މިޔަންމާގެ އާ ރައީސް މިން އަންގް ހްލައިންގް އިންޑިއާއަށް ކުރެއްވި 5 ދުވަހުގެ ރަސްމީ ދަތުރުފުޅާއެކު، ދެ ޤައުމުގެ ބޭރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ހާމަވެއްޖެއެވެ. މިއީ މިޔަންމާގައި ބޭއްވުނު އިންތިޚާބަށްފަހު އެޤައުމުގެ ރައީސް ބޭރު ޤައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މި އިންތިޚާބަކީ ޑިމޮކްރެޓިކް ހަމަތަކުން ބޭރުން ބޭއްވުނު އިންތިޚާބެއް ކަމަށް ބުނެ، އާސިއާންގެ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުގެ މެންބަރުން ދަނީ މި ވެރިކަމުގެ ސައްހަކަމާމެދު ސުވާލު އުފައްދަމުންނެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ބުނާ އިންޑިއާއިން މިފަދަ އަސްކަރީ ބަޣާވާތަކުން އުފެދުނު ސަރުކާރަކާއެކު ރަސްމީ ގުޅުން ބޭއްވުމުން ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.
ތާރީޚަށް ބަލާއިރު، 1988 ވަނަ އަހަރު މިޔަންމާގައި ހިނގި އަސްކަރީ ބަޣާވާތާ ގުޅިގެން އިންޑިއާއިން އޭރު ގެންގުޅުނީ އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީގެ އަސާސްތަކަށް ބިނާވި "އައިޑިއަލިސްޓިކް" ސިޔާސަތެކެވެ. މީގެ ސަބަބުން ދެ ޤައުމުގެ ގުޅުން ކެނޑި، އެ ފުރުޞަތުގެ ބޭނުން ހިފައިގެން ޗައިނާއިން މިޔަންމާގައި ނުފޫޒު ގަދަކުރިއެވެ.
ޗައިނާއިން ބިލިއަނެއްހާ ޑޮލަރުގެ ހަތިޔާރު މިޔަންމާއަށް ވިއްކައި، އިންޑިއާ ކަނޑަށް ވާސިލުވުމަށްޓަކައި އެޤައުމުގެ ބޭނުން ހިފިއެވެ. މީގެ އިތުރުން އިންޑިއާގެ އިރުއުތުރު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ތަމްރީނު ދިނުމަށް މިޔަންމާގެ ބިން ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.
މި ތަޖުރިބާއަށްފަހު، 2021 ވަނަ އަހަރު މިޔަންމާއަށް އައި ބަޣާވާތަށްފަހު އިންޑިއާއިން ވަނީ ސިޔާސަތު ބަދަލުކޮށް، "ޕްރެގްމެޓިކް" ނުވަތަ ހަޤީޤަތަށް ބިނާވެފައިވާ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމަކުރާ ގޮތުގައި މިޔަންމާގައި ހިނގާ ކޮންމެ ކަމަކީ އިންޑިއާގެ ސަލާމަތާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، އިންޑިއާއިން މިހާރު ދަނީ މިޔަންމާގެ އަސްކަރީ ސަރުކާރާއި، އެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ދަރިކޮޅުތަކުގެ ހަތިޔާރުއެޅި ޖަމާއަތްތަކާވެސް ގުޅުން ބާއްވަމުންނެވެ.
ޚާއްޞަކޮށް ރާޚައިންް ސްޓޭޓްގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ އަރަކާން އާމީ އާއެކު އިންޑިއާގެ އޮފިޝަލުން ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. މީގެ ބޭނުމަކީ އިންޑިއާއިން އެޤައުމުގައި ހިންގާ ބޮޑެތި އިޤްތިޞާދީ މަޝްރޫޢުތައް ހިމާޔަތްކުރުމެވެ.
މީގެ ތެރޭގައި ކަލަދާން މަލްޓިމޯޑަލް ޓްރާންސިޓް ކޮރިޑޯ އާއި ސިތުވޭ ބަނދަރު ހިމެނެއެވެ. މި މަޝްރޫޢުތަކަކީ ޗައިނާގެ ނުފޫޒު ކުޑަކުރުމަށާއި، އިންޑިއާއިން އާސިއާން ޤައުމުތަކާ ގުޅައިދޭނެ މުހިންމު ވަސީލަތްތަކެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވާއިރު، މިޔަންމާގެ ބިން އިންޑިއާއާ ދެކޮޅު ހަރަކާތްތަކަށް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.






