ޒަޔަނިސްޓުންގެ ޕްރޮޕެގެންޑާއަށް އެމެރިކާއިން ބުރަދަނެއް ދީފި

ހިފާފައިވާ ޖޯލާންގެ އުސްބިންތަކަށް ޙިޒްބުﷲ އިން ހަމަލަ ދިން ކަމަށް އިޒްރޭލުން ފަތުރާފައިވާ ޕްރޮޕެގެންޑާއަށް އެމެރިކާއިން ވަނީ ބުރަދަނެއް ދީފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ވަނީ ހިފާފައިވާ ޖޯލާންގެ ދުރޫޒް މީހުން ދިރިއުޅޭ މަޖްދަލް ޝަމްސް އަވަށަށް ދީފައިވާ ރޮކެޓް ޙަމަލާ އައިސްފައި ވަނީ ޙިޒްބުﷲއިން ކޮންޓްރޯލު ކުރާ ދެކުނު ލުބުނާނުން ކަމަށް ބުނެފައެވެ.

ބެލެވޭ ގޮތުގައި އެމެރިކާއާއި އިޒްރޭލުން މަސައްކަތް ކުރަމުން ދަނީ އެމެރިކާގެ ރިއާސީ އިންތިޚާބާ ދިމާކޮށް މެދުއިރުމަތީގައި އިތުރު ހަމަނުޖެހުމެއް ފަށައި ލުބުނާނަށް ޙަމަލަ ދޭށެވެ، އަދި ޒަޔަނިސްޓުންގެ ބޮޑު ވަޒިރު ނަތަންޔާހޫ ބޭނުންވަނީ އީރާނުވެސް މި ހަނގުރާމައިގެ ތެރެއަށް ވައްދައި އެމެރިކާއިން އީރާނަށް ޙަމަލަ ދޭށެވެ.

އިޒްރޭލުގެ ސިފައިންގެ ރޭޑިއޯއިން ހާމަކުރި ގޮތުގައި ސިފައިން ވަނީ ލުބުނާނަށް ހަމަލާއެއް ދޭން ބޭނުންކުރާނެ ގޮތްތަކާ ބެހޭ ގޮތުން ލިޔުމެއް ތައްޔާރުކޮށް ސިޔާސީ ވެރިންގެ ރުހުން ހޯދުމަށް ހުށަހަޅާފައެވެ. ޒަޔަނިސްޓުންގެ މަސްއޫލުވެރިން ބުނެފައި ވަނީ، ނަތަންޔާހޫ ބާއްވަމުން ގެންދާ މަޝްވަރާތަކުގައި ސިފައިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ދަނީ ވިސްނަމުންނެވެ.

ނަތަންޔާހޫ އެމެރިކާއަށް ކުރި ޒިޔާރަތުގައި ކޮންގްރެސްގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ (ފަލަސްތީނުގެ ނަސްލު ނައްތާލުމަށް) ފަށާފައިވާ މަސައްކަތް ނިންމާލުމަށް ބޭނުންވާ ހަތިޔާރު އެމެރިކާއިން ދޭން ޖެހޭނެ ކަމަށެވެ، އަދި އެކަން އަވަސްކުރަން ޖެހޭނެ ކަމަށެވެ. ގަތުލުއާންމު ހިންގާފައިވާ މުޖުރިމެއްކަމަށް ދުނިޔެ ބަލައިގެންފައިވާ، ނަތަންޔާހޫގެ އެޖުމުލަ ނިމުމާއެކު، ދުނިޔޭގެ އެންމެ ޒަމާންވީ ޑިމޮކްރެސީކަމަށް ބުނަމުން އައި އެމެރިކާގެ ކޮންގްރެސްގެ ދެގޭގެ މެމްބަރުން ވަނީ ކޮއްޅަށް ތެދުވެ ޒަޔަނިސްޓު ލީޑަރަށް އަދަބު ތަޢުޡީމު އަދާކޮށްފައެވެ.

އިޒްރޭލު ސިފައިންގެ ރޭޑިއޯއިން ބުނާގޮތުގައި ދެކުނު ލުބުނާނަށް ހަރުކަށި ފިޔަވަޅު އެޅުމަށް އެމީހުންގެ ޕްލޭންގައި ހިމަނާފައި ވެއެވެ. ނަމަވެސް އިޒްރޭލުން ލުބުނާނާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް ނުފަށާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!