ދުބާއީގައި އިލެކްޓްރިކް ވާރޓިކަލް ޓޭކް-އޮފް އެންޑް ލޭންޑިންގ (އީވީޓޯލް) ވެހިކަލްއިން މީހުންނާއެކު ކުރި ފުރަތަމަ ދަތުރު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ދަތުރަށް ފުރާފައިވަނީ މަރްޣަމް އިން އާލްމަޚްތޫމް ބައިނަލްއަޤްވާމީ އެއަރޕޯޓަށެވެ. މިއީ ދުބާއީގައި އަންނަ އަހަރު އެއަރ ޓެކްސީގެ ޚިދުމަތް ފެށުމަށްވާ ތައްޔާރީގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި އެއަރ ޓެކްސީއަކީ މުޅިން އިލެކްޓްރިކް ހަކަތަ ބޭނުން ކުރާ ތިމާވެއްޓާ ރައްޓެހި ވެހިކަލެކެވެ. މިއީ ރައްކާތެރިކަމާއި، ފަސޭހަކަމާއި، ހަލުދއިކަމާއި އަދި މަތީ ފެންވަރެއްގެ ރައްކާތެރި މިންގަނޑުތައް ހިމެނޭ އުޅަނދެކެވެ. މި ވެހިކަލް ޑިޒައިންކޮށްފައިވަނީ މި ދާއިރާގެ އެންމެ ފަހުގެ ބައިނަލްއަޤްވާމީ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މި ވެހިކަލްގައި ހަ ބުރަފައްޗާއި ވަކި ހަތަރު ބެޓެރީ ޕެކް ހަރުކޮށްފައި ހުރެއެވެ. މިއީ 160 ކިލޯމީޓަރަށް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ވެހިކަލެކެވެ. އަދި އެންމެ ބާރު ސްޕީޑުގައި ގަޑިއަކު 320 ކިލޯމީޓަރަށް ދަތުރު ކުރާނެއެވެ. މި ވެހިކަލްގައި ޕައިލެޓުގެ އިތުރުން ހަތަރު ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ.
ދުބާއީގެ ވަލީ އަޙްދު، ބޮޑުވަޒީރުގެ ނައިބު އަދި ދިފާޢީ ވަޒީރު، އަދި ދުބާއީގެ އެގްޒެކެޓިވް ކައުންސިލްގެ ރައީސް، ޝައިޚް ޙަމްދާން ބިން މުޙައްމަދު ބިން ރާޝިދު އާލަމަޚްތޫމް އީވީޓޯލްގެ ކާމިޔާބުކަން އިއުލާން ކުރެއްވީ މަގުތަކުގެ ނެޓްވޯކާއި، އާންމު ދަތުރުފަތުރުގެ ނިޒާމާއި، އެއަރ ޓެކްސީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ރާވާފައިވާ ބިނާވެށީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ. މީގެ އިތުރުން ދުބާއީ ވޯކް މާސްޓަރ ޕްލޭންގެ ބައެއް ކަމަށްވާ "ދަ ފިއުޗަރ ލޫޕް" މަޝްރޫޢުގެ މަސައްކަތްވެސް ބައްލަވާލެއްވިއެވެ.
މި ޓެސްޓްތަކާއެކު ސިވިލް އެވިއޭޝަން އޮތޯރިޓީ އަދި ދުބާއީ ސިވިލް އެވިއޭޝަން އޮތޯރިޓީ ގުޅިގެން 2026 ވަނަ އަހަރު ފަސިންޖަރުން އުފުލުމުގެ ޚިދުމަތްތައް ފެށުމަށް އީވީޓޯލަށް މަގުފަހިކޮށްދޭނެއެވެ.








