ޓްރަމްޕްގެ އާއިލާއިން ކްރިޕްޓޯގެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ ޖަސްޓިން ސަންއާ ގުޅުން ބަދަހިކޮށްފި

ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އާއިލާއިން ހިންގާ ކްރިޕްޓޯކަރަންސީ ވިޔަފާރި ކުރިއެރުވުމަށްޓަކައި، މާލީ މުއާމަލާތްތަކުގެ ޝައްކު ބޮޑު އަދި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ޗައިނާގެ ކްރިޕްޓޯ މަހުޖަނު ޖަސްޓިން ސަންއާ ގުޅިފައިވާކަން ހާމަވެއްޖެއެވެ. މިއީ ޓްރަމްޕްގެ އާއިލާއިން އެމީހުންގެ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ޖީބު ބޮޑުކުރަން ޗައިނާގެ ވިޔަފާރި ވެރިޔާއާ ގުޅިގެން އުޅޭކަމުގެ ހެއްކެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޓްރަމްޕްގެ އާއިލީ ކްރިޕްޓޯ މަޝްރޫއު ކަމަށްވާ "ވޯލްޑް ލިބަޓީ ފައިނޭންޝިއަލް" އަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް، އެމެރިކާގެ ސަރުކާރުން ތަހުގީގު ކުރަނުން މައްސަލަތަކެއްގައި ހިމެނޭ ޖަސްޓިން ސަންއާ ޓްރަމްޕްގެ ދަރިން ވަނީ ސިއްރު ވިޔަފާރި ގުޅުންތަކެއް ބާއްވާފައެވެ. ޗައިނާއަށް ތްރަމްޕް ފާޑު ކިޔާއިރު މިފަދަ ގުޅުން ބާއްވާ ކަމަށް ވޯލްސްޓްރީޓް ޖާނަލް އިން ރިޕޯޓް ކުރުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. ޖަސްޓިން ސަން އަކީ މީގެ ކުރިން ވެސް މާކެޓް މެނިޕިއުލޭޓް ކޮށް އޮޅުވާލުމާއި އޮޅުވާލައިގެން މުދާ ވިއްކުމުގެ ތުހުމަތުތަކެއް އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން އިން ތަހުގީގު ކޮށްފައިވާ މީހެކެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕް ރައީސްކަމުގައި ހުރތެ އެތައް ބިލިއަން އާމްދަނީ ގެ ގޮތުގައި ހޯދަމުންދާއިރު މިފަދަ ގޮތްނޭނގޭ ބޭރުގެ ވިޔަފާރިވެރިންނާ ގުޅުން ބޭއްވުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ވެސް ހުރި ނުރައްކަލެކެވެ. މިއީ ވެރިކަމުގެ ބާރު ބޭނުންކޮށްގެން އަމިއްލަ ވިޔަފާރި ފުޅާކުރުމަށް ޓްރަމްޕްގެ އާއިލާއިން މަސައްކަތް ކުރާކަން ދައްކައިދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!