ގޮންޖެހުންތަކާއެކުވެސް، 1،273 މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

މެދުއިރުމަތީގެ މަސްރަޙު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ޤައުމުގެ އިޤްތިޞާދު ރަނގަޅު މިސްރާބަކަށް ގެންދިޔުމަށް މުހިންމު މަގުފަހިވުންތަކެއް ފެންނަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށް ގެންދާ 'އަހާ' ފޯރަމްގެ 10 ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1،273 ޕްރޮޖެކްޓެއްގެ މަސައްކަތް ސޮއިކުރެވިގެން ކުރިއަށްދާ ކަމަށެވެ. އަދި މި ހުރިހާ މަޝްރޫޢުތަކެއްވެސް ކަމާބެހޭ ވަޒީރުންގެ ސީދާ ބެއްލެވުމުގެ ދަށުން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން އެ ވަޒީރެއް ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ދަށުން ބައްލަވައިގެން، އަދި އަޅުގަނޑުމެން އެ ޕްރިއޯރިޓީޒްތަކާ އެއްގޮތަށް ފައިސާވެސް އެލޮކޭޓް ކުރަމުން މި ގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ. މިއަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، މިއަހަރުގެ މިހާތަނަށް އޭގެ ތެރެއިން 4.8 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

"ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން އެ ވަޒީރެއް ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ދަށުން ބައްލަވައިގެން، އަދި އަޅުގަނޑުމެން އެ ޕްރިއޯރިޓީޒްތަކާ އެއްގޮތަށް ފައިސާ ވެސް އެލޮކޭޓް ކުރަމުން މި ގެންދަނީ. އެހެންވީމަ ހުރިހާ ރަށެއްގެ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް އަޅުގަނޑުމެންނަށް ޕްރިއޯރަޓައިޒް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް މިކުރަނީ ފައިސާގެ އެވައިލިބިޓީއަށް ބަލާފައި،" ޒަރީރު

އިޤްތިޞާދީ ޙާލަތަށް އަލިއުޅުއްވާލަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރު ފެށުނީ ވަރަށް ރަނގަޅު އުންމީދުތަކަކާ އެކު ކަމަށާއި، ފުރަތަމަ ކުއާޓާގައި ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވި ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ސަބްސިޑީގެ ގޮތުގައި ކުރަންޖެހުނު ޚަރަދު ވަނީ ބޮޑުވެފައެވެ. އެގޮތުން މިއަހަރަށް ސަބްސިޑީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައި އޮތް ނަމަވެސް، މިހާތަނަށް 4.3 ބިލިއަން ރުފިޔާ ވަނީ ސަބްސިޑީއަށް ޚަރަދުވެފައެވެ.

"މިއަހަރު އަޅުގަނޑުމެން ފަށައިގަތީ ވަރަށް ރަނގަޅު އަހަރެއްގެ ގޮތުގައި. އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރެއްގެ ގޮތުގައި. އެގޮތުން މިއަހަރުގެ ފުރަތަމަކުއާޓާ އަކީ ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ކުއާޓާ އެއް،" ޒަރީރު

މި ސަރުކާރުގެ ވެރިކަމުގެ ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި ދަރަނި ދެއްކުމަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ، މިއަހަރަކީ ދަރަނި ދެއްކުމުގެ އެންމެ ބުރަ އަހަރު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ބޭރު ފައިސާ ލިބޭނެ މަގުތައް ފަހިވަމުންދާ ކަމަށާއި، މި އަހަރު ނިމުމަށްފަހު ރާއްޖެއިން ބޮޑެތި ދަރަނިތަކެއް ދައްކަން ނެތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭނީ ލިބޭ އާމްދަނީން ފަސޭހައިން ދެއްކޭވަރުގެ ދަރަނިތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!