އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި 13 އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ މަންމަ މަރާލީ ނިދާފައި އޮތްވައި 46 ފަހަރު ވަޅި ޖަހައިގެންނެވެ. އަދި މަންމަ މަރާލުމަށްފަހު އެ މަންޒަރުގެ ފޮޓޯ ނަގައި، އެހެން ސްޓޭޓެއްގައި ހުރި ރައްޓެއްސަކަށް ފޮނުވި ކަމަށްވެސް ކޯޓުގެ ލިޔެލިޔުންތަކުން ސާބިތު ވެއެވެ.
ޑެރިކް ރޯސާ ނަމަކަށް ކިޔާ މި ކުއްޖާ ވަނީ މަންމަ މަރާލުމަށްފަހު މަންމަގެ ހަށިގަނޑުގެ ފޮޓޯއަކާއި، އޭނާގެ އަތުގައި ލޭ ހޭކިފައިވާ ތަން ދެއްކުމަށް ސެލްފީއެއް ނަގައިފައެވެ. އަދި އޭނާގެ ރަހުމަތްތެރިޔާގެ ގާތުން އޭނާގެ އަމަލާ މެދު އޭނާ ދެކޭ ގޮތްވެސް އަހާފައެވެ. ރައްޓެހި ކުއްޖާ ބުނިގޮތުގައި އޭނާ ފުރަތަމަ ހީކުރީ އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް ފަހުން ޖަރިމާއެއް ހިންގީކަން އޭނާއަށް އެނގުނު ކަމަށް ބުންޏެވެ.
މި ހާދިސާ ހިނގާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކަން ކޯޓުގެ ލިޔުންތަކުން ހާމަ ވެއެވެ. އޭނާއަށް މި ޖަރީމާ ހިންގުމަށް ޚިޔާލު އައިސްފައި ވަނީ މަޝްހޫރު ހޮރޯ ފިލްމު ސިލްސިލާ ކަމަށްވާ ފްރައިޑޭ ދަ 13 ގެ ޖޭސަން ވޯހީޒްގެ ކެރެކްޓަރުން އިލްހާމް ލިބިގެންނެވެ. އެއީ އޭނާ ވަރަށް ޝައުގުވެރިވާ ކަރެކްޓަރެކެވެ. އޭނާގެ ރަހުމަތްތެރިޔާއަށް ފޮނުވާފައިވާ މެސެޖުތަކުން އެނގޭ ގޮތުގައި، އޭނާ ވަނީ ހެލޯވީންގައި އެ ކެރެކްޓު ފިލްމުގައި އަޅާ ވައްތަރަށް ހެދުން އަޅަން ނިންމާފައިވެއެވެ. އަދި މި ތާރީޚާއި ޖަރީމާ ހިންގި ދުވަހާ ގުޅުމެއް ވާކަމަށް ދައްކައެވެ.
ޕީޕަލް މަޖައްލާގައިވާ ގޮތުން، ފުލުހުންނަށް މިކަން ރިޕޯޓުކުރި ފުރަތަމަ މީހަކީވެސް މި ކުއްޖާ އެވެ. އޭނާ ވަނީ 39 އަހަރުގެ އޭނާގެ މަންމަ އިރީނާ ގާސިއާ މަރާލިކަމަށް ފުލުހަށް ގުޅައިގެން ވާހަކަ ދައްކަމުން އިއުތިރާފުވެފައެވެ. އަދި ކަން ހިނގި ގޮތުގެ ތަފްޞީލުތައް ކިޔައިދީފައެވެ. ފުލުހުންނަށް ބުނެފައިވަނީ ނިދާ ކޮޓަރީގެ ތެރެއިން ފެށިގެން އެޕާޓްމަންޓްގެ ދޮރާ ހަމައަށް ވެސް ލޭ ހޭކިފައިވާ ފައިގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. އަދި އެއީ އެކުއްޖާގެ ފައިގެ ނިޝާންތަކާ އެއްގޮތް ނިޝާންތަކެއް ކަމަށްވެސް ބުންޏެވެ.
ދިފާއީ ވަކީލުން ވަނީ މި ކުށުގެ ތުހުމަތު އޭނާގެ މަންމަގެ ފިރިމީހާގެ ބޮލުގައި އެޅުވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ޕްރޮސެކިއުޝަންއިން ވަނީ ކުށް ހިނގި ވަގުތު ފިރިމީހާ އެހެން ސްޓޭޓެއްގައި ހުރި ކަމަށް ބުނެ، މި ވާހަކަތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ.
ޑެރިކް ރޯސާގެ ޝަރީޢަތް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ކޯޓުން މި ޝަރީޢަތުގައި، އެކުއްޖާ ފޮޓޯ ފޮނުވި ގޮތާއި އެކަމުގެ ސަބަބާ މެދުވެސް ބަލާނެ ކަމަށް ބުނެފައެވެ.






