރިން ބުނާގޮތުން، އިޒްރޭލްގެ ސިފައިން ދަނީ އެއްބަސްވުމާ ޚިލާފަށް ހަމަލާތައް ދީ ދަނޑުވެރިކަން ކުރާ ބިންތަކުގައި ހުރި ގެތައް ތަޅާލައި، ބިންތައް ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ. ޔަހޫދީ ޖެނޮސައިޑް ފޯސްއިން މިކަން ކުރަނީ "ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ” ނައްތާލާ ކަމަށް ބުނެ ބަހަނާ ދައްކަމުންނެވެ. ނަމަވެސް ޖެނޮސައިޑް ނިންމާ އެއްބަސްވުމުގައި ޣައްޒާގައި އިޒްރޭލްގެ އެއްވެސް އަސްކަރީ ހަރަކާތެއް ނުހިންގުމަށް ޝަރުޠުކޮށްފައި ވާތީ ގިނަ ފަލަސްތީނުގެ ރައްޔިތުން ދެކޭގޮތުގައި ޔަހުދީންގެ މިއަމަލުތަކަކީ ހަމަލާ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަކާ ޚިލާފުވުމެއް ކަމަށެވެ. 

މީޑިއާއާ ވާހަކަ ދައްކަމުން ރޫބިއޯ އިތުރަށް ވިދާޅުވީ، އިޒްރޭލްގެ ގާނޫނު ހަދާ މަޖިލީހުން ހުޅަނގު އައްސޭރި ހިފުމަށް ފާސްކުރި ކުރުމަކީ ޣައްޒާގައި ސުލްހަ ގާއިމްކުރުމަށް އޮތް ބިރެއް ކަމަށެވެ.

އެމެރިކާއިން ދަނީ އިޒްރޭލު ކޮންޓްރޯލު ކުރެވޭތޯވެސް މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ އިސް މަސްއޫލުވެރިން ދެކޭގޮތުގައި، އާދިއްތަ ދުވަހު އިޒްރޭލްގެ ހަމަލާތަކުން 40 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން މަރުވުމަކީ އިޒްރޭލް "ކޮންޓްރޯލުން ނެއްޓިގެން" އުޅޭކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ނަތަންޔާހޫއާ އެމެރިކާގެ ނާއިބް ރައީސް ޖޭޑީ ވެންސް ބެއްވި ބައްދަލު ކުރުމުގައިވެސް ޓްރަމްޕް ބޭނުން ވަނީ އެއްބަސްވުން ދަމަހައްޓަން ކަމަށް ބުނެ އެމެރިކާގެ ސީރިއަސްކަން ނަތަންޔާހޫއަށް އަންގާފައިވާނެ ކަމަށް ވެސް ބައެއް މަސްއޫލުވެރިން މީޑިއާއަށް ކިޔައި ދީފައި ވެއެވެ. 

 

ހިއްސާ ކުރައްވާ!