ޔަހޫދީންގެ ދެކޮޅު ހެދުމާއެކުވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައުދީ އަރަބިއްޔާއަށް އެފް-35 ފަޔަރ ޖެޓް ވިއްކާނެކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ އެކަން އިއުލާން ކުރައްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ނެވެ.
ވައިޓްހައުސްގައި ޓްރަމްޕް މިއަދު މުހައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވާނެވެ. މިއީ 2018ގައި ޖަމާލު ޚާޝޮގްޖީ ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި މަރާލުމަށްފަހު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެމެރިކާގައި އުފައްދާފައިވާ އެފް-35 މަރުކާގެ ފަޔަރ ޖެޓްތައް ސައުދީ އަރަބިއްޔާއަށް ނުވިއްކުމަށް އެމެރިކާގެ އެތެރޭންވެސް ބަޔަކު ވަނީ ދެކޮޅު ހަދާފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ އެ ބޯޓުތައް ސައުދީއަށް ވިއްކައިފިނަމަ އެ ޓެންނޮލޮޖީ ޗައިނާގެ އަތްމައްޗަށް އެރުން އެކަށީގެންވާ ކަމެކެވެ. އެ ވާހަކަތަކާއެކު އެއް ރިޕޯޓެއްގައި ކުރިން ބުނެފައި ވަނީ ބޯޓު ވިއްކުމަށް ރައީސް ޓްރަމްޕް ފަސްޖެހިވަޑައިގަންނަވާ ކަމަށެވެ.






