ކުވެއިތުން އެމެރިކާގެ 2 ބިލިއަން ޑޮލަރުގެ ހަތިޔާރުން ކުރާނީ ކޮންކަމެއް؟

މެދުއިރުމަތީގެ މަސްރަޙު ނުރައްކާތެރި ދަރަޖައަކަށް ހޫނުވެ، އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ކުވެއިތަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ކުވެއިތުގެ ދިފާޢީ ބާރު ވަރުގަދަކުރުމަށްޓަކައި ދެ ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ޒަމާނީ އަސްކަރީ ސާމާނު ވިއްކުމަށް އެމެރިކާގެ ޚާރިޖިއްޔާއިން ހުކުރުދުވަހު ހުއްދަދީފިއެވެ. މި އެއްބަސްވުމުގެ ދަށުން ކުވެއިތަށް ލިބޭނީ ޑްރޯންތައް ހުއްޓުވުމަށް ޚާއްޞަ، އެންމެ ފަހުގެ އާލަތްތަކެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މުއާމަލާތުގެ ޖުމްލަ އަގު 1.98 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. މި ސާމާނުތަކުގެ ތެރޭގައި ޑްރޯންތަކާ ދެކޮޅަށް ބޭނުންކުރާ "ރޯޑްރަނާ މިއުނިޝަން" އަދި "އެންވިލް ކިނެޓިކް" ނިޒާމުތަކާއި، ލޯންޗިންގް ބޮކްސްތަކާއި، ނެޓްވޯކް ކުރެވިފައިވާ ކޮމާންޑް އެންޑް ކޮންޓްރޯލް ސިސްޓަމްތަކުގެ އިތުރުން ރާޑަރު ޓަاވަރުތަކާއި އިލެކްޓްރޯމެގްނެޓިކް ހަނގުރާމަވެރި ނިޒާމުތައް ހިމެނެއެވެ.

އެމެރިކާއިން ބުނާގޮތުގައި، މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ނޭޓޯއިން ބޭރުގައިވާ އެމެރިކާގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށްވާ ކުވެއިތުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމެވެ. ނަމަވެސް، މިހާ އަގުބޮޑު އަދި ފަންނީ ގޮތުން އެންމެ މަތީ ފަންތީގެ ހަތިޔާރުތަކެއް ކުވެއިތުން ބޭނުންކުރާނީ ކޮން ގޮތަކަށްތޯ އަދި މީސްކޮޅު މަދު ހުދު ޖުއްބާލީ އަބުއި މީހުން އުޅޭ ކުވެއިތުގައި މިއީ ކޮންބައެއް އޮޕަރޭޓްކުރާނެ އެއްޗެއްތޯ ވަނީ ސުވާލު އުފެދިފައެވެ.

އަސްކަރީ ތަޖުރިބާކާރުން ބުނާގޮތުގައި، ކުވެއިތުގެ އަމިއްލަ ސިފައިންނަށް މި ފަދަ އާ ސިސްޓަމްތައް ވަގުތުން އޮޕަރޭޓްކުރުމުގެ ފަންނީ ޤާބިލުކަން އަދި ލިބިފައެއް ނެތެވެ. އެހެންކަމުން، މި ނިޒާމުތައް އެންމެ ފުރަތަމަ އިންސްޓޯލްކޮށް، އޮޕަރޭޓްކުރަން ފަށާނީ އެމެރިކާގެ އަސްކަރީ ކޮންޓްރެކްޓަރުންނާއި ފަންނީ މާހިރުންނެވެ. އަދި ކުވެއިތުގެ ސިފައިންނަށް މި ތަކެތި ބޭނުންކުރާނެ ގޮތުގެ ދިގު މުއްދަތުގެ ތަމްރީނުތައް ދިނުމަށްވެސް އެމެރިކާގެ ޓީމުތައް ކުވެއިތުގައި ހަރަކާތްތެރިވާނެއެވެ.

މި ހުއްދަ ދިނުމުގެ ކުރިން، ބުރާސްފަތިދުވަހު ވޮޝިންގްޓަންގައި ކުވެއިތުގެ ޚާރިޖީ ވަޒީރު ޖައްރާޙް ޖާބިރު އަލްއަޙްމަދު އައްޞަބާޙް ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާ ބައްދަލުކުރައްވައި، ދިފާޢީ ދާއިރާއިން ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އީރާނުގެ ޑްރޯންތަކެއް ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާދީ، މީހަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވި ހާދިސާއަށް ފަހުގައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މިއީ އެއާޕޯޓަށް ދިން ހަމަލާއެއް ނޫން ކަމަށް ބުނެ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާއެއް ކަމަށް ދަޢުވާކުރި ނަމަވެސް، އެމެރިކާއާއި ކުވެއިތުން ވަނީ އީރާނުން ގަސްތުގައި އާންމު އެއާޕޯޓަށް ހަމަލާދިންކަން ކަށަވަރުކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ހިއްސާ ކުރައްވާ!