ސައޫދީ އަރަބިއްޔާގެ ޖިއްދާގެ ހޮޓަލަކުން ޔަމަނުގެ ސަރުކާރު އޮޕަރޭޓް ކުރިނަމަވެސް އެގައުމުގެ ޚާރިޖީ ވަޒީރުގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަން ކޮށްފިއެވެ.
ޔަމަނުގެ ރިޔާސީ ލީޑަޝިޕް ކައުންސިލުގެ ރައީސް، ބުރާސްފަތި ދުވަހު ނެރުއްވި ރިޔާސީ ގަރާރަކުން، ޔަމަނުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެނަކު އެ މަގާމަށް އައްޔަންކުރައްވައި، އަފްރާހް އައްޒޫބާ ފޮރިން މިނިސްޓަރު އަދި އެކްސްޕެޓްރިއޭޓްސް އެފެއާޒްގެ މިނިސްޓަރަކަށް ހަމަޖައްސަވައިފިއެވެ.
މި ނިންމުމަކީ ޝާއިޢު އައްޒަންދާނީގެ ސަރުކާރަށް ގެނައި ކުޑަ ބަދަލެއްގެ ތެރެއިން ނިންމި ނިންމުމެކެވެ. މި ބަދަލުގެ ދަށުން ބަދްރު ބާސަލަމާ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން މިނިސްޓަރަކަށް އަދި އަހްދު ޖައުސޫސް ލޯކަލް އެޑްމިނިސްޓްރޭޝަން މިނިސްޓަރަކަށް ވަނީ އައްޔަންކޮށްފައެވެ.
އަފްރާހް މީގެ ކުރިން އަދާކުރެއްވީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން މިނިސްޓަރުގެ މަގާމެވެ. މިއީ 2015 ވަނަ އަހަރަށްފަހު ޔަމަނުގެ ވަޒީރުންގެ މަޖިލީހަށް އަންހެނަކު އެނބުރި ވަޑައިގަތް ފުރަތަމަ ފަހަރެވެ.
އަފްރާހް އައްޒޫބާ އަކީ ކާކު؟
އަފްރާހް އައްޒޫބާ ވަނީ ފެބްރުއަރީ މަހު އެކުލަވާލި އާ ސަރުކާރުގައި ޕްލޭނިން އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން، އެ މަގާމު ފުރުއްވި ފުރަތަމަ ޔަމަނު އަންހެނާގެ ޝަރަފު ހޯއްދަވާފައެވެ.
އައްޒޫބާ އަކީ އާންމު އިދާރީ ހިންގުމާއި، މުއައްސަސާތައް ހަރުދަނާކުރުމާއި، އިގްތިސާދީ ތަރައްގީގެ ދާއިރާއިން 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ބޭކަނބަލެކެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގައި ޔަމަނުގެ އެންމެ ފުންނާބު އުސް މާހިރުންގެ ތެރޭގައި އޭނާ ހިމެނެއެވެ.
އޭނާގެ ހަޔާތުގައި ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، އެހީދޭ ފަރާތްތަކުގެ ވައުދުތައް އަވަހަށް ތަންފީޒުކުރުމަށް އެކުލަވާލި އެގްޒެކްޓިވް ބިއުރޯގެ އެގްޒެކްޓިވް ޑިރެކްޓަރުކަން ހިމެނެއެވެ. އެ މަގާމުގައި ހުންނަވައިގެން ޔަމަނު ސަރުކާރާއި ވޯލްޑް ބޭންކް، އައިއެމްއެފް، އަދި ސައުދީ ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮގްރާމް ފަދަ ބައިނަލްއަގުވާމީ ބައިވެރިންނާ ދެމެދު މަތީ ފެންވަރުގެ މަސައްކަތްތައް އޭނާ ވަނީ ވިލަރެސް ކުރައްވާފައެވެ.
ގައުމީ ފެންވަރުގައި، ނޭޝަނަލް ޑައިލޮގް ކޮންފަރެންސްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި، ގާނޫނު އަސާސީ އެކުލަވާލާ ކޮމިޓީގެ މެމްބަރުކަން އޭނާ އަދާކުރެއްވިއެވެ. އަދި ބޮޑުވަޒީރުގެ ލަފާދޭ މުޝީރެއްގެ ގޮތުން އިންސާނީ އެހީތެރިކަމާއި ތަރައްގީގެ ޕްރޮގްރާމްތަކުގައި މަސައްކަތްކުރެއްވިއެވެ.
އައްޒޫބާ ވަނީ ސަންޢާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީއާއި، މެލޭޝިއާގެ ކެބަންގްސާން ޔުނިވާސިޓީން ކޮމިއުނިޓީ ހެލްތު އެންޑް ހެލްތު އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައެވެ. އަދި ސަންޢާ ޔުނިވާސިޓީން ފާމަސީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ވެސް އޭނާ ހާސިލްކުރައްވާފައިވެއެވެ.







