މަސައްކަތު މާހައުލުގެ ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ގޮވާލައްވައިފި

ޒަމާނީ މަސައްކަތު މާހައުލަކީ ހަމައެކަނި އުފެއްދުންތެރިކަމާއި ލަނޑުދަނޑިތަކެއް ޙާޞިލުކުރާ މައިދާނަކަށް ވެގެން ނުވާނެ ކަމަށާއި، ކޮންމެ މުވައްޒަފެއްގެވެސް ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ޤައުމީ ތަރައްޤީގެ އެންމެ މުހިންމު ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އޮފީހަށް ވަންނަ ހިނދު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ ޒިންމާތަކާއި، ޞިއްޙީ ކަންބޮޑުވުންތަކާއި، ދަރިންގެ ކިޔެވުމުގެ ކަންކަމާ ގުޅޭ ފިކުރުތަކާއި އުދާސްތަކެއް ހުންނާނެކަން ފާހަގަކުރައްވަމުން، މުވައްޒަފުންގެ ނަފުސާނީ ޙާލަތަށް ފަރުވާތެރިވުމަކީ މެނޭޖަރުންނާއި ސުޕަވައިޒަރުންގެ ބޮޑު ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ މި ޚާއްޞަ އިންޒާރާއި އިރުޝާދު ދެއްވީ "މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ" ރަސްމީކޮށް ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް (އެން.އެމް.އެޗް.ޑީ)، ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަހާސިންތާގައި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކަންބޮޑުވާންޖެހޭ ފދަ ތަފާސްހިސާބުތަކެއް ވަނީ ހާމަކުރައްވާފައެވެ.

  • އެގޮތުން، ޑިޕްރެޝަނާއި ހާސްކަމުގެ އެންޒައިޓީގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް މުޅި ދުނިޔެއިން ގެއްލިގެންދާކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
  • މިއީ މާލީ އުފެއްދުންތެރިކަމަށް ބަލާއިރު 1 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ގެއްލުމެކެވެ. މިއިން ދައްކުވައިދެނީ ނަފުސާނީ ދުޅަހެޔޮކަން ނެތިދިއުމަކީ ހަމައެކަނި އިންސާނީ މައްސަލައެއް ނޫން ކަމަށާއި، އެއީ މުޅި އިޤްތިޞާދަށް ކުރިމަތިވަމުންދާ ހީނަރުކަމެއް ކަމެވެ.

ދިވެހި މުވައްޒަފުންގެ ޙާލަތާއި ގެންނަންޖެހޭ ބަދަލުތައް

ރާއްޖޭގެ ޙާލަތަށް އަލިއަޅުވާލައްވަމުން، 2021 ވަނަ އަހަރުގެ ސްޓެޕްސް ސާރވޭއިން ދައްކާގޮތުން ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެއަލާމާތްތައް ތަޙައްމަލުކުރާ މީހެއްކަން ސާޖިދާ މުޙައްމަދު ފާހަގަކުރެއްވިއެވެ. ދިވެހި ސިވިލް ސަރވިސްގައި އެތައް ހާސް މުވައްޒަފުންނެއް ޚިދުމަތުގައި ތިއްބަވާއިރު، އޮފީސް މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

މި މަހާސިންތާގެ ތެރެއިން ޢިލްމީ އަދި ޢަމަލީ ކަރުދާސްތައް އެކުލަވާލައި، ދިވެހި އޮފީސްތަކަކީ މުވައްޒަފުންނަށް ނަފުސާނީ ރައްކާތެރިކަން ލިބޭ، އަދި ޚިދުމަތް ހޯދާ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭ ތަންތަނަށް ހެދުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ. ހުރިހާ މުވައްޒަފުންނަށް އިޙްތިރާމްކޮށް، އެކުވެރި މާހައުލެއް ޤާއިމުކުރުމަކީ މުވައްޒަފުންގެ އުފެއްދުންތެރިކަން ދެގުނައަށް އިތުރުކޮށްދޭނެ  ކަމެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރޯޝަނީ ބިލްޑިންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ހިއްސާ ކުރައްވާ!