އިސްރާއީލުގެ ސަލާމަތީ އިދާރާތަކަށް މައިކްރޯސޮފްޓްގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ހިންގި ތަހުގީގަކަށްފަހު، މައިކްރޯސޮފްޓްގެ އިސްރާއީލު ގޮފީގެ ސީއީއޯ އެލޮން ހައިމޮވިޗް މަގާމުން ވަކިކޮށްފިއެވެ.
މައިކްރޯސޮފްޓްގެ ބައިނަލްއަގުވާމީ މެނޭޖްމަންޓުން ހިންގި މި ތަހުގީގަށްފަހު، އެ ކުންފުނީގެ އިސްރާއީލު ގޮފި މިހާރު ވަނީ ވަގުތީ ގޮތުން ފަރަންސޭސިވިލާތުގެ ގޮފީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.
އިސްރާއީލުގެ މީޑިއާއިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ މައިކްރޯސޮފްޓްގެ ޓެކްނޮލޮޖީ ސިސްޓަމްތައް އިސްރާއީލުގެ ޔަހޫދީ ޖެނޮސައިޑަށް ބޭނުންކުރަމުންދާ ގޮތާއި، އެކަމުގައި މަސައްކަތުގެ އަޚުލާގީ މިންގަނޑުތަކަށް އަމަލުކޮށްފައިވާ މިންވަރު ބެލުމަށް ހިންގި ފުޅާ ދާއިރާއެއްގެ ތަހުގީގަށް ފަހުގައެވެ.
އާދިއްތަ ދުވަހު ޝާއިޢުކުރި މި ރިޕޯޓުގައިވާ ގޮތުން، އެމެރިކާގެ މައިކްރޯސޮފްޓް ކުންފުނީގެ އިންސްޕެކްޝަން ޓީމެއް މީގެ ހަފުތާތަކެއް ކުރިން އިސްރާއީލަށް ގޮސް، އެ ގޮފީގެ ސޭލްސް ޑިޕާޓްމަންޓުން އިސްރާއީލުގެ ސަލާމަތީ އިދާރާތަކާއެކު ކުރާ މުޢާމަލާތްތައް ވަނީ ބަލައި ފާސްކޮށްފައެވެ. މި ތަހުގީގަށް، ވޭތުވެދިޔަ 4 އަހަރު ސީއީއޯގެ މަގާމުގައި ހުރި އެލޮން ހައިމޮވިޗް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
ސީއީއޯ މަގާމުން ވަކިކުރުމާ އެކު، ސަރުކާރުގެ މުޢާމަލާތްތަކާ ބެހޭ ޑިޕާޓްމަންޓުގެ އިސް ބައެއް އޮފިޝަލުން ވެސް ވަނީ މަގާމުން ވަކިވެފައެވެ. މީގެ ސަބަބުން އިސްރާއީލު ގޮފީގެ މެނޭޖްމަންޓުގައި ވަނީ ހުސްކަމެއް އުފެދިފައެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މައިކްރޯސޮފްޓުން ނިންމާފައިވަނީ މިވަގުތަށް އެ ގޮފީގެ ހުރިހާ ކަމެއް މައިކްރޯސޮފްޓް ފަރަންސޭސިވިލާތުގެ ބެލުމުގެ ދަށުން ހިންގުމަށެވެ.
ތަހުގީގު ރިޕޯޓުން ހާމަވާ ގޮތުގައި، އިސްރާއީލުގެ ޑިފެންސް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ބައެއް ޔުނިޓުތަކުން މައިކްރޯސޮފްޓްގެ ސިސްޓަމްތައް ބޭނުންކުރަނީ ސިއްރު ގޮތަކަށް ކަމަށް ބައިނަލްއަގުވާމީ މައިކްރޯސޮފްޓުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިއީ ނިޒާމު ބޭނުންކުރުމުގެ އުސޫލުތަކާ ޚިލާފު ކަމެއްގެ އިތުރުން، ޔޫރަޕްގެ ގާނޫނީ އަދި ރެގިއުލޭޓަރީ ނިޒާމުތަކުގެ ކުރިމަތީގައި ކުންފުނި ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށްވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.




