އިންޑިއާގެ ފަތުރުވެރިން ގެނައުމަށްޓަކައި މިހާރު މެލޭޝިޔާގައި ޔޫޕީއައި (ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް) ބޭނުންކޮށްގެން ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިއީ ފައިސާ ނުވަތަ ކަރަންސީ ބަދަލުކުރުމަކާ ނުލައި ދަތުރުކުރުމުގެ ފަސޭހަ ލިބިގެންދާނެ ކަމެކެވެ. ކާބޯތަކެތި ވިއްކާ ތަންތަނުން ފެށިގެން ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ތަންތާނގައި ވެސް، އިންޑިއާގައި ބޭނުންކުރާ ފަދައިން މެލޭޝިއާގައި މިހާރު ޔޫޕީއައި މިހާރު ބަލައިގަންނާނެއެވެ.
މެލޭޝިޔާގައި މި ޚިދުމަތް ތައާރަފުކުރުމަކީ ޔޫޕީއައި ދުނިޔޭގައި އާންމު ކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެ ކުރިން ވެސް އިންޑިއާއިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މި ޚިދުމަތް ތައާރަފުކޮށްފައެވެ. މިގޮތުން، 2021 ވަނަ އަހަރު ކިއުއާރު ކޯޑު މެދުވެރިކޮށް ޔޫޕީއައި ބޭނުންކުރަން ފެށި ފުރަތަމަ ގައުމަކީ ބޫޓާން އެވެ. އަދި ނޭޕާލް ގައި ވަނީ ފޯންޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ފްރާންސް ގައި ވެސް މި ޚިދުމަތް ފެށިގެން ގޮސްފައި ވެއެވެ. ފުރަތަމަ ފެށީ އީފެލް ޓަވަރުގެ ޓިކެޓް ވިއްކުމުންނެވެ. އަދި މިހާރު ޔޫއޭއީ ގައި 200,000 އަށް ވުރެ ގިނަ ޓާމިނަލްތަކުން ޔޫޕީއައި ބަލައިގަނެއެވެ. މި އަހަރުގެ ތެރޭގައި ސްރީ ލަންކާ އާއި މޮރިޝަސް ގައި ވެސް ވަނީ ޔޫޕީއައި އާއި ރޫޕޭ ގުޅިގެން ޚިދުމަތް ދޭން ފަށާފައެވެ.
އެމެރިކާގެ ވިސާއާއި އެމެކްސްފަދަ ބޭރު ފައިސާއިން މުއާމަލާތު ކުރާ ފަރާތްތަކާ ނުލައި ފައިސާ ބަދަލު ކުރުމުގެ ސަބަބުން މެލޭޝިޔާގެ ވިޔަފާރިތަކަށް އިންޑިއާގެ ކަސްޓަމަރުން އިތުރަށް ލިބޭނެ ކަމަށް މެލޭޝިއާއިން ލަފާ ކުރެއެވެ. މިކަމުގެ ސަބަބުން ފައިސާ ބަދަލުކުރުމުގެ ހަރަދު ކުޑަވެ، ދަތުރުވެރިންނަށް ލިބޭ ފަސޭހަ އިތުރުވެގެންދާނެއެވެ. މިދިޔަ އަހަރު އެކަނި ވެސް މެލޭޝިޔާގައި އިންޑިއާގެ ފަތުރުވެރިން ވަނީ 110 ބިލިއަން ރުޕީސް (ގާތްގަނޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރު) ހޭދަކޮށްފައެވެ. މި ފަދަ ބޮޑު މާކެޓަކަށް ޔޫޕީއައި ހުޅުވާލުމަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ލިބޭ ބާރެކެވެ.
މެލޭޝިޔާގައި ޔޫޕީއައި ބޭނުންކުރުމުގެ މައިގަނޑު ފައިދާތައް:
- ކޭޝް ނުވަތަ ފައިސާ ބަދަލުކުރުމުގެ ބޭނުން ނުޖެހުން: ވަގުތުން ވަގުތަށް ޑިޖިޓަލް ޕޭމަންޓްސް ހެދުން.
- ފަސޭހަކަން: އިންޑިއާގައި ބޭނުންކުރާ ފަދައިން އެއް އެޕްލިކޭޝަނެއް ބޭނުންކޮށްގެން ފައިސާ ދެއްކުން.
- އިގްތިސާދީ ފައިދާ: ފައިސާގެ މުއާމަލާތް ކުރުމާއި ބަދަލުކުރުމުގެ ހަރަދު ކުޑަވުން.
މި ޚިދުމަތް ފުޅާވުމާއެކު، މެލޭޝިޔާގައި ވިޔަފާރިކުރާ ފަރާތްތަކަށް ވެސް އިންޑިއާގެ ފަތުރުވެރިންގެ ފަރާތުން ލިބޭ އާމްދަނީ އިތުރުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ޑިޖިޓަލް ޕޭމަންޓްސްގެ ނިޒާމް ކުރިއެރުވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ކާމިޔާބީއެކެވެ.





