ޗެކް ޚާރިޖީ ވަޒީރުގެ ބަސްމަގުން އިސްލާމޯފޯބިއާ ހާމަވެއްޖެ

ޚާރިޖީ ގުޅުންތަކާއި ސަލާމަތީ ކަންކަމުގެ ނަމުގައި، ބައިނަލްއަގުވާމީ މައިދާނުގައި ނަފްރަތާއި ތަފާތުކުރުން ފާޅުކަން ބޮޑު ގޮތެއްގައި ދިފާއުކުރެވިދާނެ ބާވައެވެ؟ މި ސުވާލު މިއަދު ވަނީ ޔޫރަޕްގެ ސިޔާސީ މަސްރަހުގައި ވަރަށް ބޮޑަށް ފާހަގަވެފައެވެ. އެއީ ޗެކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު ޕީޓަރ މެޓްސިންކާ، އިސްރާއީލަށް ކުރެއްވި ރަސްމީ ޒިޔާރަތެއްގައި ދެއްކެވި ހަރުކަށި އަދި އެހާމެ ނުރައްކާތެރި ވާހަކަތަކަކާ ގުޅިގެންނެވެ.

އިސްރާއީލްގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މެޓްސިންކާ ވަނީ ޗެކް ރިޕަބްލިކަކީ އިސްރާއީލް މީހުންނަށް އަމާން ތަނެއްކަން ސާބިތުކޮށްދިނުމަށްޓަކައި ހައިރާންކުރުވަނިވި "ހުއްޖަތެއް" ދައްކަވާފައެވެ. އޭނާ ވިދާޅުވީ ،އޭނާގެ ގައުމުގައި "އިސްލާމީ ގައުމުތަކުން އައިސްފައިވާ މުހާޖިރުން ނެތުމަކީ" އިސްރާއީލްގެ ރައްޔިތުންނަށް އެގައުމުގައި ރައްކާތެރިކަން އިހުސާސްވާ މައިގަނޑު ސަބަބު ކަމަށެވެ.

މިއީ ހަމައެކަނި ސިޔާސީ ގޮތުން ދެވުނު ނޭދެވޭ ބަޔާނެއް ނޫނެވެ. މިއީ ދުނިޔޭގައި އޮތް 1.8 ބިލިއަނަށްވުރެ ގިނަ ބަލިކަށި އިސްލާމީ އުންމަތަކީ ޔޫރަޕާއި ޔަހޫދީންނަށް "ނުރައްކަލެއް" ކަމަށް ސިފަކޮށް، ދީނީ އަގީދާއަށް ބަލައި ބަލިކަށި އިސްލާމީ އުންމަތް އެއްކޮށް ބާކީކޮށްލުމަށް ބާރުއެޅި ފާޅުކަން ބޮޑު އިސްލާމޯފޯބިކް ހަމަލާއެކެވެ.

ނަފްރަތު އާންމުކުރުމާއި "އަމާންކަން" ސިފަކުރުން

މެޓްސިންކާގެ ވާހަކަތަކުން ދޭހަވަނީ، ގައުމެއްގެ އަމާންކަމާއި ރައްކާތެރިކަން ބިނާވަނީ ވަކި ދީނެއްގެ ނުވަތަ ސަގާފަތެއްގެ ބަޔަކު ނެތުމުގެ މައްޗަށް ކަމަށް ގަބޫލުކުރާ ހަރުކަށި، ކަނާތު ފިޔައިގެ ނަސްލީ ތަފާތުކުރުމުގެ ވިސްނުމެވެ. އޭނާ ވަނީ، ތަފާތު ދީނީ އަދި ސަގާފީ ބަޔަކު މުޖުތަމައުގެ ތެރެއަށް ވަނުމަކީ ޗެކް ރިޕަބްލިކްގެ ނަސްލު "ޚަރާބުވެގެންދާނެ" ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުންނާއި ސިޔާސީ ދިރާސާވެރިން ވަނީ މީހާގެ މި ބަޔާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ކުށް ކުރުމާއި ނުރައްކާތެރިކަން ވަކި ދީނަކާ ގުޅުވުމަކީ ބޯދާ، އަދި އިލްމީ އެއްވެސް އަސާސެއް ނެތް ނަފްރަތު އުފެއްދުމުގެ އަމަލެއް ކަމަށެވެ. ދެ ހަނގުރާމަ އެއްފައި އިންސާނިއްޔަތަށް ބޮޑު ލޭ އޮހޮރުވުމެއް ކުރިމަތި ކުރި ހުދު ޔޫރަޕްގެ މީހުންގެ މުޖުތަމައުގައި މިފަދަ ވާހަކަތައް އާންމުވަމުންދިއުމަކީ، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި ހަމަހަމަކަމުގެ އަސާސްތަކަށް ދެވޭ ބޮޑު ހަމަލާއެކެވެ.

ޑިޕްލޮމެޓިކް ފުރުސަތު ބޭނުންކޮށްގެން ދިން "ތަފާތުކުރުމުގެ" މެސެޖު

މި ބަޔާން ދީފައިވަނީ އިސްރާއީލުން ފަނަލަސްޠީނުގައި މެދު ނުކެނޑި ޖެނޮސައިޑް ހިންގައި ފަލަސްޠީނު މީހުންނާ ދެކޮޅަށް އަނިތޔާވެރި އަމަލުތައް ހިންގަމުންދާ ދަނޑި ވަޅެއްގައެވެ. ޗެކް ރިޕަބްލިކަކީ ޔޫރަޕްގެ އިއްތިހާދުގެ ތެރެއިން އިސްރާއީލުގެ ޖެނޮސައިޑަށް އެންމެ ބޮޑަށް ވާގިވެރިވާ އެއް ގައުމެވެ. ނަމަވެސް، މި އެއްބާރުލުން ދެއްކުމުގެ ތެރެއިން، ނިކަމެތި އިސްލާމީ އުންމަތް ބާކީކޮށް ނަފްރަތު ފެތުރުމަކީ ޒިންމާދާރު ޚާރިޖީ ސިޔާސަތެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ދެފުށް ފެންނަ ޑިމޮކްރަސީއެއްގެ ގޮތުގައި ބަލާ ޗެކް ސަރުކާރުގެ ވަޒީރަކު، މުހާޖިރުންނަކީ ހަމައެކަނި އެމީހުންގެ ދީނުގެ ސަބަބުން ގައުމީ ސަލާމަތަށް އޮތް ބިރެއްގެ ގޮތުގައި ސިފަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ވިލާތުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއެއްގެ މަންދޫބަކު ބުންޏެވެ. "މިއީ ބައިނަލްއަގުވާމީ މަސްރަހުގައި އިސްލާމޯފޯބިއާއަށް ރަސްމީ ސިފައެއް ދިނުމެވެ."

މެޓްސިންކާގެ މި ބަޔާނަކީ ޗެކް ރިޕަބްލިކްގައި އަދި މުޅި ޔޫރަޕްގައި ކަނާތު ފިޔައިގެ ހަރުކަށި ގައުމީ ހަރުކަށި ފިކުރު ފެތުރެމުންދާ މިންވަރު ހާމަކޮށްދޭ ހެއްކެކެވެ. "މުހާޖިރުންނާ ދެކޮޅު" ސިޔާސަތެއްގެ ނިވާފަތްގަނޑުގައި ތިބެ، މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަކީ މުޖުތަމައުތައް ބައިބައިކޮށް، ސުލްހައަށް ހުރަސްއަޅާނެ ކަމެކެވެ.

ދުނިޔެ މިއަދު ބޭނުންވަނީ ސަގާފީ އަދި ދީނީ ތަފާތުތަކަށް އިހުތިރާމްކުރާ، އެންމެން ހިމެނޭ ސިޔާސަތުތަކެކެވެ. ނަމަވެސް ޕްރާގުން ފެންނަމުންދަނީ އެއާ ދިމާ އިދިކޮޅު، ބިރުވެރިކަމާއި ނަފްރަތުގެ މިސްރާބެކެވެ.

ހިއްސާ ކުރައްވާ!