ބަލޫޗިސްތާންގައި ނިޒާމުން ގެއްލުވާލައި އެކަހެރި ކުރަމުންދަނީ

ބަލޫޗިސްތާންގައި ނިޒާމުން ގެއްލިފައިވާ މީހުންނާ ބެހޭ ޖަމުއިއްޔާ ވޮއިސް އޮފް ބަލޫޗް މިސިންގ ޕާސަންސް އިން ބުނާ ގޮތުގައި 45،000 އަށް ވުރެ ގިނަ ބަލޫޗް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ވަނީ ޕާކިސްތާންގައި ނިޒާމުން ގެއްލިފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެމީހުން ވަނީ ސިފައިން ކޮންޓްރޯލު ކުރާ ކޭމްޕްތަކުގައި ބައިތިއްބާފައެވެ.

އދ.ގެ ވޯކިން ގްރޫޕް އޮން އެންފޯސްޑް އޯ އިންވޮލަންޓަރީ ޑިސްޕެއަރެންސް އިން ވެސް ވަނީ ބަލޫޗިސްތާން ސަރަހައްދުގައި ގަދަކަމުން ގެއްލުވާލާ މީހުންގެ ޢަދަދު ގިނަވުމުން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އާންމުކޮށް މި ތުހުމަތުތަކާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މިކަން ދޮގުކޮށްފައެއްވެސް ނުވެއެވެ.

ޕޭޝާވަރުގައިވެސް މިފަދަ ކޭމްޕްތައް ސިފައިން ގެންގުޅޭކަމަށް ތުހުމަތުކޮށް، އެ މައްސަލަ ޕީޝާވަރު ހައިކޯޓަށް ހުށަހެޅުމުން 2019ގައި އެމައްސަލަ ބަލާފައި ވެއެވެ.

ހައިކޯޓުން ވަނީ، އެ މަރުކަޒުތަކަކީ އިންސާނީ އަސާސީ ޙައްޤުތަކާއި ޚިލާފު އަދި ޝަރުއީ ނިންމުމެއް ނެތި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ބޭނުންކުރާ ގާނޫނާ ޚިލާފް ތަންތަން ކަމަށް ބުނެފައެވެ. ހައިކޯޓުން އިޢުތިރާޟް ކުރުމާއެކުވެސް ޚައިބަރު ޕަޚްތޫން ޚުވާގައި އެފަދަ ކޭމްޕްތައް ސިފައިން ހިންގަމުން ގެންދާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދެއެވެ.

އިދިކޮޅު ފަރާތްތަކުން ބިރު ގަންނަނީ، ގާނޫނުގެތެރެއިން ނޫނީ، ދުސްތޫރީ ވަސީލަތެއް ބޭނުން ކޮށްގެން ގުއަންޓަނާމޯ ކޭމްޕާ އެއްފަދަ މިކޭމްޕްތައް ގާނޫނީ ބާރުލިބިގެންވާ ތަންތަން ކަމަށް ޕާކިސްތާން ސަރުކާރުން ބަދަލުކޮށްފާނެތީއެވެ.

ގުއަންޓަނާމޯއަކީ ނަންހުތުރު މަރުކަޒެކެވެ. މިއީ އެމެރިކާއިން މުސްލިމުންނަށް އަނިޔާކުރުމަށް ބޭނުން ކުރި މަރުކަޒެކެވެ.

ބަލޫޗިސްތާނުގައި ޖަލުތަކުގެ ހާލަތަކީ، ވޭންދެނިވި ތަންތަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެފަރާތްތަކުން ބުނަނީ، ޞިއްޙީ ވަސީލަތްތަކާއި މުވައްޒަފުން ނެތުމުގެ ސަބަބުން ޤައިދީންގެ މެދުގައި ބޮޑެތި ބަލިތައް ގައިންގަޔަށް އަރަމުންދާ ކަމަށެވެ. ބަލޫޗިސްތާން ޕްރޮވިންސްގެ 12 ޖަލުގެ ތެރެއިން 10 ޖަލެއްގައި ފަރުވާދޭން ޑޮކްޓަރުންނެއް ނުތިބެއެވެ. އަދި އެތަންތަނަށް ޑޮކްޓަރުން ވަޒީފާއަށް ވައްދަން ފައިސާ ނެތްކަމަށް ބަލޫޗިސްތާނު ސަރުކާރުން އެއްބަސްވެއެވެ.

ޖަލުތަކަށް ބޭނުންވާ ބަޖެޓް ކަނޑާލުމުން ހާލަތު އިތުރަށް ގޯސްވެފައިވާއިރު، ފާއިތުވި އަހަރުތަކުގައި ގައިދީންނަށް ބޭސް ގަތުމަށް ދޭ ފައިސާގެ ދެބައިކުޅަ އެއްބައި ވެސް ވަނީ މަދުކޮށްފައެވެ. މިމައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ބަލޫޗިސްތާން ހައިކޯޓުގެ އުއްތަމަ ފަނޑިޔާރު ނައީމް އަޚްތަރު އަފްޣާން ވަނީ ދާދި ފަހުން ވަނީ މިކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!