އެމރިކާ: ދަރިވަރުންނާއި ނޫސްވެރިންނަށް ވިސާދިނުން ހަރުކަށިކުރަނީ

އެމެރިކާގެ ސަރުކާރުން ބޭރު ގައުމުތަކުގެ ދަރިވަރުންނާއި، ސަގާފީ ބަދަލުވުމުގެ ޕްރޮގްރާމްތަކުގެ ދަށުން އެތެރެވާ މީހުން އަދި ނޫސްވެރިންނަށް ދޫކުރާ ވިސާގެ މުއްދަތު ކުރުކުރުމަށް ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން ނެރުނު އާ ގަވާއިދުގައިވާ ގޮތުން، ބައިނަލްއަގުވާމީ ދަރިވަރުންނަށް ދޫކުރާ "އެފް ވިސާ" ސަގާފީ އެކްސްޗޭންޖު ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ދޫކުރާ "ޖޭ ވިސާ" އަދި މީޑިއާގެ ފަރާތްތަކަށް ދޫކުރާ "އައި ވިސާ" ގެ މުއްދަތު ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ބަދަލުކުރެވޭނެއެވެ. މިހާރު މި ވިސާތައް ދޫކުރަނީ އެމީހަކު ބައިވެރިވާ ޕްރޮގްރާމެއް ނުވަތަ އެމެރިކާގައި އަދާކުރާ ވަޒީފާއެއް ނިމެންދެނެވެ.

މި އާ ގަވާއިދަށް އަމަލުކުރަން ފަށާނީ، ފެޑެރަލް ރެޖިސްޓަރުގައި ގެޒެޓު ކުރާތާ 60 ދުވަސް ފަހުންނެވެ. އެހެންނަމަވެސް، މިކަން ކޮންގްރެސްއިން މުރާޖައާ ކުރުމަށް ޝަރުތުކުރެވިފައިވެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވުމަށްފަހު، ހިޖުރަކުރުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ދަރިވަރުންނަށާއި، މަސައްކަތްތެރިންނަށް އަދި ބޭރުގެ ނޫސްވެރިންނަށް އެމެރިކާއަށް ދިއުމުގައި އާ ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އާ ގަވާއިދުގެ ދަށުން، ދަރިވަރުންނާއި އެކްސްޗޭންޖް ވިސާގެ މުއްދަތު ހަތަރު އަހަރަށްވުރެ ދިގު ނުވާނެއެވެ. އަދި ނޫސްވެރިންނަށް ދޫކުރާ ވިސާގެ މުއްދަތު 240 ދުވަހަށް ކުރުކުރެވޭނެއެވެ. ޗައިނާގެ ރައްޔިތުންނަށް ނަމަ މި މުއްދަތަކީ 90 ދުވަހެވެ. ނަމަވެސް، ވިސާ ހޯދާފައިވާ ފަރާތްތަކަށް ވިސާ އިތުރުކުރުމަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމެރިކާގެ ސަރުކާރުން ބުނެފައިވެއެވެ.

މިފަދަ ވިސާތައް ދޫކުރާ އަދަދު 2024 ވަނަ އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ އަހަރު 1.8 މިލިއަނަށް ވުރެ ގިނަ ދަރިވަރުން ވިސާ ހޯދާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 11% ގެ ކުރިއެރުމެކެވެ. މީގެ އިތުރުން 2024 ވަނަ އަހަރު އެކްސްޗޭންޖް ވިސާގައި 500،000 އަށް ވުރެ ގިނަ މީހުންނާއި، 37،300 މީޑިއާ ފަރާތްތަކަށް ވިސާ ދޫކޮށްފައިވެއެވެ.

ހޯމްލޭންޑުން ބުނީ މިހާ ގިނަ އަދަދެއްގެ މީހުން އެމެރިކާގައި ތިބުމަކީ، އެމީހުންގެ ހަރަކާތްތައް މޮނީޓަރުކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އަދި ދަރިވަރުންނާއި އެކްސްޗޭންޖް ވިސާގައި އަންނަ މީހުން އެތައް އަހަރެއް ވަންދެން އެމެރިކާގައި ތިބޭކަން ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް އެމެރިކާގައި މަޑުކުރަން ބޭނުންވާ ފަރާތްތަކުން، ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅަން ޖެހޭނެއެވެ. ނުވަތަ އެމެރިކާއިން ބޭރަށް ގޮސް އަލުން ވިސާ ހޯދައިގެން އެތެރެވާން ޖެހޭނެ ކަމަށް އާ ގަވާއިދުގައިވެއެވެ.

ހިއްސާ ކުރައްވާ!