މަރުވެފައިވާ އަންހެނަކު ކައިވެނި ހަފްލާގައި އިންދައި ހައްޔަރުކޮށްފި

އަޔަރލެންޑްގެ ފުލުހުން ވަނީ، މަރުވިކަމަށް ހެދިގެން އުޅުނު އަންހެނަކު ހައްޔަރުކޮށްފައެވެ. މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައި ވަނީ މަކަރާ ހީލަތުގެ ދައުވާތަކުން ސަލާމަތްވުމަށްޓަކައި އަންހެންމީހާ އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް ހެދިގެން އުޅުމުގެ ސަބަބުންނެވެ. އެމީހާ ހައްޔަރުކުރީ ކައިވެނި ހަފްލާއަކުން ފެނުމާ ގުޅިގެންނެވެ.

އުމުރުން 35 އަހަރުގެ އެމީ މެކޯލީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑަބްލިން ކްރިމިނަލް ކޯޓަށް ހާޒިރުވާން ހަމަޖެހިފައި އޮތީ، 2018 ވަނަ އަހަރު ބެންކަކުން 10،000 ޔޫރޯގެ ލޯނެއް ހޯދުމަށް ވަގު ލިޔުންތަކެއް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އޭނާއާ ދެކޮޅަށް ހުރި ދައުވާތަކުން ސަލާމަތްވުމަށްޓަކައި، މެކޯލީ ވަނީ އޭނާ މަރުވެފައިވާ ކަމަށް ހަދައި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު މަރުވާމީހުންގެ މައުލުމާތު ޖަހާ ވެބްސައިޓްގައި ޚިޔާލީ މަރުގެ އިޢުލާނެއް ޝާއިޢުކޮށްފައެވެ. އެ އިޢުލާނުގައި ބުނެފައިވަނީ އޭނާ މަރުވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން، އޭނާ ވަނީ އޭނާގެ އަވަށުގެ ކައުންސިލަށްވެސް އޭނަ މަރުވެފައިވާ ކަމުގެ ވަގު ކިޔުންތަކެއް ހުށަހަޅާފައެވެ. އޭނާ ވަނީ އޭނާގެ ނަމުގައި އިނގިރޭސި ބަހުންނާއި އައިރިޝް ބަހުން މަރުގެ ދެ ސެޓްފިކެޓް ހޯދަން ކައުންސިލުން މަސައްކަތްކޮށްފައެވެ.

ފުލުހުންނަށް ފަހުން އެނގުނު ގޮތުގައި، 2023 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި ކައިވެނި ހަފްލާއަކުން މެކޯލީ ވަނީ ފެނިފައެވެ. އެހެންވެ އޭނާއަދި ކައްވަޅަށް ނުދާކަން ފުލުހުންނަށް ޔަގީން ވިއެވެ. މިކަމާ ގުޅިގެން ފުލުހުން ތަހުގީގެއް ހިންގަން ފެށިއެވެ. އަދި އެހިސާބުން މެކޯލީގެ މަރާ ބެހޭ ތިން އިޢުލާން އިންޓަނެޓުގައި ޝާއިއުކޮށްފައިވާ ކަން ހާމަވިއެވެ.

އޭގެ ތެރެއިން އެއް އިޢުލާނުގައި ބުނެފައިވަނީ އޭނާ މަރުވީ ފްރާންސްގައި ކަމަށެވެ. އަނެއް އިޢުލާނަކީ މެކޯލީ އަމިއްލައަށް، ޖަނާޒާގެ ހިދުމަތްދޭ އޮފީހެއްގެ ނަމުގައި ހަދައިގެން ޝާއިޢުކޮށްފައިވާ އިޢުލާނެކެވެ. މީގެ އިތުރުން، އޭނާ މަރުވިކަމަށް އޭނާގެ ވަޒީފާދޭ ފަރާތަށްވެސް އަންގާފައިވާތީ، އެ ކުންފުނިން ވެސް ވަނީ މަރުގެ އިންޝުއަރެންސްގެ ފައިސާ ހޯދުމަށް އެދިފައެވެ. ނަމަވެސް، އެކުންފުނިން 9،000 ޔޫރޯގެ އިންޝޫރެންސް ފައިސާ ވަނީ ޚައިރާތު ފަންޑަށް ދީފައެވެ.

މެކޯލީ ހައްޔަރުކޯށްގެން ކޯޓަށް ގެންދިއުމުން އޭނާ ވަނީ ކޯޓުގައި ގިނަ ދައުވާތަކަކަށް އިއުތިރާފުވެފައެވެ. އޭގެ ތެރޭގައި ފޯޖްކުރި ލިޔުމެއް ބޭނުންކުރި ކަމަށާއި، ޢަދުލުގެ ނިޒާމަށް ހުރަސް އެޅުމަށް މަސައްކަތްކުރި ކަމަށާއި މެޑިކަލް ރިޕޯޓެއް ފޯޖްކުރި ކަމަށާއި، ފައިސާ ވަގަށް ނެގުމުގެ ފަސް ދައުވާއާއި ޖަރީމާ ހިންގައިގެން ލިބުނު އާމްދަނީ ބޭނުންކުރި ކަމަށް އެއްބަސްވުން ހިމެނެއެވެ.

މީގެ އިތުރުން، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލަތަކަށް ވެސް އިއުތިރާފުވެފައެވެ.

ޟީ އޮރްލާ ކްރޫ ވިދާޅުވީ، މެކޯލީގެ ކުށްތަކަކީ ރަނގަޅަށް ރާވައިގެން ހިންގާފައިވާ، އިތުބާރުގެ ނާޖާއިޒް ފައިދާ ނަގައި ޚިޔާނާތްތެރިވުމެއް ކަމަށެވެ. އަދި މަރުގެ ވާހަކަ އަމިއްލައަށް އުފެއްދީ ޢަދުލުގެ ނިޒާމަށް ހުރަސް އެޅުމަށްޓަކައި ގަސްތުގައި ކަމަށް ޤާޟީ ވިދާޅުވިއެވެ.

ކޯޓުން ވަނީ މެކޯލީއަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، މެކޯލީއަކީ ސިއްހީ މައްސަލަތަކެއް ހުންނަ ކުއްޖެއްގެ މަންމައެވެ. ކޯޓުން ވަނީ އެ ލިޔުންތައް ހުށަހެޅުމަށް އަންގާފައެވެ. އަދި އޭނާ އަމިއްލައަށްވެސް ނަފްސާނީ ބަލިތަކެއް ތަހައްމަލުކުރަމުންދާއިރު، އޭނާ މިހާރު އިތުރު ކުއްޖަކަށް އިނީ ބަލިވެއެވެ.

އޭނާގެ ވަކީލުން ބުނެފައިވަނީ، މެކޯލީ އޭނާގެ ޖަރީމާއާ މެދު ހިތާމަކޮށް އޭނާގެ ކުށަށް ޒިންމާ ނަގާފައިވާ ކަމަށާއި، ކުށްކުރުމާއި ހަލަބޮލިކަމުގެ ދިގު މުއްދަތަކަށް ފަހު އޭނާގެ ދިރިއުޅުން ހަމައަކަށް އެޅުވުމަށް ބޭނުންވާ ކަމަށެވެ.

ހިއްސާ ކުރައްވާ!