ޓްރަމްޕްގެ އޮފް ކެނޑިއްޖެ

އެމެރިކާ ސަރުކާރު ބަންދުކޮށްފައި ބޭއްވުން ނިމުމަކަށް ގެނަސްފިއެވެ. ނަމަވެސް އެއާއެކި ޚިޔާލު ހޯދުންތަކުން ދައްކަނީ ޓްރަމްޕްގެ މަގުބޫލުކަން ގެއްލިފައިޥާ ކަމަށެވެ. އެސޯސިއޭޓެޑް ޕްރެސް އާއި ނޯރކް ޕަބްލިކް އެފެއާޒް ރިސާޗް ސެންޓަރުން އާންމުކުރި އާ ސަރވޭއަކުން ދައްކާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ދެވަނަ ދައުރު ފެށުނު ފަހުން، އެމެރިކާގެ ރައްޔިތުންގެ ތެރެއިން އޭނާގެ ވެރިކަމުގެ ކަންކަން ހިންގާ ގޮތަށް ތާއީދުކުރާ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ.

މި ސަރވޭ ހަދާފައިވަނީ ޑިމޮކްރެޓިކް ޕާޓީން އެންމެ ފަހުގެ ލޯކަލް އިންތިޚާބު ކާމިޔާބު ކުރުމަށް ފަހުއެވެ. އަދި އެމެރިކާގެ ތާރީޚުގައި އެންމެ ދިގު ސަރުކާރު ބަންދު ކުރުން ނިމުމަކަށް ގެނައުމަށް ކޮންގްރެސްއިން މަސައްކަތް ފެށުމުގެ ވެސް ކުރިންނެވެ. ސަރވޭއިން ދައްކާ ގޮތުގައި ޓްރަމްޕް ސަރުކާރު ހިންގާ ގޮތަށް ތާއީދުކުރަނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން އެންމެ 33 އިންސައްތަ މީހުން އެކަންޏެވެ. މިއީ މިދިޔަ މާރިޗު މަހު ހެދި މިފަދަ ސަރވޭއެއްގައި ލިބުނު 43 އިންސައްތަ އަށް ވުރެ ދަށް ނިސްބަތެކެވެ.

މި ތާއީދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ރިޕަބްލިކަން ޕާޓީއާއި، އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މީހުންގެ ތެރޭގައި ވެރިކަމަށް އޮތް ތާއީދު ކުޑަ ވުމެވެ. ރިޕަބްލިކަން ޕާޓީގެ ތެރެއިން ޓްރަމްޕްގެ ވެރިކަމަށް ތާއީދުކުރާ ކަމަށް ބުނީ 68 އިންސައްތަ މީހުންނެވެ. މިއީ މާރިޗު މަހު ލިބުނު 81 އިންސައްތަ އަށް ވުރެ ދަށް ނިސްބަތެކެވެ. އަދި މިނިވަން މީހުންގެ ތެރެއިން ތާއީދުކުރާ ނިސްބަތް 38 އިންސައްތައިން 25 އިންސައްތައަށް ދަށްވެފައިވެއެވެ.

ސަރވޭއިން އިޝާރާތްކުރާ ގޮތުގައި، ސަރުކާރު ބަންދުވުމުގެ ސަބަބުން ހިތްހަމަނުޖެހުން އިތުރުވެފައި ވެއެވެ. ޚާއްޞަކޮށް މިކަމުގެ ސަބަބުން އެއާޕޯޓުތަކުގެ ދަތުރުތަކަށް ބުރޫއެރުމާއި، އެތައް ސަތޭކަ ހާސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުލިބުމުގެ ސަބަބުން މީހުން ރުޅި އައިސްފައި ވެއެވެ. ޑިމޮކްރެޓިކް ޕާޓީގެ 95 އިންސއްތަ މީހުން އަދިވެސް ޓްރަމްޕްގެ ވެރިކަން ހިންގާ ގޮތާ ދެކޮޅުކަމަށް ސަރވޭއިން ދައްކައެވެ. މިއީ މާރިޗު މަހު ލިބުނު 89 އިންސައްތަ އަށް ވުރެ ކުޑަކޮށް މަތި ނިސްބަތެކެވެ.

ސަރުކާރު ހިންގުމަށް އޮތް ތާއީދު ދަށްވެފައިވީ ނަމަވެސް، ޓްރަމްޕްގެ ރިޔާސަތުގެ ޢާންމު ތާއީދުގެ ނިސްބަތަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި، ނުވަތަ 36 އިންސައްތަ މީހުން ޖުމުލަ ގޮތެއްގައި އޭނާގެ ވެރިކަމަށް ތާއީދުކުރެއެވެ. މިއީ މިދިޔަ އޮކްޓޯބަރު މަހު އެސޯސިއޭޓެޑް ޕްރެސް އާއި ނޯރކް އިން ހެދި ސަރވޭއެއްގައި ލިބުނު 37 އިންސައްތަ އާ ގާތް ނިސްބަތެކެވެ. މީގެ އިތުރުން، ހިޖުރަ ކުރުމާއި އިޤްތިޞާދު ފަދަ މުހިންމު މައްސަލަތައް އޭނާ ހިންގާ ގޮތަށް އޮތް ތާއީދަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!