މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރި 4 ސޮލީބީން: 3 ގެހަލާކު އެކަކު ބާކީ

އުމުރުން 84 އަހަރުގައި މިއަދު މަރުގެންނެވި އެމެރިކާ މީހުންގެ ކުރީގެ ނައިބު ރައީސް ރިޗާޑް ބީ ޗޭނީ އަކީ ބުޝްގެ ވެރިކަމުގެ ހަނގުރާމަވެރި ކެބިނެޓުގައި ހިމެނުނު މީހުންގެ ތެރެއިން ﷲ އެމީހަކު އެންމެ ފަހުން މަރުގެންނެވި މީހާއެވެ.

އޭނާ މަރުގެންނެވުމާއެކު އަފްޣާނިސްތާނާއި އިރާގު އިސްތިއުމާރު ކުރުން ފައްކާކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ފަނާވެފައެވެ. އެއީ މިއަދު މަރުގެންނެވި ޗޭނީއާއި ހަނގުރާމައާ ބެހޭ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑާއި އިރާގް ހަލާކުކޮށްލުމަށް ދުނިޔެއަށް ދޮގު ވާހަކަ ފެތުރި ކޮލިން އެލް ޕަވަލް އެވެ. މި އޮޅީގެ މީހުންގެ ތެރޭން ދެން ބާކީ ހުރީ އެންމެ މީހެކެވެ. އެއީ މިވެރިންގެ މުގުލުގައި ހުރި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއެވެ. އުމުރަކީ 79 އަހަރެވެ.

ޝައްކު އުފެދޭ ގޮތަށް މެދުވެރިވި އެމެރިކާގެ ދެ ޓަވަރު ގޮއްވާލުމުގެ ހާދިސާގެ ހިޔަލުގައި މި 4 މީހުން ނިންމި ނިންމުންތަކުގެ ސަބަބުން މުސްލިމުން މެރުމާއި ގައުމުތައް ހަލާކުކޮށްލުމަށް މި 4 މީހުން ދިން ހަމަލާތަކުގެ ތެރެއިން ފުރަތަމަ 8 އަހަރު ތެރޭގައި މިލިއަނަކާ ގާތްކުރާ އަދަދަކަށް މުސްލިމުން ޝަހީދު ކޮށްލި ކަމަށް ބްރައުން ޔުނިވާސިޓީގެ ކޮސްޓްސް އޮފް ވާރ ޕްރޮޖެކްޓާއި ދަ ލަންސެޓް ޖާނަލްގެ ދިރާސާތަކުގައި ބުނެފައި ވެއެވެ. އެ އަދަދުތަކުގެ ތެރޭގައި ހަނގުރާމައިގެ މައިދާނުގައި މަރުވި މީހުންނާއި ނުސީދާ ގޮތެއްގައި މަރުވި މީހުންގެ އަދަދު ވެސް ހިމެނެ އެވެ. އަދި 2009 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާއަށް މަދުވެގެން 1.4 ޓްރިލިއަން ޑޮލަރުގެ ސީދާ ގެއްލުމާ ކުރިމަތިލާން ޖެހުނެވެ.

އިންސާނީ ތާރީޚުން ދުވަހަކުވެސް ފޮހެވިގެން ނުދާ ގޮތަށް މި ވެރިންގެ ނުބައި އަމަލުތައް ވަނީ ރަތް އަކުރުން ލިޔެވިފައެވެ. މިމީހުން މުސްލިމުންނަށް އަނިޔާ ކުރުމަށް ބިނާކުރި ޖަލުތަކަކީ ތާއަބަދަށް މިމީހުންނަށް އޭގެ ވޭންދެނިވި އަޒާބު ލިބޭނެ ކަންކަމެވެ: އިރާގުގެ ނަންހުތުރު އަނިޔާވެރި އަބޫޣްރައިބް ޖަލާއި ކިއުބާގެ ގުއަންޓަނާމޯ ބޭ ގެ އަނިޔާވެރި ޖަލެވެ.

އަބޫޣްރައިބުގައި، މުސްލިމުން އޮރިޔާމުން ބައިތިއްބައި ބޮލުގައި ގޯނި އަޅައި އެކެއްގެ މަތީގައި އަނެކަކު ބާއްވައިގެން އެމެރިކާ ސިފައިން ފޮޓޯނަގައި އެމީހުންގެ ގަޔަށް ފަހަރުވަލައި ހެއްޖެވެ. އަންހެނުންނާއި ފިރިހެން ސިފައިން ވެގެންނެވެ. ކަރަންޓު ޖައްސައި ހެއްޖެވެ.

މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރި 4 މީހުން

މި ފޮޓޯތައް ވެގެން ދިޔައީ ހަނގުރާމައިގެ ދުވަސްވަރުވެސް މާނާކޮށްފައިވާ އަނިޔާވެރި ކަންކަމަށެވެ. 2004 ވަނަ އަހަރު ކުރިއަށް ގެންދިޔަ އެމެރިކާ ސިފައިންގެ ތަހުގީގެއްގައި ސާބިތު ވެފައި ވަނީ މިކަމަކީ އަމަލީ ގޮތުން ބޭނުންތެރި މައުލޫމާތު ހޯދުމަށް ބުޝްގެ ދިފާއީ ވަޒީރު ރަމްސްފެލްޑްގެ ފިއްތުމަށް އެމެރިކާގެ އަސްކަރީ ޖާސޫސީ އޮފިސަރުން މި މީހުންނަށް ކުރި އަނިޔާތައް ކަމަށެވެ.

ނިދި ނިގުޅައި ގަތުމާއި އަނިޔާތަކަށް ކެތް ނުކުރެވިގެން ގައިދީންގެ 12 މީހަކު ޝަހީދުވެފައިވެ އެވެ. އެތައް ސަތޭކަ ބަޔަކަށް ނަފްސާނީ މައްސަލަތައް މިއަނިޔާއިން ލިއްބައި ދިނެވެ.

ފަހުން އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ބަންދުގައި ބައިތިއްބައިގެން އަނިޔާކުރި މީހުންގެ ތެރެއިން 90 ޕަސެންޓު މީހުންނަކީ ކުށެއް ނެތް ބަޔެއް ކަމަށް އެއްބަސްވެފަ އެވެ.

މިއަނިޔާތައް ކުރުމަށް އެމެރިކާއިން ގުއަންޓަނާމޯގައި ޖަލެއް ހެއްޖެވެ. ޗޭނީ ބުނީ ޖެނީވާ މުއާހަދާ އެތަންތަނަށް ނުހިނގާނޭ ކަމަށެވެ.

2002 ވަނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވި މުސްލިމުންނަށް އަނިޔާ ކުރާ ގުއަންޓަނާމޯ ޖަލުގައި 779 މުސްލިމުން ތިއްބެވެ.

2009 ވަނަ އަހަރުގެ ނިޔަލަށް ދައުވާ އުފުލާފައި ވަނީ މަދު ބައެއްގެ މައްޗަށެވެ. މީހުން ބައިތިއްބަނީ އޮރެންޖް ކުލައިގެ ޖަމްޕްސޫޓްތަކެއް ލައްވައިގެންނެވެ. ބައެއް ފަހަރަށް އޮރިޔާމުންނެވެ. ފުރަގަހަށް ބިޑި އަޅުގައި އަތްފައިގައި ހިލިހިލާ ޖަހާފައެވެ. އިންސާނިއްޔަތުކަން ނިގުޅައިގެންފައިޥާ ހާލަތެއްގައެވެ.

ސީ.އައި.އޭ އިން އެމީހުންނަށް އަނިޔާކުރަމުން ތަހުގީގު ހިންގިއެވެ.

މިއަދު ކައްވަޅުގައި ސުއާލު ކުރެވޭ ޗޭނީގެ އަމުރަށް އަނިޔާ ކުރުމަށް އަތްމަތީ ފޮތް ތައްޔާރު ކުރެވުނެވެ. އޭގައި ވަނީ ފިލާގަނޑެއްގައި ބަނދެފައި ފެނަށް ގަންބައިގެން މީހާއަށް އަނިޔާ ކޮށް ސުއާލު ކުރާށެވެ!

ފާރާ ދިމާއަށް ކޮއްޕާފައި ފިއްތާފައި ބަހައްޓައިގެން އަނިޔާ ކޮށް ސުއާލު ކުރާށެވެ!

ފުރަގަސްފަރާތުން ފެން ހޮޅި ވައްދައިގެން އަނިޔާ ކޮށް ސުއާލު ކުރާށެވެ!

މިކަން ކަން "ފާސްކޮށްފައިވަނީ ޖަސްޓިސް ޑިޕާޓްމަންޓުގެ ވަކީލުން ސޮއިކުރި މެމޯތަކުގައި ޗޭނީގެ އެދުމުގެ މަތިން"ނެވެ.

ގުއަންތަނާމޯގައި އަނިޔާކުރި ޚާލިދު ޝައިޚް މުހައްމަދަށް ވަނީ 183 ފަހަރު ފިލާގައި ބަނދެ ގަންބައި ހަދާފައެވެ. ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީގެ 2014 ވަނަ އަހަރުގެ ރިޕޯޓުގައި ބުނެފައި ވަނީ އެ އަނިޔާތަކުންވެސް އިތުރު އައު މައުލުމާތެއް ލިބިފައި ނުވާ ކަމަށެވެ.

ވެރިކަމުގައިވެސް ފެންވަރެއް ނެތް، ނާލާއިޤް ރައީސެއްކަމުގައި ސިފަކުރެވުނު ބުޝް ވެރިކަމުން ވަކިވިއިރު އިރާގުގައި ހަނގުރާމައަށް 815 ބިލިއަން ޑޮލަރު އަޅާފައި ވެއެވެ.

އަފްޣާނިސްތާނު ފަނާކޮށްލައި ބޮން އެޅުމަށް އިތުރު 300 ބިލިއަން ޑޮލަރު ހޭދަ ކުރިއެވެ. މުޅި ހަނގުރާމައިގެ ދަރަނި 1.4 ޓްރިލިއަން ޑޮލަރު ފަހަނައަޅައި ދިޔައެވެ. މުއްސަނދިވީ މިމީހުން ހިއްސާ ގަނެގެން އުޅުނު ކުންފުނި ތަކެވެ.

ޗޭނީ ނާއިބް ރައީސްކަމަށް އައުމުގެ ކުރިން ސިއީއޯ އަކަށް ހުރި ހެލިބަރޓަން ކުންފުންޏަށް 39.5 ބިލިއަން ޑޮލަރުގެ ވިޔަފާރި، ބިޑް ކުރުމެއް ނެތި ދިނެވެ. މިއަށް ކޮޕަރްޝަންއެކޭ މިވެރިން ނުކިޔައެވެ.

އޮޑިޓް ރިޕޯޓްތަކުގައި ބުނެފައި ވަނީ އެތައް މިލިއަން ޑޮލަރެއްގެ ވާނުވާ ނޭނގިވާ ކަމަށާއި ގޮތް ނޭނގޭ ޚަރަދުތައް 1.4 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

މީގެ އިތުރުން އިރާގްގެ ޚަޒާނާ ލޫޓުވާލުމާއި އިރާގްގެ ރަނާއި ޑޮލަރުވެސް މިވެރިން ވަގަށް ނެގިއެވެ. މިތަކެއްޗަށް ވީގޮތް އިރާގުން ތަކުރާރުކޮށް ސުއާލުކުރުމުންވެސް ޖަވާބެއް ނުދެއެވެ.

ގުއަންތަނާމޯގައި އެމެރިކާއިން އަނިޔާ ކުރި އަސީރެއްގެ ޑައިރީ

މި ހުރިހައި ޖަރީމާތަކާއެކު މި 4 މީހުންނާއި މިމީހުންގެ އައުވާނުންގެ ތެރޭން އެކެއްގެ މައްޗަށް ދުވަހަކުވެސް ދައުވާއެއް ނުކުރެ އެވެ.

ރަމްސްފެލްޑަށް އިސްތިއުފާ ދޭން މަޖުބޫރުވީ 2006 ވަނަ އަހަރު އަބޫޣްރައިބްގައި އަނިޔާކުރި މައްސަލާގައެވެ.

ދުނިޔެއަށް އޮޅުވާލައި ދޮގު ހަދައިގެން އިރާގްގައި ބޮޑެތި ގެއްލުން ދޭ ހަތިޔާރު ހުރިކަމަށް ބުނި ކައްޒާބު ޑިކް ޗޭނީ 2014 ވަނަ އަހަރު ގެ އިންޓަވިއުގައި ބުނީ އޭނާއަށް އަދިވެސް ފުރުސަތު ލިބިއްޖެނަމަ "މިނިޓެއްގެ ތެރޭގައި އަނެއްކާވެސް އިރާގާއި އަފްޣާނިސްތާންގައި ހެދިހެން ކަން ކުރާނެ" ކަމަށެވެ.

ޓެކްސަސްގައި ހުރެގެން ކުރެހުން ކުރަހައި ވަގުތު ފާއިތުކުރާ ކުރީގެ ރައީސް ބުޝް ވެސް ދުވަހަކުވެސް އޭނާގެ ޖަރީމާތަކާއި ލޭ އޮހޮރުވުމަށް މައާފަށް އެދިފައެއް ނުވެއެވެ. 2022 ވަނަ އަހަރު ދިން ތަގުރީރެއްގައި އިލާހީ ކުޅަދުންވަންތަ ކަމުން އޭނާއަށް ހަގީގަތް ބުނެދެވުނެވެ. އިރާގަށް އަނިޔާވެރިކަމާއެކު އަރައިގަތް ކަމަށް އޭނާއަށް ޔުކްރެއިންގެ ވާހަކަ ދައްކަމުން އަނގަ އޮޅިގެން ބުނެވުނެވެ.

މި ސަލީބީ ވެރިން މަރުވުމުން މިވެރިންގެ ޖަރީމާތަކަށް ކައްވަޅުގައި ފިސާރި ރަނގަޅަށް ސުއާލު ކުރެވޭނެއެވެ.

ދިރި ތިބީން މިވެރިންގެ ޖަރީމާތައް ހަނދާން ނައްތައެއް ނުލާނެއެވެ. އިރާގްގެ ފަލޫޖާގައި ޖީލެއް ފަނާކޮށްލިއެވެ. އިރާގާއި އަފްޣާނިސްތާން ހަލާކުކޮށްލިއެވެ. ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ޝަހީދު ކުރިއެވެ. ދުނިޔެ މަތީ އަދަބު ނުލިބުމުގެ މާނައަކީ އެހިސާބުން އެކަން ނިމުނީކީއެއް ނޫނެވެ!

ހިއްސާ ކުރައްވާ!