އިރާޤުގެ ފުޓުބޯޅަ ތަރިންނަށް އެމެރިކާގެ އިމިގްރޭޝަނުން ފުރައްސާރަކޮށްފި

ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ އިރާޤުގެ ޤައުމީ ފުޓުބޯޅަ ޓީމަށް އެމެރިކާގެ ބޯޑަރުން މިއަދު ފެނުނީ މަރުހަބާގެ ބަދަލުގައި، އިހާނެތިކަމާއި ފުރައްސާރަ ކުރުމެވެ. ޝިކާގޯގެ އޯހެއާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ހިންގި ހަރުކަށި އަމަލުތަކަކީ، ކުޅިވަރުގެ ރޫޙާ މުޅިން ޚިލާފު، ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އިރާޤުގެ ފުޓުބޯޅައިގެ އެންމެ ބޮޑު ތަރި، އަދި ވޯލްޑް ކަޕަށް ޓީމު ކޮލިފައިކޮށްދިން ލަނޑު ޖެހި އައިމަން ހުސައިން، އެއާޕޯޓުގެ ލޯކަލް ޑިޓެންޝަން ރޫމެއްގައި 7 ގަޑިއިރަށްވުރެ ގިނަ ވަގުތު އިހާނެތި ގޮތަކަށް ހިފަހައްޓައި، އޭނާގެ އަމިއްލަ ފޯނުތައް ބަލައި ފާސް ކޮށްފައި ވެއެވެ.

އިރާޤުގެ އޮލިމްޕިކް ކޮމިޓީގެ އޮފިޝަލަކު ބުނި ގޮތުގައި، ހުސައިން އެމެރިކާއަށް ވަނުމުގެ ހުއްދަ ލިބުނު ނަމަވެސް، ޓީމުގެ ރަސްމީ ފޮޓޯގްރާފަރު ތަލާލް ސަލާހަށް ދިމާވީ މިއަށްވުރެ ހިތްދަތި ހާދިސާއެކެވެ. އޭނާ 10 ގަޑިއިރަށްވުރެ ގިނަ ވަގުތު އެއާޕޯޓްގައި ބަންދުކޮށްގެން ގެންގުޅުނެވެ. އަދި، އެތައް ސުވާލެއް ކުރުމަށްފަހު، އެއްވެސް ތަފްސީލެއް ނެތި އެމެރިކާއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.

މި ހާދިސާއަކީ އިރާޤުގެ ޓީމަށް ލިބުނު ވަރަށް ބޮޑު ނަފްސާނީ ހިތްދަތިކަމެކެވެ. 40 އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރާ އިރާޤުގެ ޓީމަށް އެމެރިކާއިން ހޫނު މަރުހަބާއެއް ކިޔުމުގެ ބަދަލުގައި، ސިޔާސީ ނުފޫޒާއި އިމިގްރޭޝަންގެ ބާރުގެ ބޭނުންކޮށްގެން ހިންގި މި އަމަލުތަކަކީ އެމެރިކާގެ ޑިމޮކްރެސީއާއި މެހެމާންދާރީއާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.

އެމެރިކާއަކީ އިރާގަށް އަރައި އެގައުމު ލޫޓޫވާލައި އަބޫ ޣުރައިބު ޖަލުގައި އިރާގް މީހުން އޮރިޔާންކޮށް އެމީހުންނާ މެދު ލާއިންސާނީ އަމަލު ހިންގައި އިހާނެތިކޮށް ހިތި ގައުމެވެ. އިރާގްގެ ގިނަ އަދަދެއްގެ ރަން ފޭރިގަނެ އެމެރިކާއިން އެތަކެތި އަދިވެސް އިރާގާ ހަވާލުކޮށްފައެއް ނުވެއެވެ.

އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އާއި ހޯމްލޭންޑް ސެކިއުރިޓީން މި މައްސަލައާ ގުޅިގެން ވަގުތުން ޖަވާބެއް ދީފައެއް ނުވެއެވެ.

މުބާރާތް ފެށުމަށް ހަފުތާއަކަށް ވެފައި ވަނިކޮށް، އެމެރިކާގެ މިފަދަ ލާއިންސާނީ އަމަލުތަކުން ދައްކުވައިދެނީ، އެމެރިކާ، ކެނެޑާ، އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތުގެ މެހެމާންދާރީގެ ފެންވަރެވެ. އިރާޤު ހިމެނޭ ގްރޫޕް I ގައި ދެން އޮތީ ފްރާންސް، ސެނެގޯލް އަދި ނޯވޭއެވެ.

ކުޅުންތެރިންގެ ފޯނުތައް ފާސްކޮށް، ޓީމުގެ މުހިންމު ބައިވެރިއަކު އެނބުރި ފޮނުވާލުމަކީ، ފުޓުބޯޅައިގެ މައިދާނަށް ވުރެ ބޮޑަށް އެމެރިކާގެ ބޯޑަރުގެ 'ނަސްލީ ތަފާތު ކުެރުމުގެ ސިޔާސަތު' ދައްކުވައިދޭ މަންޒަރެކެވެ.

ހިއްސާ ކުރައްވާ!