ޔޫރަޕާއި އެފްރިކާގެ ގައުމުތަކުގައި ހިންގާ ޗައިނާގެ ކުންފުނިތަކަކުން ކަސްޓަމްސް ޑިއުޓީއާއި ވެލިއު އެޑެޑް ޓެކްސް އާއި ގުޅޭ ބޮޑެތި މައްސަލަތަކެއް ހިންގާފައިވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މި ސްކީމްތަކުގެ ސަބަބުން ބިލިއަނުން ޑޮލަރުގެ ޓެކްސްގެ އާމްދަނީ އެތަންތާނގެ ސަރުކާރުތަކަށް ގެއްލިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫރަޕިއަން ޕަބްލިކް ޕްރޮސެކިއުޓަރސް އޮފީސް (އީޕީޕީއޯ) އިން ހާމަކުރި ގޮތުގައި، ޔޫރަޕްގައި ހިންގާފައިވާ ސްކީމްތަކުގެ ސަބަބުން 820 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ. މިއީ އިމްޕޯޓް ޑޮކިއުމެންޓްތައް އޮޅުވާލުމުން ހިންގާފައިވާ ސްކީމެކެވެ. މި މައްސަލައާއި ގުޅިގެން 14 ގައުމެއްގައި ރެއިޑްތައް ހިންގާފައި ވެއެވެ. އޭގެ ތެރޭގައި ފްރާންސް، ސްޕެއިން، ބަލްގޭރިއާ، އަދި ގްރީސް ހިމެނެއެވެ.
މި ސްކީމްތަކުގެ ދަށުން، ފޮތިފަދަ ތަކެއްޗާއި، އީސްކޫޓަރު އަދި އީބައިކު ފަދަ ތަކެތި ވަނީ ޓެކްސް ނުދެއްކުމަށްޓަކައި އަގު ދައްކޮށްގެން އިންވޮއިސް ހަދާފައެވެ. މި ކަން ހިންގާ ނެޓްވޯކްތަކުގައި އުޅެނީ ޗައިނާގެ ރައްޔިތުންނެވެ. އެމީހުން ވަނީ އިމްޕޯޓް ކުރުމުން ފެށިގެން ވިއްކުމާއި، ފައިސާ ދޮވުމާ ހަމައަށް ސަޕްލައި ޗެއިން މެނޭޖްކޮށްފައެވެ. ރެއިޑް ކުރުމުގެ ތެރޭގައި ގްރީސްގެ ކަސްޓަމްސް ބްރޯކަރެއްގެ އަތުން 3 މިލިއަން ޔޫރޯ ވަނީ ހޯދާފައެވެ. އަދި އިޓަލީން ޗައިނާގެ 13 މީހަކާއި އަދި އިޓަލީގެ 4 މީހުންނާ ގުޅުންހުރި 71 މިލިއަން ޔޫރޯއެއް ވަނީ ފްރީޒްކޮށްފައެވެ. ޖަރުމަނުން ވަނީ ރެއިލްވޭ މަގުން ލައިގެން ހިންގާފައިވާ ކަސްޓަމްސްގެ އޮޅުވާލުންތަކާ ގުޅިގެން 50 ތަނެއް ބަލާ ފާސްކޮށްފައެވެ.
އެފްރިކާގެ ބައެއް ގައުމުތަކުގައި ވެސް ޗައިނާގެ ކުންފުނިތަކުން ޓެކްސް ނު ދައްކާ ކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ކެންޔާގައި، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ އިން އަގު ދަށްކޮށްފައެިވާ އިންވޮއިސް ބޭނުންކޮށްގެން 1 ބިލިއަން ކެންޔަން ޝިލިންގަށް ވުރެ ގިނަ ފައިސާގެ ޓެކްސް އަށް އޮޅުވާލާފައި ވެއެވެ. އެކަމާ ގުޅިގެން އެކުންފުންޏާ ދެކޮޅަށް ދައުވާ ވަނީ އުފުލާފައެވެ. ޔޫގަންޑާގައި 2018 ވަނަ އަހަރު ޓެކްސްގެ މަކަރާ ގުޅޭ ރިޕޯޓެއްގައި ޗައިނާގެ 90 ކުންފުނި ލިސްޓްކޮށްފައި ވެއެވެ. ގާނާގައި ޗައިނާ 2 މީހަކު ޓެކްސްއަށް މަކަރު ހެދުމަށް އިންވޮއިސްތައް ބަދަލުކޮށްގެން އުޅުނު ކަމުގެ ކުށުގައި ހައްޔަރުކޮށްފައިވެއެވެ.
ދެކުނު އެފްރިކާއިން ވަނީ ކަސްޓަމްސްއަށް އޮޅުވާލުމާއި މަކަރު ހެދުމާ ގުޅިގެން ޗައިނާއިން އައި 19 ކޮންޓެއިނަރު ހިފަހައްޓާފައެވެ.
ނައިޖީރިއާގައި ޓެކްސް ދެއްކުމަށް އޮޅުވާލުމުގެ ދައުވާގައި ޗައިނާގެ މައުދަން ނަގާ ދެ ކުންފުންޏެއްގެ މައްޗަށް 12 ބިލިއަން ނައިރާ ހޯދުމަށް ދައުވާ އުފުލާފައިވެއެވެ.
ޒިމްބާބްވޭގައި 40,000 ޑޮލަރުގެ ޓެކްސްއަށް މަކަރު ހެދިކަމުގެ ކުށުގައި ޗައިނާގެ ވިޔަފާރިވެރިއަކު ޖަލަށް ލާފައި ވެއެވެ.
ޔޫރަޕިއަން ޗީފް ޕްރޮސެކިއުޓަރ ލޯރާ ކޮވޭސީ ވިދާޅުވީ، މިފަދަ ސްކީމްތަކުގެ ސަބަބުން އެތެރޭގެ އުފެއްދުންތެރިންނަށް ގެއްލުންވާކަމަށާއި، ކްރިމިނަލް ގްރޫޕްތަކުން ސަޕްލައި ޗެއިނަށް ބާރު ހިންގުމުގެ ފުރުސަތު އީޔޫީގެ ގައުމުތަކުން ނުދޭނެ ކަމަށެވެ.






