ސްރީލަންކާގެ އިދިކޮޅު ސަމާގީ ޖަނާ ބަލަވޭގަޔާ (އެސްޖޭބީ) ގެ ލީޑަރު ސާޖިތު ޕްރޭމަދާސާ ވަނީ އިންޑިއާއިން ސްރީލަންކާގެ އިގްތިސާދީ އާލާކުރުމަށް އެހީތެރިވެދިން ކަމަށްޓަކައި އިންޑިއާގެ ދައުރަށް ތައުރީފު ކުރައްވާފައެވެ. ޕްރޭމަދާސާ ވިދާޅުވީ މާލީ ގޮތުން ބޮޑު ދަތިކަމެއް ސްރީލަންކާއަށް ކުރިމަތިވި ދަނޑިވަޅެއްގައި ދަރަނީގެ ދަތިކަން ކުރިމަތިވެ، ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ދަތިވިއިރު އެހީތެރިވެދިނީ އިންޑިއާ ކަމުގައި ވިދާޅުވެ އިންޑިއާގެ ދައުރަށް ޝުކުރު އަދާކުރައްވާފައެވެ.
"އަޅުގަނޑުމެންނާ އިންޑިއާއާ ދެމެދު ޚާއްސަ ގުޅުމެއް އޮވޭ. އަޅުގަނޑުމެންގެ ރައްޔިތުންނަށް އިންޑިއާއިން ފޯރުވައި ދިން އިގްތިސާދީ އެހީތެރިކަމަށް އަޅުގަނޑުމެން ޝުކުރުވެރިވަން،" އިގްތިސާދީ ދަތިކަމުގެ ވަގުތުތަކުގައި ސަރަހައްދީ އެއްބައިވަންތަކަމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ޕްރޭމަދާސާ ވިދާޅުވި އެވެ.
2022 ވަނަ އަހަރު ދިމާވި ސްރީލަންކާގެ އިގްތިސާދީ ދަތިކަމުގެ ހާލަތުގައި އިންޑިއާއިން ވަނީ ބިލިއަން ޑޮލަރުގެ އެހީއާއި ކްރެޑިޓް ލައިންތަކާއި ތެޔޮ ޝިޕްމަންޓްތައް ސްރީލަންކާއަށް ފޯރުކޮށްދީފައެވެ.
ޕްރެމަދާސާ މިވާހަކަ ވިދާޅުވެފައި މިވަނީ ސްރީލަންކާއިން ދަރަނި އަލުން އެކުލަވާލުމަށް ބައިނަލްއަގްވާމީ ކްރެޑިޓަރުންނާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ. އޮބްޒާވަރުން ބުނާ ގޮތުގައި އިންޑިއާގެ ތާއީދަކީ ދުނިޔޭގެ ލޯނު ދޫކުރާ ފަރާތްތަކުގެ އިތުބާރު ހޯދުމަށް ސްރީލަންކާއަށް ލިބިގެން ދިޔަ މުހިންމު ކަމެއް ކަމުގައެވެ.






