ޗައިނާއިން ހައްލުކުރަނީ އިގްތިސާދީ އަސްލު މައްސަލައެއް ނޫން: ބްލޫމްބާގު

ޗައިނާގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި އާންމުން ވިޔަފާރިއާއި ޚިދުމަތްތަކަށް މީހުން ކުރާ ޚަރަދު އިތުރުކުރުމަށް އެގައުމުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ އެކަމުގެ އަސްލު މައްސަލަ ހައްލިުކުރުމަށް އަމާޒު ކޮށްފައިވާ ސިޔާސަތުތަކެއް ނޫން ކަމަށް ބްލޫމްބާގް އިން ފާހަގަކޮށްފިއެވެ.

ބްލޫމްބާގްގައި ބުނެފައިވާ ގޮތުން، ޗައިނާ ސަރުކާރުން ދަނީ ކާރުޚާނާތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އިލެކްޓްރިކް ވެހިކަލް (އީވީ) އަދި އައު ޓެކްނޮލޮޖީގެ ސާމާނު އުފެއްދުމަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އަދި އާންމުން ގޭގޭގައި ބޭނުންކުރާ އިލެކްޓްރޯނިކްސް ސާމާނާއި ކާރު ފަދަ ތަކެތި ބަދަލުކުރުމަށް މާލީ އެހީތެރިކަން ދެމުންދިޔަ ނަމަވެސް، މީގެ ސަބަބުން އާންމުން ޚަރަދުކުރާ މިންވަރަށް ބޮޑު ބަދަލެއް ނުއާދެއެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ޗައިނާގެ އާންމުން ފައިސާ ޚަރަދުނުކޮށް ސޭވްކުރަނީ އުފެއްދުންތައް މަދުވެގެނެއް ނޫނެވެ. މީގެ އަސްލު ސަބަބަކީ ގައުމީ އުފެއްދުންތެރިކަން ޖީޑީޕީގެ ނިސްބަތުން އާންމު ރައްޔިތުންގެ އަތަށް ލިބޭ އާމްދަނީ މަދުވުމާއި، ސިއްޙީ ފަރުވާއާއި ތައުލީމީ ޚަރަދުތައް ބޮޑުވެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު އެކަށީގެންވާ ވަރަށް ވަރުގަދަ ނުވުމެވެ. މީގެ އިތުރުން ރިއަލް އެސްޓޭޓް މާކެޓް ވެއްޓި ގޭގޭގެ އަގުތައް ދަށްވުމުން އާންމުންގެ މުއްސަނދިކަން ކުޑަވެ، ޚަރަދުކުރުމަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ސަރުކާރުން އުފެއްދުންތެރިކަމަށް އެކަނި އިސްކަންދިނުމުގެ ސަބަބުން ގައުމުގެ އެތެރޭގައި ތަކެތި ވިކޭނެ ގޮތެއް ނެތި، އޯވަރކެޕޭސިޓީ ނުވަތަ ބޭނުންވާ ވަރަށްވުރެ ގިނައިން ތަކެތި އުފެއްދުމުގެ މައްސަލަ ބޮޑުވެ، ތަކެތީގެ އަގުތައް ދަށްވާ "ޑިފްލޭޝަން" ގެ ނުރައްކާ އިގްތިސާދަށް ވަނީ ކުރިމަތިވެފައެވެ.

ބްލޫމްބާގްގެ ރިޕޯޓް ނިންމާލަމުން މާހިރުން ބުނެފައިވަނީ، ޗައިނާގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ބޭނުންނަމަ، ކާރުޚާނާތަކަށް ފައިސާ ދިނުމުގެ ބަދަލުގައި، އާންމު ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ވަރުގަދަކުރަންޖެހޭ ކަމަށެވެ.

ހިއްސާ ކުރައްވާ!