ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމުގެ ކުރިން ބައެއް ޝަރުޠުތަކާއި ކޮންމެހެން ބޭނުންވާ ކަންތައްތަކެއް އެމެރިކާއިން ފުރިހަމަ ކޮށްދިނުމަށް އީރާނުން ޝަތުރު ކޮށްފިއެވެ.
އީރާނުގެ ސެކިއުރިޓީ ކައުންސިލްގެ ސެކެޓްރީ މުޙައްމަދު ބާޤިރު ޒުލްޤަދަރު ހާމަކުރައްވާފައިވާ ގޮތުގައި، ކަނޑުގެ މަގުން އީރާނާ ދެކޮޅަށް އަޅާފައިވާ ހިސާރުކުރުން ހުއްޓާލައި، ސަރަހައްދުން ސިފައިން ބޭލުމުގެ އިތުރުން ހަނގުރާމަ މުޅިން ހުއްޓާލުމަށް އެމެރިކާއިން އެއްބަސްވާންޖެހެއެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކަށް އީރާނަށް ބަދަލުދިނުމަށާއި، އެމެރިކާ އިން ފޭރިގެންފައިވާ އީރާނުގެ ފައިސާތަކާއި މުދާތައް ދޫކޮށްލުމަށްވެސް ވަނީ އަންގާފެވެ.
މި ކަންކަމަކީ ވޭތުވެދިޔަ 160 ދުވަހުގެ ތެރޭގައި އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ހޯދުމަށް އެދި އަޑުއުފުލައިފައިވާ ކަންކަން ކަމަށާއި، އެމެރިކާއިން ތަހުޒީބު ގޮތުގައި ސުލޫކުތައް ނުބަހައްޓާހައި ހިނދަކު ހުރުމުޒު ކަނޑުއޮޅި ނުހުޅުވާނެ ކަމަށް އީރާނުން ބުނެއެވެ.
އީރާނުން ބޭނުން ކުރަން ފަށާފައިވަނީ އެމެރިކާ ރައީސް ގެންގެޅެން ފެށި އުސޫލެކެވެ. ޓްރަމްޕް އުޅުނީ މޮޔައަކަށް ހެދިގެން ދެކޮޅު ނުޖެހޭ ވާހަކަތަކާއި ފުށުއަރާ އިންޒާރުތައް ދީ އީރާން ބިރު ގަންނަވާލާށެވެ. މިޙާރު އީރާނުން ދަނީ ދެ އިރު ދެ ދަޅައަށް އެމެރިކާއަށް އޮޅޭ ގޮތަށް މޮޔަ ވާހަކަތަކެއް ކަމަށް ސިފަ ކުރެވޭ ބަޔާންތައް ދެމުންނެވެ. އަދި މި ބަޔާންތައް ދެމުން ދަނީ އީރާނުގެ އެކި މުއައްސަސާތަކުންނެވެ.
މީގެ އިތުރުން އީރާނުން ވަނީ މި ހަނގުރާމައިގައި ކުރި ހޯދާފައެވެ. އެއީ އެމެރިކާގެ ހަތިޔާރު ގުދަން ހުސްވުމުގެ ސަބަބުން އެމެރިކާއަށް ނަފްސާނީ ގޮތުން ފިއްތައި ވެރން ބޯ ހާސް ކޮށްލުމަކީވެސް އީރާނުން ބޭނުން ކުރާ އުކުޅެކެވެ.
ހުރުމުޒު ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގު އުފުލެމުންދާއިރު، މިއީ އެމެރިކާގެ ކޮންގްރެސްގެ އިންތިޚާބަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
މި ކަމާ ގުޅޭގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭ ޑީ ވެންސް ވިދާޅުވެފައިވަނީ، ހުރުމުޒު ކަނޑުއޮޅިން ތެލާއި ގޭސް މިނިވަންކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ހޯދުމަށް މަސައްކަތّް ކުރަމުންދާ ކަމަށާއި، އީރާނާއި އެމެރިކާއާ ދެމެދު ކުރެވޭ މަޝްވަރާތައް އޮތީ މެދާ ހަމައެއްގައި ކަމަށެވެ. އަދި އީރާނުން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ޓެކްސް ނުނަގާނެ ކަމަށާއި، ހަނގުރާމަ ފެށުމުގެ ކުރިން ހުރި ގޮތަށް ތެލާއި ގޭހުގެ ސަޕްލައި އަލުން ފޯރުކޮށްދޭނެ ކަމަށް އީރާނުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން، ހުރުމުޒު ހުޅުވާފައި ބޭއްވުމާ ބެހޭ ގޮތުން އީރާނުން އޮމާނާއެކު ކުރަމުންދާ މަޝްވަރާތައް ވަރަށް ރަނގަޅު މިސްރާބަކަށް ދާ ކަމަށް އުމާނުގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.





