ބޫޓާން ލޯޔަރުން އިންޑިއާގެ ސުޕްރީމް ކޯޓުގައި ތަމްރީނު ކުރަނީ

ބޫޓާންގެ ޒުވާން ލޯޔަރުން އިންޑިއާގެ ސުޕްރީމް ކޯޓުގައި ތަމްރީނު ކުރުމަށް ދެ ފުރުސަތު ހުޅުވާލައްވާ ކަމަށް އިންޑިއާގެ އުއްތަމަ ފަނޑިޔާރު ބީ.އާރު. ގަވާއި، ބޫޓާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއުލާން ކުރައްްވައިފިއެވެ. މިއީ ދެ ގައުމުގެ މެދުގައި އޮތް ޝަރުއީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. ޖަސްޓިސް ގަވާއި ވަނީ ތިމްޕޫގައި ހުންނަ ބޫޓާނުގެ އެންމެ ބޮޑު ގާނޫނީ ކޮލެޖު ކަމަށްވާ ޖޭ.އެސް.ޑަބްލިޔު ސްކޫލް އޮފް ލޯއަށް ޒިޔާރަތް ކުރައްވާފައެވެ.

އެ ކޮލެޖުގައި ދަރިވަރުންނާއި ފެކަލްޓީ މެމްބަރުންނާ މުޚާތަބު ކުރައްވަމުން ޗީފް ޖަސްޓިސް ގަވާއި ވަނީ ގާނޫނީ ދާއިރާގެ މަސައްކަތުގައި ހިތްވަރާއި، ހިކުމަތާއި، އަޚްލާގީ ޒިންމާގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޗީފް ޖަސްޓިސް ގަވާއިގެ އަރިހުގައި ބޫޓާންގެ ޕްރިންސެސް ސޮނަމް ދެޗެން ވަންގްޗުކް އާއި ބޫޓާނުގެ ޗީފް ޖަސްޓިސް ނޯބޫ ޝެރިންގް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ސަބަބުން މިކަމުގެ ރަސްމީ އަދި ސިޔާސީ ބަރުދަން ވަނީ އިތުރުވެފައެވެ.

ޗީފް ޖަސްޓިސް ގަވާއި ވަނީ ބޫޓާނުގެ ލީޑަރުން ކަމަށްވާ ކިންގް ޖިގްމޭ ކެސަރ ނަމްގިޔަލް ވަންގްޗުކް އާއި ބޮޑުވަޒީރު ދާޝޯ ޝެރިންގް ޓޮބްގޭއާ ވެސް ބައްދަލުކުރައްވައި، ޝަރުއީ އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އިންޑިއާގެ ޝަރުއީ ނިޒާމުން ވަނީ ގާނޫނީ މައުލޫމާތު ބަދަލުކުރުން ފަދަ ދާއިރާތަކުން ބޫޓާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރިކަން ހާމަކޮށްފައެވެ. ދެ ފަރާތުން ވެސް ވަނީ ޝަރުއީ ޑިޕްލޮމަސީގެ ތެރެއިން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އަޒުމު ކަނޑައަޅާފައެވެ.

ހިއްސާ ކުރައްވާ!