ޖަލުގައި ބަންދުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކޮއްކޮ ނޫރީން ނިޔާޒީ ވިދާޅު ވަނީ ޕާކިސްތާންގެ ހާލަތު ޖެނަރަލް އާސިމް މުނީރުގެ ވެރިކަމުގައި ހިޓްލަރުގެ ވެރިކަމަށް ވުރެން ނުބައި ކަމަށެވެ. ޕާކިސްތާންގެ ސިފައިންގެ ވެރިޔާ އާސިމް މުނީރަށް އިންޒާރު ދެއްވަމުން ނޫރީން ވިދާޅުވީ އޭނާގެ ބޭބެއަށް އެއްވެސް ނުރައްކަލެއް ދިމާވެއްޖެނަމަ "ސިފައިންގެ ވެރިޔާ އާސިމް މުނީރުގެ ދަރިފަސްކޮޅަށް ދުވަހަކުވެސް ޕާކިސްތާންގައި ސަލާމަތުން ނުތިބޭނެ” ކަމަށެވެ.
މީޑިއާއާ ވާހަކަ ދައްކަމުން ނޫރީން ތުހުމަތު ކުރެއްވި ގޮތުގައި ރަވަލްޕިންޑީގެ އަޑިއާލާ ޖަލުގައި އިމްރާން ޚާން ބަންދުކުރި ދުވަސްވަރު ވެސް އިންސާނީ އަސާސީ ހައްގުތަކުން އޭނާ ވަނީ މަހުރޫމް ކޮށްފައެވެ. އަދި، އާއިލާއަށް އޭނާގެ ޚަބަރެއް ނުވާތާ މިހާރު ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު މި ފެންނަ ހާލަތަކީ "ޕާކިސްތާނުގެ ތާރީޚުގައި ފެނިފައިވާ އެންމެ އަނދިރި ޒަމާން" ކަމަށެވެ. އަދި ވިދާޅުވީ، "އިމްރާންގެ އެންމެ އޯޑަރަކުން އޭނާގެ ސަޕޯޓަރުން ޖަލުގެ ދޮރުތައް ތަޅާލައި އޭނާ ސަލާމަތް ކުރާނެ" ކަމަށެވެ.
ނޫރީން އިތުރަށް ވިދާޅުވީ މުނީރުގެ ވެރިކަމުގައި ޕާކިސްތާންގައި ވެރިކަން "ހިޓްލަރުގެ ވެރިކަމަށް ވުރެ ގޯސް" ކަމަށެވެ. އަދި އިމްރާން ޚާނަށް އާއިލާއާ ވާހަކަ ދެއްކުމުގެ ހުރިހައި ދޮރެއްވެސް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޕީޓީއައިގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުންނަށް ގޮށްމުށުގެ ބާރު ބޭނުންކުރުމަށް "މިނިވަން އަތެއް" ދީފައިވާ ކަމަށާއި، އަންހެނުންނާއި ކުޑަކުދިންނަށް ބަޑިޖަހައި ކޯޓުތައް ބަލިކަށިކޮށްފައިވާ ކަމަށް ވެސް ނޫރީން ތުހުމަތު ކުރެއްވި އެވެ.
އިމްރާން ޚާން އަވަހާރަވެފައިޥާ ކަމަށް ވާހަތައް ފެތުރޭއިރު، ޖަލުގެ އޮފިޝަލުން ވަނީ ޕީޓީއައިގެ ވެރިޔާ އަދިވެސް ރަނގަޅު ސިއްހަތެއްގައި ހުންނެވި ކަމަށް ބުނެ އޭނާގެ މަރާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.





