އީރާނުން އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް ދޭ ހަމަލަތަ،ުގެ ފޮޓޯތައް ހާމަވާ ގޮތަށް ހުންނަ ސެޓެލައިޓް ފޮޓޯތައް އާންމު ނުކުރުމަށް އެމެރިކާއިން އީޔޫއަށް އެންގުމުން އެކަމަށް އިޖާބަ ދީފިއެވެ.
އީޔޫގެ ރަސްމީ ގެޒެޓްގައި ޝާއިއުކޮށްފައިވާ ގަރާރެއްގައިވާ ގޮތުން، ޖައްވުން ގަލްފުގެ ސަރަހައްދު ކަވަރުކުރާ "ކޮޕާނިކަސް" ސެޓެލައިޓްގެ ފޮޓޯތައް އާންމުކުރުން 24 ގަޑިއިރަށް ފަސްކޮށްދިނުމަށް އެމެރިކާއިން އެދުނު އެދުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެއްބަސްވެއްޖެއެވެ.
މި ނިންމުން ނިންމާފައި މިވަނީ، އެމެރިކާއިން އީރާނަށް ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތައް އޭގެ އަމާޒަށް ވާސިލުވެފައިވާ ކަން ސާބިތުކޮށް ދިނުމަށް މީޑިއާއިން އެފަދަ ފޮޓޯތައް އާންމު ކުރަން ފެށުމުން އެކަމާ މެދު އެމެރިކާއިން ނުރުހުން ފާޅު ކުރުމުންނެވެ.
އެމެރިކާގެ އޮފިޝަލުން ވަނީ މިފޮޓޯތައް އާންމު ކުރުން މަނާ ކޮށް ދިނުމަށް އެދި އީޔޫގެ ހާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޔާ ކަލާސްއަށް އަންގާފައެވެ. މީގެ ތެރޭގައި ގަލްފު ސަރަހައްދު ކަވަރުކުރާ "ސެންޓިނަލް-1″ ސެޓެލައިޓާއި އަދި "ސެންޓިނަލް-2″ ސެޓެލައިޓުން ލިބޭ މައުލޫމާތުތައް އާންމު ކުރުން މަނާ ކުރުން ހިމެނެއެވެ.
އީޔޫ ކައުންސިލްގެ ގަރާރެއްގައި ބުނެފައިވަނީ، އެމެރިކާގެ މި އެދުމަކީ ޖާއިޒު އެދުމެއް ކަމަށާއި އަދި އެއީ ޒަރޫރީ ކަމެއް ކަމަށެވެ.
މި ސެޓެލައިޓްގެ ފޮޓޯތައް "އެއްވެސް ތިންވަނަ ފަރާތަކުން އީޔޫގެ މަސްލަހަތަށާއި، އެ ޖަމިއްޔާގެ މެންބަރު ގައުމުތަކަށާއި، ނުވަތަ އެ ގައުމުތަކުގެ ބައިވެރިންނަށް ނުރައްކާވާނެ ގޮތަކަށް ބޭނުންކުރުން ހުއްޓުވުމަށް" މި ނިންމުން ނިންމާފައިވާ ކަމަށް އެ ގަރާރުގައި ވެއެވެ.
މި ގަރާރުގެ ދަށުން ފޮޓޯތައް ހާމަ ކުރުން މަނާ ސަރަހައްދުގައި ހިމެނެނީ އެމެރިކާގެ އަސްކަރީ ހަރަކާތްތައް ހިންގަމުންދާ ސަރަހައްދުތަކާއި އެމެރިކާގެ ސިފައިން ތިބޭ ތަންތަނާއި އަދި އެމެރިކާއިން އީރާނާ ދެކޮޅަށް ކަނޑުމަގުން ހިސާރު ކޮށްފައިވާ ގަލްފުގެ ސަރަހައްދެވެ.







