ބެން ގުރިއަން އެއާޕޯޓު އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބަދަލުވެފައިވާތީ އިސްރާއީލުން ޝަކުވާ ކޮށްފި

އިސްރާއީލުގެ މައި އެއާޕޯޓު ކަމަށްވާ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓު، އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބަދަލުވެފައިވާ ކަމަށް ބުނެ، އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ރައީސް ޝަމޫއީލް ޒަކާއި އިންޒާރު ދީފިއެވެ.

އިސްރާއީލުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒަކާއި ވަނީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު މީރީ ރެގޭވްއާއި އެ މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް މޯޝޭ ބިން ޒަކީންއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އޭނާ ފާހަގަކޮށްފައިވާ ގޮތުގައި، އެއާޕޯޓުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް އޮޕަރޭޓް ކުރަމުންދިއުމުގެ ސަބަބުން މަދަނީ އުދުހުންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ބޭރުގެ އެއާލައިންތަކުން ދަތުރުތައް ފެށުން ވަނީ ލަސްވެފައެވެ.

މީގެ ސަބަބުން ކުރިއަށް އޮތް ހޫނު މޫސުމުގެ ފަތުރުވެރިކަމުގެ ދުވަސްވަރާ ދިމާކޮށް، ޓިކެޓުގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ފާއިތުވި ހަފުތާތަކުގައި އިސްރާއީލުގެ މީޑިއާން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެމެރިކާގެ އަސްކަރީ އެތައް މަތިންދާބޯޓެއް، ބެން ގުރިއަން އެއާޕޯޓުގައި ވަނީ ޖަމާވެފައެވެ.

ޒަކާއި އިތުރަށް ބުނީ މި ހާލަތުގެ ސަބަބުން އިސްރާއީލުގެ އެއާލައިންތަކުގެ މާލީ ހަމަޖެހުމަށް ވެސް ނުރައްކާވެފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ ސިފައިން މަދަނީ އުދުހުންތަކަށް ލިބޭ ގެއްލުމުގެ ނުރައްކާތެރިކަން ވަޒަންކުރަން ނޭނގޭ ކަމަށް ތުހުމަތުކޮށް، އެމެރިކާގެ އަސްކަރީ ބޯޓުތައް އެހެން އަސްކަރީ މަރުކަޒުތަކަށް ބަދަލުކުރުމަށް އޭނާ ވަނީ އަންގާފައެވެ.

މި މައްސަލައިގައި ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ އެއާލައިންތައް ކަމަށްވާ "އިސްރާއެއާ"، "އަރުކިއާ" އަދި "އެއާ ހައިފާ" ފަދަ ކުދި ކުންފުނިތަކަށް އޮޕަރޭޝަނަލް ޚަރަދުތަކާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ވަނީ އެނގިފައެވެ.

"އިސްރާއެއާ" ގެ ސީ.އީ.އޯ އޯރީ ސިރްކިސް ކްނެސެޓްގެ އިގްތިސާދީ ކޮމިޓީގައި ބުނި ގޮތުގައި، ކުރިން އެއާޕޯޓުގައި ރޭގަނޑު 17 ބޯޓު ބާއްވާއިރު، މިހާރު ހުއްދަ ލިބެނީ އެންމެ 4 ބޯޓު ބޭއްވުމަށެވެ. މީގެ ސަބަބުން ދަތުރުތައް މަދުވެ، އަގުތައް އުފުލެން ދިމާވާ ކަމަށް އޭނާ ބުނޏެވެ.

ހިއްސާ ކުރައްވާ!