އެމެރިކާއިން ދިން ހަތިޔާރު ބޭނުންކޮށްގެން ޖެނޮސައިޑް ހިންގި ގޮތް އެމެރިކާއިން ވަޒަންކޮށްފި

އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްސްގެ ރައީސް ޑޭން ކިން، ވަނީ އެމެރިކާއިން ޖެނޮސައިޑް ހިންގަން އިޒްރޭލަށް ދިން ހަތިޔާރު ބޭނުންކޮށްފައިވާ ގޮތުން ނިކުތް ނަތީޖާ ވަޒަން ކޮށްލުމަށް ހެލިކޮޕްޓަރެއްގައި ޣައްޒާ މަތިން ބުރެއް ޖަހާލާފައެވެ. ފޮޜޯގައި މި ވަނީ އެ ބުރުޖެހުން ނިންމާލުމަށްފަހު އޭނާ ޔަހޫދީންގެ ޗީފް އޮފް ސްޓާފްސްއާ ބައްދަލު ކުރި މަންޒަރެވެ.

އިޒްރޭލުގެ ޔެޑިއޮތު އަހްރޮނޮތު ނޫހުން ބުނާ ގޮތުގައި، މި ދަތުރުގައި ޣައްޒާގެ އެކި ސަރަހައްދުތަކާއި އިޒްރޭލުގެ ޖެނޮސައިޑް އޮޕަރޭޝަންތަކުގައި ބޮޑެތި ގެއްލުންތައް ދީފައިވާ ސަރަހައްދުތައް ހިމެނެއެވެ. ނަމަވެސް، މި ދަތުރުގެ ތަފްސީލުތަކާއި، އެމެރިކާގެ މި އިސް އޮފިޝަލްގެ ފަރާތުން ޔަހޫދީ ޖެނޮސައިޑް ފޯސްގެ ކުޅަދާނަ ކަމާ ބެހޭގޮތުން ތައުރީފް ކުރިކަމަށް ނޫނީ ބަދު ބަހެއް ބުނިކަމަކަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

މިއީ ޖެނޮސައިޑަށް ހިތްވަރުދޭ އެމެރިކާގެ އަސްކަރީ އިސް އޮފިޝަލް އިޒްރޭލަށް ކުރާ ދެވަނަ ދަތުރެވެ. އެންމެ ފަހުން އޭނާ ޔަހޫދީންގެ ގައުމަށް އައީ މިދިޔަ އޮކްޓޯބަރު މަހުގެ މެދުތެރޭގައެވެ.

އިޒްރޭލުގެ ނޫސްތަކުން އޭނާގެ ބައްދަލުވުމާ ބެހޭ ގޮތުން ބުނަނީ އެއީ ސަލާމަތީ ކަންކަން ހިއްސާކުރުމާއި، ޖެނޮސައިޑް ހަނގުރާމައަށް ފަހު ޣައްޒާގެ މުސްތަގުބަލާއި، ޔަހުދީން ހިފާފައިވާ ޣައްޒާގެ ސަރަހައްދުތައް އެމެރިކާ ބޭނުންވާ ގޮތަށް އަލުން ބިނާކުރުމުގެ ޕްލޭންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮށްދފައިވާ ދަތުރެއް ކަމަށެވެ.

އޭގެ އިތުރުން، އެމެރިކާގެ ޖެނެރަލް ވަނީ ޓްރަމްޕްގެ ޚިޔާލީ ފޮލާކަމަށްވާ ވަގުތީ ގޮތުން ޖެނޮސައިޑް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރުމަށް ހިފާފައިވާ ފަލަސްޠީނުގައި އޮންނަ ޔަހޫދީންގެ ކިރިޔާތު ޝެމޯނާ ބަސްތީގައި ހަދާފައިޥާ މަރުކަޒަށްވެސް ޒިޔާރަތް ކޮށްފައެވެ. އެތަނުގައި އެމެރިކާގެ ސިޔާސަތު ވިލަރެސް ކުރާ އިޒްރޭލުގެ ޖެނެރަލް ޔާކީ އަޑޮލްފްއާ އޭނާ ވަނީ ބައްދަލުކޮށްފައެވެ.

ޓްރަމްޕް މެދުވެރިވެގެން ވަގުތީ ގޮތަކަށް ޔަހޫދީން ޖެނޮސައިޑް ހުއްޓާލާ އެއްބަސްވުމަށް މިދިޔަ މަގު 10 ގައި އަމަލު ކުރަން ފެށި ފަހުންވެސް ޔަހޫދީން މިހާރު ދަނީ ކޮންމެ ދުވަހަކުވެސް ގަތުލުއާންމު ހިންގައި ފަލަސްޠީނު މީހުންނަށް ބޮން އަޅަމުންނެވެ. ޓްރަމްޕް ބުނަނީ މިއީ އިޒްރޭލުން ސުލްހައަށް ކުރާ ކަމެއް ކަމަށެވެ.

ޔަހުދީ ޖެނޮސައިޑްގައި 68،643 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައި ވެއެވެ. އަދި 170،655 މީހުން ޒަޚަމްވެފައިވެއެވެ. ޔަހޫދީން ޝަހީދުކޮށްލި ގިނަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ޔަހޫދީން ވަނީ ޣައްޒާގެ އުމްރާނީ ތަރައްގީގެ 90 އިންސައްތަ ފަނާކޮށްލާފައެވެ. ސްކޫލުތަކާިއ ޔުނިވާސިޓީތަކާއި ހަސްފަތާލުތައްވެސް ނައްތާލާފައި ވަނީ ގަސްތުގައެވެ. ޔަހުދީން ހިންގި ވަރުޔގެ ޖެނޮސައިޑެއް ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު އިންސާނުން ދެކެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!