ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތަކަށް 500 ޕަސެންޓަށް ޓެރިފް ނެގުމަށް ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ރަޝިޔާއިން ތެލާއި ގޭސް އިމްޕޯޓްކުރާ ގައުމުތަކުން އެމެރިކާއަށް ގެންނަ މުދަލަށް 500 އިންސައްތައާ ހަމައަށް ޓެރިފް ނެގުން ހުއްދަ ކުރާ ބިލަށް ސަޕޯޓް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ސެނެޓުން ފާސް ކުރަން އުޅޭ މި ބިލުގެ އަމާޒަކީ ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތައް ކަމަށްވާ އިންޑިއާއާއި ޗައިނާއެވެ.

މި ބިލު ހުށަހެޅުއްވީ ސެނެޓަރ ލިންޑްސީ ގްރާހަމް އެވެ. މި ބިލަށް ކޮންގްރެސްގެ ތާއީދު ލިބެމުންދާކަން ސެނެޓް މެޖޯރިޓީ ލީޑަރ ޖޯން ތޫން ވިދާޅުވެއެވެ.

މި ބިލުގެ މަގުސަދަކީ ރަޝިޔާގެ ހަނގުރާމައިގެ ޚަރަދުތައް ފޫބެއްދުމަށް ވިއްކާ ހަކަތައިގެ ބާވަތއްތަކުން ލިބޭ އާމްދަނީ ހުއްޓުވުމެވެ.

ރަޝިޔާއާއި ޔޫކްރޭނުގެ ހަމަނުޖެހުން ނިމުމުގެ ކޮޅު މައްޗެއް ނުފެނެއެވެ. ރަޝިޔާއިން ދަނީ އިރުމަތީ ޔޫކްރޭނުގެ ރެއިލް ގެ މަރުކަޒު ކަމަށްވާ ޕޮކްރޮވްސްކް ހިފުމަށް މަސައްކަތް ކުރަމުންނެވެ. އަދި ޔޫކްރޭނުން ދަނީ ރަޝިޔާގެ ތެލުގެ އިންފްރާސްޓްރަކްޗާއަށް ހަމަލާތައް ދެމުންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ޓްރަމްޕް ވަނީ ރަޝިޔާގެ ހަނގުރާމައަށް ފައިސާ ފޯރުކޮށްދޭ ގައުމުތަކަށް އަދަބު ދިނުމަށް ކަމަށް ބުނެ، އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ ތަކެއްޗަށް އިތުރު 25 އިންސައްތައިގެ ސަރޗާޖެއް ނެގުމަށް އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާ ގެ މުދަލަށް ނަގާ ޓެރިފް 50 އިންސައްތަ އަށް އިތުރުވިއެވެ. އޭގެ ފަހުން އިންޑިއާއިން ވަނީ ރަޝިޔާގެ ތެޔޮ ގަތުން ކޮންމެވެސް ވަރަށް މަދުކޮށްފައެވެ.

އޮކްޓޯބަރު މަހު ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން މަދުކޮށްފައިވާކަން ފާހަގަ ކުރައްވައި ޓެރިފްތައް ލުއިކޮށްދެވިދާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!