އިންޑިއާއިން އަފްޣާނިސްތާނު މެދުވެރިކޮށް މެދުތެރޭ އޭޝިއާއާ އޮތް ގުޅުން ވަރުގަދަކުރަނީ

އިންޑިއާއިން އެގައުމުގެ ސަރަހައްދީ ސްޓްރެޓެޖީ ބަދަލުކޮށް، މެދުތެރޭ އޭޝިއާއާ އޮތް ގުޅުން ވަރުގަދަކުރަމުންދާއިރު، އެ ގުޅުމުގެ މައިގަނޑު އެއް ނާރެހަކީ އަފްޣާނިސްތާނެވެ. އިންޑިއާއިން މިހާރު ގެންގުޅެމުންދާ ސްޓްރެޓެޖީއަކީ، ޢަމަލީ ސިޔާސަތުތަކާއި ތަރައްޤީގެ ޑިޕްލޮމެސީ އެއްކޮށްލައިގެން ތާލިބާނާއެކު ކުރިއަށްދިއުމެވެ.

އިންޑިއގެ ސިޔާސަތަށް އައިސްފައިވާ ބަދަލުގެ ތެރެއިން، އިންޑިއާއިން ވަނީ ކާބުލްގައި ހުންނަ އިންޑިއާގެ ޑިޕްލޮމެޓިކް މިޝަން ފުރިހަމަ އެމްބަސީއަކަށް ބަދަލުކޮށްފައެވެ. މިއީ ތާލިބާނުގެ ވެރިކަން ރަސްމީކޮށް ޤަބޫލުނުކުރި ނަމަވެސް، ޝަރުޠުތަކަކާއެކު އެކުވެރިކަން ބަދަހިކުރުމަށް އިންޑިއާއިން ނިންމި ނިންމުމެކެވެ. މި ނިންމުން އައީ އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު މައުލަވީ އަމީރު ޚާން މުއްތަޤީ ނިއުދިއްލީއަށް ކުރެއްވި ދަތުރަށް ފަހުއެވެ. އެ ދަތުރުގައި ދެ ގައުމުންވެސް ވަނީ ސިޔާދަތާއި، ސަލާމަތާއި، އެތެރޭގެ ކަންކަމަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން އަނެއް ފަރާތަށް ދީފައެވެ.

ސްޓްރެޓެޖިކް ގޮތުން ބަލާއިރު، އަފްޣާނިސްތާނަކީ އިންޑިއާއަށް މެދުތެރޭ އޭޝިއާއަށް ވަނުމަށް މުހިންމު ދޮރާއްޓެކެވެ. މިއީ ސަރަހައްދީ ވިޔަފާރިއާއި، ހަކަތައިގެ ކޮރިޑޯތަކާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް ވަރަށް މުހިންމު ދޮރާއްޓެކެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބިޝްކެކްގައި ބޭއްވި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ފެންވަރުގެ ސަމިޓުން މި ވިސްނުން ވަރަށް ރަނގަޅަށް ހާމަވެއެވެ. އެ ސަމިޓްގައި އިންޑިއާއާއި މެދުތެރޭ އޭޝިއާގެ ފަސް ޖުމްހޫރިއްޔާ ބައިވެރިވެ، ޓެރަރިޒަމް، އަދި ހައްދުފަހަނައަޅައި ދިއުން، އަދި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ޢާންމު ނުރައްކާތަކާ ބެހޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.

ނިއުދިއްލީން ދަނީ އަފްޣާނިސްތާނުގައި އުމްރާނީ ތަރައްޤީއާއި އިންސާނީ އެހީގެ މަޝްރޫޢުތަކުގައި އިންވެސްޓްކުރަމުންނެވެ. މީގެ ތެރޭގައި ޗާބަހާރު–ޒަރަންޖް–ދެލާރާމް ކޮރިޑޯ އާއި އިންޑިއާ–އަފްޣާނިސްތާން އެއަރ ފްރެއިޓް ކޮރިޑޯ ހިމެނެއެވެ. މި މަޝްރޫޢުތަކުގެ މަޤްޞަދަކީ ޕާކިސްތާނަށް ބަރޯސާވުމުގެ ބަދަލުގައި ސަރަހައްދީ ގުޅުން ބަދަހިކުރުމެވެ. އަދި މި މަޝްރޫޢުތަކުގެ ސަބަބުން ސިއްޙީ އަދި ތަޢުލީމީ ޕްރޮގްރާމްތައް މެދުވެރިކޮށް އަފްޣާނިސްތާނުގެ ރައްޔިތުންނަށް ޢަމަލީ ފައިދާތަކެއް ލިބިގެންދާނެއެވެ.

އިންޑިއާގެ މި ސިޔާސަތު ސިފަކުރެވެނީ ތާލިބާން “ޤަބޫލުނުކޮށް ގުޅުން ބަދަހިކުރުން“ގެ މަގެއްގެ ގޮތުގައެވެ. މިއީ ތާލިބާނުގެ ޝަރުޢީ ހައިސިއްޔަތާ މެދު އިންޑިއާއަށް ހުރި ޢުޞޫލީ ރިޒަވޭޝަންތަކާއި، ޢަމަލީ ގޮތުން އެއްބާރުލުން ދިނުމުގެ މުހިންމުކަން ހަމަހަމަކުރުމުގެ ސިޔާސަތެކެވެ. ސަރަހައްދީ ބާރުތަކުން މަޑުމަޑުން ކާބުލްއާ އެކު ގުޅުން އަދާހަމަ ކުރަމުން ގެންދާއިރު އިންޑިއާއިން މިވަނީ އޭޝިއާ ސަރަހައްދުގައި ހަމަޖެހުމާއި، ގުޅިފައިވާ، އަދި ތަރައްޤީވެފައިވާ މުސްތަޤްބަލަކަށް މަސައްކަތްކުރާ ޒިންމާދާރު ބައިވެރިއެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށް މަސައްކަތް ފަށާފައެވެ.

ހިއްސާ ކުރައްވާ!