ޤުރްއާނަށް ޚިދުމަތްކުރެއްވި ބޭފުޅެއް… އަވަހާރަވީ ހިމޭންކަމާއެކުއެވެ. އެބޭފުޅެއްގެ މަޢުލޫމާތު އެނގެނީ މަދު ބަޔަކަށް ކަމުގައިވިޔަސް… އޭނާ ދޫކުރެއްވި ތަރިކަ މަގުދައްކައިދޭ ނޫރެއްގެ ގޮތުގައި ދެމި އޮތެވެ.
މި ފޮޓޯއިން އެފެންނަ ބޭފުޅާއަކީ…
އެއީ ކާކުކަން އެނގެނީ ވަރަށް މަދު ބަޔަކަށެވެ؛ ސަބަބަކީ އޭނާގެ ހަޔާތްޕުޅުގެ މަޢުލޫމާތުތައް، މީޑިއާގެ އަލިކަމުން ބޭރުގައި ސިއްރުވެފައިވުމެވެ. އަދި އެބޭފުޅާގެ ނަންފުޅު އިވިފައިވަނީވެސް މަދު ބަޔަކަށެވެ؛ ސަބަބަކީ އޭނާ ދުނިޔޭގެ ފަހު ދުވަސްތަކުގައި، އެކަހެރިވެވަޑައިގެން ހުންނެވުމަށް އިސްކަން ދެއްވީތީއެވެ.
އެއީ ފަޟީލަތުއްޝައިޚް ޑރ މުޙައްމަދު ބިން އަޙްމަދު ބިންޝަޤްރޫންއެވެ.
އޭނާއަކީ ކީރިތި ޤުރްއާން ފްރެންޗު ބަހުން ތަރުޖަމާކޮށް، 10 ފޮތުގެ މައްޗަށް އެކުލެވޭ ތަފްސީރެއް ފަރަންސޭސީ ބަހުން އެންމެ ފުރަތަމަ އެކުލަވައިލެއްވި ބޭފުޅާއެވެ. އެ ތަފްސީރު އަންނަން އޮތް ޖީލުތަކަށް، ހާއްސަކޮށް މުސްލިމު މައިނޯރިޓީތަކުގެ ހަތަރުވަނަ ޖީލުގެ ދަރިންނަށް ދީން އޮޅުންފިލުވައި ދެނެގަތުމަށްޓަކައި ދޫކުރެއްވިއެވެ.
އަދި ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ފްރާންސާއި ބެލްޖިއަމްގައި އިސްލާމްދީން ޤަބޫލުކުރި އެތައްހާސް މީހުން ވަނީ އެބޭފުޅާގެ ޤުރްއާން ތަފްސީރު ކިޔައި، އެއިން ތައުހީދުގެ ޢަޤީދާގެ މައުލޫމާތު ހޯދާފައެވެ.
އެބޭފުޅާގެ ޚިދުމަތްތައް ހަމައެކަނި މިވަރުން ނިމުނީކީއެއް ނޫނެވެ…
އޭގެ އިތުރުން އެބޭފުޅާ ވަނީ ކީރިތި ޤުރްއާނުގެ މާނަތަކުގެ ރަދީފެއް މުޢުޖަމެއް އެކުލަވައިލައްވާފައެވެ. އަދި "އިސްތިޝްރާޤާއި އިސްލާމްދީން" (Orientalism and Islam) މި މައުލޫއަށް ފޮތެއް ލިޔުއްވައި އެ ފޮތުގެ ޒަރީޢާއިން، ހުޅަނގުގައި އިސްލާމްދީނާމެދު އުފެދިފައިވާ ކުކުށްހީތައް ރަނގަޅުކުރުމަށް ބޮޑު ހިއްސާއެއް ވަނީ އަދާކުރައްވާފައެވެ.
އަދި ޤުރްއާނާއި ޙަދީޘްގެ ޢިލްމުގައި މަރުޖިޢެއްގެ ގޮތުގައި ބެލެވޭ "މަޤާޞިދު އަލްޤުރްއާން އަލްމަޖީދު" ގެ ނަމުގައި އަގުހުރި ފޮތެއްވެސް އެކުލަވައިލެއްވިއެވެ.
އޭގެއިތުރުން ޢަރަބި ބަހާއި ފްރެންޗު ބަހުން 30 އަށްވުރެ ގިނަ ފޮތް އެކުލަވައިލެއްވިއެވެ. މި ފޮތްތަކުގައި އިސްލާމްދީނުގެ މަތިވެރިކަމާއި، މޮރޮކޯގެ ފަޚުރުވެރި ތާރީޚާއި، ޤުރްއާނާއި އޭގެ ޢިލްމުތަކަށް ކުރެވުނު ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.
ޝައިޚް ވަނީ ދުނިޔެ ދޫކުރައްވާފައެވެ…
ނަމަވެސް އެބޭފުޅާގެ އިޚްލާޞްތެރިކަމުގެ ހެއްކެއްގެ ގޮތުގައި އެބޭފުޅާގެ ޢިލްމު ދެމިއޮތެވެ. އަދި އެބޭފުޅާގެ ފޮތްތައް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ދިރާސާކުރާ ފަރާތްތަކަށާއި، ދާޢީންނަށާއި، ޢިލްމު އުނގެނޭ ދަރިވަރުންނަށް މަގުދައްކައިދޭ ނޫރެއްގެ ގޮތުގައި ދެމިއޮތްވެއެވެ.
ޑރ މުޙައްމަދު ބިން އަޙްމަދު ބިންޝަޤްރޫންއަށް ﷲ ރަޙްމަތްލައްވައި، ހެޔޮ ޖަޒާ މިންވަރުކުރައްވާށިއެވެ. އަދި އިސްލާމްދީނަށާއި ކީރިތި ޤުރްއާނަށް އެބޭފުޅާ ކޮށްދެއްވި ޚިދުމަތްތައް ހަސަނާތުގެ ތެރޭގައި ލައްވާށިއެވެ.







