ހުޅަނގު އައްސޭރި ހިފަން ޖެނޮސައިޑް އޮޕަރޭޝަންތަކެއް ފަށަނީ

އިސްރާއީލުގެ ސިޔާސީ ލީޑަރޝިޕުން ހުޅަނގު އައްސޭރި ހިފަން ނިންމައި ޓެރަރިޒަމް ފޮހެލުމަށް ކަމަށް ބުނެ ތަފާތު ސަރަހައްދުތަކުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގުމަށް ނިންމައި ފިއެވެ

އިސްރާއީލުގެ "ޗެނަލް 14″ އިން ރިޕޯޓު ކުރިގޮތުގައި އިސްރާއީލުގެ ސެކިއުރިޓީ ބާރުތަކުން މިހާރު ތައްޔާރުވަމުންދަނީ އޮޕަރޭޝަން ތައް ހާލަތަކަށް ބަދަލުކޮށް އަސްކަރީ ހަރަކާތްތައް ފުޅާކުރުމަށެވެ.

މި ނިންމުން ނިންމާފައިވަނީ ފާއިތުވި ހަފުތާތަކުގައި ފަލަސްތީނުގެ މީހުން ޔަހޫދީން ކިބައިން ސަލާމަތް ވުމަށް ދިފާޢީ ހަމަލާތައް އިތުރު ކުރުމުން ނެވެ.

ހުޅަނގު ކަރާއަކީ ކޮންމެ ވަގުތެއްގައިވެސް ނުރައްކާތެރި މިންވަރަކަށް މަސްރަހު ގޯސްވެދާނެ ސަރަހައްދެއްގެ ގޮތުގައި ޔަހޫދީން ގެ ސަރުކާރުން ބަލައެވެ.

ޣައްޒާ ހަނގުރާމަ ފެށުނީއްސުރެ ހުޅަނގު އައްސޭރި އަށް ދެވިފައިވަނީ ކުޑަ ސަމާލުކަމެއް ކަމަށް ބުނެ، އިސްރާއީލުގެ ވަޒަންވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު އަސްކަރީ ވަސީލަތްތައް އެ ސަރަހައްދަށް ގެންދިއުމަށް މިހާރު ދަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން، އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ބުނީ ހުޅަނގު އައްސޭރީގައި އިސްރާއީލާ ކުރިމަތިލާން ނިންމައިފިނަމަ، އެ ސަރަހައްދާމެދު ކަންތައް ކުރާނީ ޣައްޒާއާއި ލުބުނާނާމެދު ކަންތައް ކުރި ގޮތަށް ޖެނޮސައިޑް އޮޕަރޭޝަނެއް ގެ ގޮތުގައި ކަމަށެވެ. އަދި ޣައްޒާގެ ޝުޖާއިއްޔާއާއި ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އިޝާރާތް ކޮށް އޭނާ ބުނީ އެ ސަރަހައްދުތައް "އެއްކޮށް ނަސްލު ސާފުކޮށް ހަލާކުކޮށްލެވި، މިހާރު ނެތިގޮސްފައިވާ" ކަމަށެވެ.

ކާޓްޒް އިތުރަށް ބުނީ އިސްރާއީލާ ދެކޮޅަށް ހަމަލާތައް ފޮނުވާ ކޮންމެ ރެފިއުޖީ ކޭމްޕެއް ބަލައި ފާސްކޮށް، އެ ތަންތަން ހިފުމަށް ތައްޔާރުވުމަށް އޭނާއާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފައިންނަށް އަމުރުކުރައްވާފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!