އަލިމަހެއް 25.6 މިލިއަން ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ މަޝްހޫރު އާޓް ކަލެކްޓަރު ބަނީ މެލަންގެ މިލްކުވެރިކަމުގައިވާ، 9.51 ކެރެޓުގެ ފެންސީ ވިވިޑް ބްލޫ ޑައިމަންޑް، 'މެލަން ބްލޫ' އަންގާރަ ދުވަހު ނީލަމުގައި 25.6 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ. މިއީ މިފަދަ ގަހަނާއެއް ވިކުނު ރެކޯޑް އަގެކެވެ.

މި އަލިމަސް ވިއްކާލާފައިވަނީ ޖެނީވާގައި ހުންނަ ކްރިސްޓީސްގެ ނީލަން ފިހަރައިގައި ބޭއްވި 'މެގްނިފިސެންޓް ޖުވެލްސް' ނީލަމުގެ ތެރެއިންނެވެ. ސްވިޒަލޭންޑްގެ ޖެނީވާގެ ހޮޓެލް ޑެސް ބާގްސްގައި ބޭއްވި މި ނީލަމުގައި، މި އަލިމަސް ވިކުނު އަގު 20,525,000 ސްވިސް ފްރޭންކް (ގާތްގަނޑަކަށް 25.6 މިލިއަން ޑޮލަރު) އަށް އަރާފައިވެއެވެ. ކުރިން ލަފާކޮށްފައިވާ ގޮތުގައި މި އަލިމަސް ވިކޭނީ 16 އާއި 24 މިލިއަން ފްރޭންކްއާ ދެމެދުގެ އަގަކަށެވެ.

ނީލަން ކުރިއަށް ގެންދިޔަ ރާހުލް ކަދާކިއާ ބުނެފައި ވަނީ، މި އަގުން ދައްކުވައިދެނީ "އާދަޔާ ހިލާފު ރީތި އަދި ތާރީޚީ ގަހަނާތަކަށް ކަލެކްޓަރުންގެ މެދުގައި އޮތް ޝައުގުވެރިކަން" ކަމަށެވެ. އަނގޮޓީއެއްގައި ހަރުކޮށްފައިވާ މި އަލިމަސް، ކުރިން މިލްކުވެފައިވަނީ އެމެރިކާގެ މީހަކަށެވެ. މި އަލިމަސް ވަނީ އެއްވެސް އައިބެއް ނުވާ ސާފު އަލިމަހެއްގެ ގޮތުގައި ފާހަގަ ކުރެވިފައެވެ.

ކްރިސްޓީސްގެ ޖެނީވާގެ ޖުވެލްރީގެ ހެޑް މެކްސް ފޯސެޓް ބުނެފައި ވަނީ "މެލަން ބްލޫ އަކީ ފާހަގަކޮށްލެވޭ ފަދަ އަލިމަހެއް. އެއަށްވުރެ ބޮޑަށް، އެއީ އެ ޒަމާނުގެ މުއްސަނދިކަމާއެކު އެ ޒަމާނުގެ ދިރިއުޅުމުގެ ރަމްޒަކަށް ވެފައިވާ" އެއްޗެއް ކަމަށެވެ. މި އަލިމަސް އެންމެ ފަހުން އާންމުކޮށް ފެނިފައިވަނީ 2014 ވަނަ އަހަރު މި އަލިމަސް ގެންގުޅުނު، ބަނީ މެލަން އުމުރުން 103 އަހަރުގައި މަރުވުމަށްފަހު ނިއުޔޯކްގައި ބޭއްވި ނީލަމެއްގައެވެ. އެ ނީލަމުގައި އެ އަލިމަސް 32 މިލިއަނަށް ވުރެ ގިނަ ޑޮލަރަށް ވިކިފައިވެއެވެ.

ހިއްސާ ކުރައްވާ!