ނަތަންޔާހޫ ހައްޔަރު ކުރަން ނެރެފައިވާ އަމުރު ބާޠިލު ކުރެވޭ ގޮތަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޖެނޮސައިޑްގެ ޝަރީއަތަށް ބަދަލު ގެނައުމަށް އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އެކޯޓުން ބަލަން ފަށާފައިވާ އިސްރާއީލުން ޖެނޮސައިޑް ހިންގި މައްސަލަތައް ބެލުމަށް ބަދަލު ގެންނަން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ.
އިސްރާއީލުގެ ހުށަހެޅުން ރައްދުކޮށްފައި ވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އިސްތިއުނާފު ބެންޗަކުންނެވެ.
ހޯމަ ދުވަހު ކުރި ހުކުމުގައި ފަނޑިޔާރުން ބުނެފައި ވަނީ އިސްރާއީލުން ހިންގާފައިވާ ޖެނޮސައިޑާ ގުޅޭ ތަހުގީގު އަލުން ފަށާކަށް ވެސް ނުޖެހޭނެ ކަމަށެވެ. އަދި އިސްރާއީލަށް އަލުން ޖެނޮސައިޑުގެ ތަހުގީގަކާ ގުޅޭ ގޮތުން އެންގުމެއް އަންގަން ޖެހޭ ފަދަ "އާ ހާލަތެއް" ވެސް އުފެދިފައި ނެތް ކަމަށެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އިތުރަށް ބުނެފައި ވަނީ އިސްރާއީލާ ދެކޮޅަށް އެ ކޯޓަށް ހުށަހެޅިފައިވާ ޖެނޮސައިޑާ ގުޅޭ މައްސަލަތަކަކީ އެއް ސަރަހައްދެއްގައި އެއް ޒަމާނެއްގައި ހިންގާފައިވާ ޖަރީމާތަކާ ގުޅޭ މައްސަލަތަކެއް ކަމަށެވެ. އަދި މި މައްސަލަތަކަކީ ފަލަސްޠީނާ ގުޅުން ހުރި މައްސަލަތަކެއް ކަމަށެވެ.
އިސްރާއީލުން ބޭނުން ވެގެން އިސްތިއުނާފު ކުރީ، މިހާރު ބަލަމުންދާ ޖެނޮސައިޑް މައްސަލަތަކާ 2023 އޮކްޓޫބަރުގެ ފަހުގެ މައްސަލަތައް ގުޅުވައިގެން ނު ބެލުމަށެވެ. އަދި އިސްރާއީލުގެ ދައުވާއަށް ބާރު ދެމުން ހަވާލާދީފައި ވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ރޯމް މުއާހަދާގެ 18 ވަނަ މާއްދާއަށެވެ. އެ މާއްދާގެ ދަށުން ނަމަ ، އަލުން 2023 އޮކްޓޫބަރުގެ ފަހުގެ ޖެނޮސައިޑް ބަލާނަމަ، ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ބާޠިލު ވާނެއެވެ. އަދި އެ މައްސަލަ އަލުން ތަހުގީގަށް ހުޅުވާލުމަށާއި އިސްރާއީލުން ޖަވާބު ދާރީ ވުމަށް ހުޅުވާލަން ޖެހޭނެއެވެ. ނަމަވެސް އިސްރާއީލަށް ކޯޓުން އެ ފުރުސަތެއް ނުދިނެވެ.
މި ވާހަކައަށް ރައްދު ދެމުން ބެންޗުން ބުނެފައި ވަނީ:
- 2021ގައި ފެށި ތަހުގީގުގައި މިހާރުވެސް ދިމާވެފައިވާ ކަންކަން ހިމެނޭނެ ކަމަށާއި؛
- ބަލަމުންދާ މައްސަލަތަކަކީ، 13 ޖޫން 2014ގެ ފަހުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ކަމުން އެކަމުގެ ތެރެއަށް މިހާރު ހިންގާފައިވާ ކަންކަންވެސް ވަންނާނެ ކަމަށެވެ.
އިސްރާއީލުން މިވާހަކަ ދެއްކިނަމަވެސް މީގެ ކުރިން ބުނެފައި ވަނީ އިސްރާއީލާ ދެކޮޅަށް މައްސަލަ ބެލުމުގެ އިޚުތިސާސެއް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ލިބިގެން ނުވާނެ ކަމަށެވެ. އަދި އެ ކޯޓު އުފައްދާފައިވަނީ އިސްރާއީލުއާއި އެމެރިކާ ފަދަ ގައުމުތަކުގެ މައްސަލަތައް ބަލާކަށެއް ނޫން ކަމަށެވެ.




