ޓްރަމްޕް ކުޑަ ގޮޅިއެއްގައި ބަންދުކޮށްފައިވާ މަންޒަރު ދައްކުވައިދޭ ހަރަކާތެއް ފަށައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަވާ އެކްޓަރަކު ކުޑަ ގޮޅިއެއްގައި ބަންދުކޮށްފައިވާ މަންޒަރު ދައްކުވައިދޭ ޚާއްސަ އާންމު ހަރަކާތެއް އީރާނުގެ ވެރިރަށް ތެހެރާންގެ ތަޖްރީޝް މައިދާންގައި އެ ސިޓީގެ ކައުންސިލުން އިސްނަގައިގެން ފަށައިފިއެވެ. މިއީ އީރާނުގެ މުނިސިޕަލް އިދާރާތަކުން ކުރިއަށްގެންދާ ޕްރޮޕެގަންޑާ ކެމްޕޭނެއްގެ ދަށުން، އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ.

އުސްކޮށް ތައްޔާރުކޮށްފައިވާ މި ކުޑަ ގޮޅީގައި އެނދަކާއި ފާޚާނާއެއް ހިމަނާފައިވާއިރު، ޓްރަމްޕްގެ މާސްކެއް އަޅައިގެން، ކަޅު ކޯޓުފަޓުލޫނާ އެކު ހުރި އެކްޓަރަކު ދަނީ ގޮޅީގެ ތެރޭގައި ހިނގާ، ދަނޑިތަކުގައި ހިފާ، އަދި އެނދުގައި އޮށޯވެލައިގެން އޮވެ ތިރީގައި ތިބި އާންމުންނާ މުއާމަލާތްކުރަމުންނެވެ. މި ސަރަހައްދުގައި ބަހައްޓާފައިވާ ބޮޑު ސްކްރީނަކުން ދަނީ އެމެރިކާއިން ހިންގާފައިވާ "ހަނގުރާމައިގެ ޖަރީމާތައް" ކުށްވެރިކޮށް މެސެޖުތައް އާންމުކުރަމުންނެވެ. އޭގެ ތެރޭގައި މިއަހަރުގެ ކުރީކޮޅު އީރާނުގެ ދެކުނުގައި ބޭއްވި ކައިވެނި ހަފްލާއަކަށް އެމެރިކާއިން ދިން ހަމަލާވެސް ހިމެނެއެވެ.

މި ހަރަކާތް އިންތިޒާމުކުރި ތެހެރާންގެ ބިއުޓިފިކޭޝަން އޯގަނައިޒޭޝަނުން މިއަށް ދީފައިވާ ޝިއާރަކީ "މި މަންޒަރު ނުފެނުމަކީ ޖަރީމާއެއް" މިއެވެ. ސިޓީގެ މަސްއޫލުވެރިން ފާހަގަކުރެއްވި ގޮތުގައި، މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އުދުވާނުގައި އާންމުންނަށް ލިބުނު ގެއްލުންތަކަށް އިންސާފު ހޯދުމަށް ގޮވާލާ ގޮވާލުންތައް ހަނދާންކޮށްދިނުމަށް ބަހައްޓާފައިވާ ވަގުތީ އުފެއްދުމެކެވެ. 24 ގަޑިއިރު ހިނގާ މި ހަރަކާތް ބަލާލުމަށް ގިނަ އަދަދެއްގެ އާންމުން ދަނީ އެ ސަރަހައްދަށް އެއްވަމުންނެވެ.

މަގުމަތިން ދާ އާންމުން ދަނީ މި މަންޒަރުތައް ވީޑިއޯކޮށް، ފޮޓޯނަގައި، އެކްޓަރާ ވާހަކަދައްކަމުންނެވެ. ބައެއް އާންމުން ޓްރަމްޕް ކުޑަ ގޮޅިއެއްގައި ބަންދުކޮށްފައި ހުރުމުން ކަފާލާތުގެ ޚަރަދާ މެދު ސަމާސާކުރާއިރު، އަނެއް ބަޔަކު ދަނީ އެމެރިކާގެ ރައީސާ މެދު އޮތް ނުރުހުމާއި ޚިލާފުތައް ފާޅުކުރަމުންނެވެ.

އީރާނުގެ އަލްއާލަމް ޗެނަލުން "އެމެރިކާގެ ރައީސް ތެހެރާންގެ ކުޑަ ގޮޅިއެއްގައި" މި ސުރުޚީގެ ދަށުން ވަނީ މި ހަރަކާތުގެ ޚާއްސަ ރިޕޯޓެއް އާންމުކޮށްފައެވެ.

ހިއްސާ ކުރައްވާ!