ޓްރަމްޕް ސަރުކާރުގެ 2026 ވަނަ އަހަރުގެ ކައުންޓަރ-ޓެރަރިޒަމް ސްޓްރެޓެޖީ އިއުލާންކުރުމާއެކު، އެމެރިކާގެ ޚާރިޖީ އަދި ދާޚިލީ ސަލާމަތީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ނަމަވެސް، މި ބަދަލުތަކުގެ އަޑީގައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ ހަޔާތާއި އޭނާގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ތަނބު ކަމުގައިވާ އިސްލާމްދީނާ ދެކޮޅު އިސްލާމޯފޯބިކް ފިކުރާއި، މުސްލިމުންނާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތައްކަމަށް މާނަ ކުރެވެއެވެ.
ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބައިނަލްއަޤުވާމީ ކޮންފަރެންސެއްގައި ހާމަކުރެއްވި ގޮތުގައި، 2026 ގެ ސްޓްރެޓެޖީގެ މައިގަނޑު އެއް ތަނބަކީ "ހަނގުރާމަވެރި އިސްލާމީ ޓެރަރިޒަމް" އެވެ. މިއީ ހަމައެކަނި ސަލާމަތީ ބަދަލެއް ނޫނެވެ. މިއީ ޓްރަމްޕްގެ ފުރަތަމަ ދައުރުން ފެށިގެން އެމެރިކާގެ ސިޔާސީ މަސްރަހުގައި ބޭނުންކުރަމުން އަންނަ "އިސްލާމީ ނުރައްކާ" ބޮޑުކޮށް ދެއްކުމުގެ ސިޔާސަތުތަކަށް ދެވުނު އިތުރު ބާރެކެވެ.
މި ފަހުން އެމެރިކާގައި ވެސް ދީފައިވާ ގިނަ ހަމަލަތަކަކީ ކްރިސްޓިއަން ސޮލީބީން ދީފައިވާ ހަމަލަތައް ކަަމށްވާއިރު މި ހަމަލަތައް ނަސްރާއިންގެ ޓެރަރިޒަމްގެ ގޮތުގައި މި ވެރިން ލޭބަލް ކޮށް ނުހަދައެވެ.
ޓްރަމްޕްގެ މުސްލިމުންނާ ދެކޮޅުވެރި ސްޓްރެޓެޖީގެ ސަބަބުން، ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އެތެރޭގެ ހަރުކަށި ކަނާތުފިޔައިގެ ގްރޫޕްތަކާއި "ވައިޓް ސުޕްރެމަސިސްޓް" ނުވަތަ ދޮންމީހުންގެ މަތިވެރިކަން ގަބޫލުކުރާ ނެޓްވޯކްތަކާ ދެކޮޅަށް ކުރި މަސައްކަތްތައް ހުއްޓުމަކަށް އައިސް، އަލުން މުސްލިމް މުޖުތަމައުތަކަށް ފާރަލުމާއި ހަރުކަށި ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދެއެވެ.
ޓްރަމްޕްގެ އިސްލާމޯފޯބިކް ސިޔާސަތުތަކުގެ ތާރީޚު
ފާޑުކިޔާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުސްލިމުންނަކީ އެމެރިކާގެ ސަލާމަތަށް އޮތް ބިރެއްގެ ގޮތުގައި ދެއްކުމަށެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ސިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ:
ރިއާސީ އަމުރު 13769 (މުސްލިމުން އެތެރެވުން މަނާކުރުން): ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ނެރުއްވި މި ރިޔާސީ އަމުރަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކުރި އަމުރެކެވެ. މިއީ ދީނަށް ބަލައި ވަކި ބަޔަކު ބާކީކުރުމަށް ހިންގި ބޭއިންސާފު، ނަސްލީ ތަފާތުކުރުމެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ސިފަކުރެއެވެ.
-
ދާޚިލީ ފާރަލުމާއި ބަސްމަގު: އަރައިން ބިލިއަނުން ފައިސާދޭ އަދި މާލީ މުއާމަލާތް ހިންގާ ޓްރަމްޕްގެ ސިޔާސީ ބަޔާންތަކުގައި އިސްލާމްދީނާ ގުޅުވައިގެން ބޭނުންކުރާ ހަރުކަށި ލަފުޒުތަކުގެ ސަބަބުން، ދުނިޔޭގެ އެކި ކޮޅުތަކުގައި މުސްލިމުންނާ މެދު ނަފުރަތު އުފެދުމަށް ވަނީ މަގުފަހިވެފައެވެ. މީގެ އިތުރުން އެމެރިކާގެ އެތެރޭގައި ހުރި މިސްކިތްތަކާއި މުސްލިމް މުޖުތަމައުތަކަށް ފާރަލުމުގެ ހަރުކަށި ޕްރޮގްރާމްތަކަށް ހިތްވަރު ދިނުން ހިމެނެއެވެ.
އައު ސިޔާސަތަށް އޮތް ފާޑުކިޔުންތައް
އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން ފަދަ ޖަމާއަތްތަކުން ދެކޭ ގޮތުގައި، ޓްރަމްޕްގެ ސިޔާސީ އެޖެންޑާގެ ދަށުން ޓެރަރިޒަމްގެ މާނަ ފުޅާކުރުމަކީ ހަމައެކަނި ސަލާމަތީ ބަދަލެއް ނޫނެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކާއި، ޚާއްޞަކޮށް މުސްލިމް މުޖުތަމައުތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތެރިން ހުއްޓުވުމަށް ބޭނުންކުރާނެ ހަތިޔާރެކެވެ.
މި ސްޓްރެޓެޖީގެ ސަބަބުން، ގާނޫނުން ރައްކާތެރިކަންދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މުޒާހަރާކުރުމުގެ ހައްގުތައް ގެއްލި، އެމެރިކާގެ ޑިމޮކްރެޓިކް ހަމަތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.






