ސޮލީބީ ސަހުޔޫނީ ހަމަލާތަކާ ގުޅިގެން މެދުކަނޑާލާފައި އޮތް ތެހެރާން ސްޓޮކް އެކްސްޗޭންޖް އަލުން ހުޅުވައިފި

ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން 80 ދުވަހުގެ މުއްދަތަކަށް މެދުކަނޑާލާފައި އޮތުމަށްފަހު، ތެހެރާން ސްޓޮކް އެކްސްޗޭންޖުގެ މުއާމަލާތްތައް އަލުން ފަށައިފިއެވެ. މިއީ އީރާނުގެ މާލީ ހަރަކާތްތައް އަލުން އިއާދަކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

އީރާނުގެ އައު މާލީ އަހަރު ކަމަށްވާ އުރުދޫ 1405 (2026) ވަނަ އަހަރުގެ ފުރަތަމަ ޓްރޭޑިންގ ސެޝަން މިއަދު ވަނީ ތެހެރާން ސްޓޮކް އެކްސްޗޭންޖް ހޯލުގައި ކުރިއަށް ގެންގޮސްފައެވެ. މިއީ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަނެ، އިގްތިސާދު ހަމައަކަށް އެޅުވުމަށް ކުރެވޭ މަސައްކަތުގެ ފެށުމެއް ކަމަށް މާލީ މާހިރުން ސިފަކުރެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަދުގެ ސެޝަންގައި ބައެއް ބޭންކުތަކާއި ކާރު އުފައްދާ ކުންފުނިތަކުގެ ހިއްސާގެ މުއާމަލާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ 40 އަށްވުރެ ގިނަ ކުންފުނީގެ ހިއްސާގެ މުއާމަލާތްތައް އަދި ފަށާފައެއް ނުވެއެވެ. މީގެ ތެރޭގައި ގިނައީ ކެމިކަލް އަދި މެޓަލް ސިނާއަތުގެ ކުންފުނިތަކެވެ.

މިއަދުގެ މުއާމަލާތްތަކުގައި ބޭންކިންގ އަދި އޮޓޯމޮބައިލް ދާއިރާގެ އިންޑެކްސްތައް ފާހަގަކޮށްލެވޭ މިންވަރަކަށް ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން ބައެއް ލެވަރޭޖް ފަންޑުތައް ވެސް ވަނީ އަލުން ހުޅުވާލާފައެވެ. އެހެންނަމަވެސް، މާކެޓް ހަމައަކަށް އެޅުވުމުގެ ގޮތުން ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.

މިގޮތުން ހިއްސާ ވިއްކުމުގައި ވަކި މިންވަރެއް ވަނީ ކަނޑައަޅާފައެވެ. ކޮންމެ ފަންޑަކުން ވެސް އެންމެ ގިނަވެގެން ވިއްކޭނީ 100,000 ޔުނިޓް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ފިޔަވަޅަކީ މާކެޓުގައި ކުއްލިއަކަށް އަގުތައް ވެއްޓިގެން ދިޔަ ނުދިނުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!